ބިދޭސީންނަކީ އެހާ ފަސޭހައިން ޑޮކްޓަރަށް ދެއްކުމުގެ އާދަ ހުންނަ ބައެއް ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެފިޑަމޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ރޭ ނޭޝަނަލް އިމަރެޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑް-19ށް ޓެސްޓު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ބިދޭސީންގެ ކަންކަން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަަމަށެވެ. ނަމަވެސް ބިދޭސީންގެ ކޮމިއުނިޓީއަކީ އެހާ ފަސޭހައިން ޑޮކްޓަރަށް ދެއްކުމުގެ އާދަކާދަ ހުންނަ ބައެއް ނޫން ކަމަށާއި، ޑޮކްޓަރަށް ދައްކަނީ ބަލީގައި ވަރަށް ބޮޑުވީމަ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ބިދޭސީންގެ ތެރޭގައި ގިނަ ފަހަރު ވާ އެއްޗަކީ އެހާ ފަސޭހައިން ޑޮކްޓަރަށް ދައްކަން އެ އާދަކާދަ ހުންނަ ބައެއް ނޫން. ވަރަށް ބޮޑު ވަރުވީމަ ޑޮކްޓަރަށް ދައްކަނީ. އުދަނގުލެއް ވިޔަސް އެއަށް ކެތްކޮށްލައިގެން ހުރުމުގެ ބިހޭވިޔަރއެއް ހުންނަނީ. މާބޮޑަށް ބަލީގެ އަސަރު ގޯސްވެގެން ގޮސް މި ސަޑަން މަރެއް މިވަނީ. އެހިސާބުން މި ފާހަގަވަނީ.އެފިޑަމޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ބިދޭސީންނަށް ޚާއްސަ ސަމާލުކަމެއް ދެއެވެ. އެގޮތުން ބިދޭސީން މާލޭގައި ދިރިއުޅެމުންދާ 24 ތަނެއް ފުލުހުން ދަނީ މޮނިޓަރ ކުރަމުންނެވެ.
މީގެ އިތުރުން މާލޭގައި ތޮއްޖެހިގެން ދިރިއުޅެމުންދާ ބިދޭސީން އެއަށްވުރެ ރަނގަޅު ތަންތަނަށް ބަދަލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ގިނަ ބިދޭސީންތަކެއް ފެސިލިޓީތަކަށް ވަނީ ބަދަލުކޮށްފައެވެ. އަދި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީން ގައުމަށް ފޮނުވުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.