ރާއްޖޭގެ އުތުރާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން އަންގާރަ ދުވަހުގެ ރޭ 08:00ން ބުދަ ދުވަހުގެ ރޭ 08:00ށް މޫސުން ކުރިޔަށް ލަފާކުރާ ގޮތް ޢާންމުކޮށްފައި ވާއިރު، އުތުރާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށް ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާނެ އަދި ގުގުރުން އެކަށީގެންވާކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި އަދި އެހެން ހިސާބުތަކަށް ހުޅަނގުު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ގަދަ ވުން އެކަށީގެން ވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނެފައި މެދުތެރެއާއި އުތުރުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދަައިގެ ވަރަކަށް މަޑުވާނެކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމެއް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.
ބޯކޮށް ވާރޭ ވެހި، ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީވެ، ޢާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.