ކޯޓުތަކުގެ މަސައްކަތްތަކަށް ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ ސިއްޙީ އާލަތްތައް ނެތުމާއި އިންޓަރނެޓުގެ ދަތިތައްކަމަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.
ހޯމަ ދުވަހުގެރޭ ރާއްޖެޓީވީގެ ކޮވިޑް-19 ކަވަރޭޖަށް ދެއްވި އިންޓަރވިއުއެއްގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. އަބްދުﷲ ނަޒީރް ވިދާޅުވީ، މި ވަގުތު ކޯޓުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ކޯޓުތަކުގެ މުވައްޒަފުންނަށް ބޭނުންވާ ސިއްޙީ އާލަތްތައް ނެތުމާއި، އިންޓަރނެޓު ލިބުމުގައި ހުރި ދަތިތައް ކަމަށެވެ.
ނަޒީރް ވިދާޅުވީ، ޚާއްސަކޮށް އަތޮޅު ތެރޭގެ ކޯޓުތަކުގެ މުވައްޒަފުންނަށް ބޭނުންވާ މާސްކާއި، އަންގި އަދި ސެނިޓައިޒަރ ލިބުމުގައި ވަރަށް ބޮޑު ދަތިތަކެއް ހުރި ކަމަށާއި، އެކަން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ)އާ ވެސް ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
އެކަމާއި ގުޅޭގޮތުން އަމްރު ވިދާޅުވީ، އެތަކެތީގެ ސްޓޮކް ބޭނުންވާ ވަރަށް އެބަހުރި ކަމަށާއި، ބޭނުންވާ ވަރަށް ސްޓޮކް އެބަހުރި ކަމަށެވެ. ނަމަވެސް ލިބިފައިވާ ރިކުއެސްޓުތަކަށް ތަކެތި ދޫކުރުމުގައި ބަލަންޖެހޭ ކަންކަން ހުންނަކަން އަމްރު ފާހަގަ ކުރެއްވިއެވެ.
އެކަހަލަ ދައްޗެއް ނޫޅޭ އަސްލުގައި އެއީ، އަޅުގަނޑުމެންގެ އެވަރަށް ސްޓޮކް އެބަހުރި އެއާއެކު ދަތިކަމެއް ނެތި މާސްކް ފޯރުކޮށްދެވޭނެ، އެެހެން ނަމަވެސް މުޅި ރާއްޖެއަށް ބޭނުންވާ ވަރުގެ އަދަދުތަކުން ރިކުއެސްޓް އައިސްފައި، އެހެންވީމާ ކޮންމެސް ވަރަކަށް އަޅުގަނޑުމެންވެސް ދޫކުރާއިރު ބަލާލަންޖެހޭ، އަޅުގަނޑުމެން އެންއީއޯސީއާ މަޝްވަރާ ކުރެވި އެންއީއޯސީގެ ލަފައާއެކު އެތަކެތި ދޫކުރާނީ، އެއީ ބަލަން ބޭނުންވޭ ކޮންތާކަށް ކިހާވަރެއްތޯ މި ދޫކުރެވެނީ،އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު
ޝަރުއީ ދާއިރާގައި ހުރި ދަތިތައް ފާހަގަކުރައްވައި ނަޒީރު އިތުރަށް ވިދާޅުވީ، ބައެއް މުވައްޒަފުން ގޭގައިވެސް މަސައްކަތް ކުރަމުންދާއިރު، އިންޓަރނެޓުގެ ދަތިކަން ކުރިމަތިވާ ކަމަށެވެ. އެއާއެކު އައު ނޯރމަލްއަކަށް ތައްޔާރުވެ، ވީޑިއޯ ކޮންފަރެންސް ނިޒާމުން ޝަރީއަތްތައްވެސް ކުރިއަށް ގެންދިއުމަށް އަމާޒު ހިފާފައިވާއިރު، އިންޓަރނެޓު ލިބުމުގައި ހުރި ދަތިތަކަކީ މިވަގުތަށް އޮތް ގޮންޖެހުމެއްކަން ނަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.