މިހާތަނަށް ކޮވިޑް-19ށް 866.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވާކަން ހާމަ ވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ކޮވިޑްގެ ތަފާސްހިސާބުތައް ދައްކާގޮތުން މެއި މަހުގެ 14 ވަނަ ދުވަހާއި ހަމައަށް 866.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވެއެވެ.
ކޮވިޑަށް ޚަރަދު ކުރި ތަފާސް ހިސާބުގެ ފުރަތަމަ ހަފުތާގައި ދައްކާ ގޮތުން 665.4 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފަ އެވެ. އަދި އޭގެ ފަހުން ދެވަނަ ހަފުތާގައި ޚަރަދުކޮށްފައި ވަނީ 148.8 މިލިއަން ރުފިޔާ އެވެ. އަދި ތިން ވަނަ ހަފުތާގައި ޚަރަދު ކޮށްފައިވަނީ 59.1 މިލިއަން ރުފިޔާ އެވެ.
ނަމަވެސް އެ ހަފުތާގައި ޞިއްޙީ އަލާތްތައް ގަތުމަށް ކޮށްފައިވާ އޯޑަރުތައް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކެންސަލް ކުރުމާއި ގުޅިގެން ޖުމުލަ ކޮވިޑަށް ޚަރަދު ކުރެވުނު ޢަދަދު ވަނީ ތިން ވަނަ ހަފުތާގައި ހުރި ޖުމުލަ ޢަދަދަށްވުރެ މި ހަފުތާގައި ހުރި ޢަދަދު ދަށްވެފަ އެވެ.
ތިންވަނަ ހަފުތާއާ ހަމަށް 873.3 މިލިއަން ރުފިޔާ ޚަރަދުވިކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. ނަމަވެސް ހަތަރު ވަނަ ހަފުތާގައި މި ޢަދަދު ހުރީ 866.9 މިލިއަން ރުފިޔާގަ އެވެ. އެހެންކަމުން ކުރީ ހަފުތާގެ ޖުމުލަ ޢަދަދަށްވުރެ މި ހަފުތާގެ ޖުމުލަ ޢަދަދު ވަނީ 6.4 މިލިއަން ދަށްވެފަ އެވެ. މިއީ 0.7 އިންސައްތައިގެ ދަށްވުމެކެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހަތަރު ވަނަ ހަފުތާއާ ހަމައަށް އެންމެ ގިނަ ޚަރަދުތައް ހިނގާފައި ވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަށެވެ. އެގޮތުން މިހާތަނަށް 651.7 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ.