ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމަޔަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހއ. އަތޮޅުން ލ. އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މި އަތޮޅުތަކަށް ވައިޓް އެލަރޓް ނެރިފައި ވަނީ މެންދުރު 14:15ން ރޭގަނޑު 19:15 ށެވެ.
ހއ. އަތޮޅުން ލ.އަތޮޅަށް ވައިޓް އެލަރ ޓް ނެރިފައިވާއިރު، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މެދުތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަކުރާނެ އެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެން ވާއިރު، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުން ބުނީ ދެކުނުގެ ކަނޑުތަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެ، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.