މާލެ ސަރަހައްދު 'ލޮކްޑައުން' ކޮށްފައި ވަނިކޮށް، ލޮކްޑައުންއާއި ހިލާފުވެގެން ޖޫރިމަނާ ކުރި ފަރާތްތައް ޖޫރިމަނާ ފީ އޮންލައިންކޮށް ދެއްކޭނެ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުއްﷲ ޖަމީލު ވިދާޅުވެއްޖެ އެވެ.
ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސީޖީ ފަތުހުއްﷲ ވިދާޅުވީ އޮންލައިންކޮށް އެ ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ އިރު، މިހާރުވެސް ބައެއް ފަރާތްތަކުން ފައިސާ ދައްކާފައިވާ ކަމަށެވެ.
ފަތުހުﷲ ވިދާޅުވީ ލޮކްޑައުންއާއި ގުޅިގެން ގިނަ އަދަދެއްގެ މީހުން ޖޫރިމަނާކޮށްފައިވާ ކަމަށާއި، މި ފައިސާ އަކީ އޮންލައިންކޮށް ދެއްކޭނެ ފައިސާ ކަމަށެވެ. އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރާ ހުރިހާ ޖޫރިމަނާއެއް ވެސް އޮންލައިންކޮށް ދެއްކޭނެ ކަމަށާއި، ނަމަވެސް ފައިސާ ދައްކާފައި ވަނީ މަދު ބައެއް ކަމަށް ވިދާޅުވި އެވެ.
ފަތުހުﷲ ވިދާޅުވީ ޖޫރިމަނާ ފައިސާއަކީ ޓެކްސް ފައިސާއެއް ނޫންކަމުން، އެ ޖޫރިމަނާއަށް ލުއިދޭނީ ޖޫރިމަނާ ކުރާ ފަރާތުން ކަމަށެވެ. އަދި އެއީ މީރާގެ މަސައްކަތެއް ނޫން ކަމަށާއި، މީރާއިން ކުރަން ޖެހޭ ކަމަކީ ޖޫރިމަނާގެ ފައިސާ ބަލައިގަތުން ކަމަށް ފަތުހުﷲ ވިދާޅުވި އެވެ.
ލޮކްޑައުންއާއި ހިލާފުވެގެން މިހާތަނަށް 5657 މީހަކު ވަނީ ޖޫރިމަނާ ކޮށްފަ އެވެ. ލޮކްޑައުންއާއި ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރަނީ 1000 ރުފިޔާއިންނެވެ. އެހެންކަމުން މިހާތަނަށް ލޮކްޑައުންއާއި ހިލާފުވެގެން ދައުލަތަށް 5.6 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.