ކަނޑުމަގުން ރާއްޖެ އަންނަ 15 މީޓަރަށް ވުރެން ކުޑަ ފަތުރުވެރިކަމުގެ އުޅަނދުފަހަރަށް އިންވާރޑް އަދި އައުޓްވާރޑް ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ މީގެކުރިން ނެގި 1000 ރުފިޔާގެ ބަދަލުގައި 250 ރުފިޔާ ނެގުމަށް ނިންމުމަކީ އެ ދާއިރާއަށް ލިބުނު ކުރިއެރުމެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ މޯލްޑިވްސް) އިން ބުނެފި އެވެ.
ހއ. އުލިގަމުގައި ބަނދަރުކުރާ ފަތުރުވެރިކަމުގެ އުޅަނދު ފަހަރުން، ކަސްޓަމްސްއިން ނަގާ ފީތަކަށާއި އަމަލުކުރާ އުޞޫލުތަކަށް ވަނީ ވަރަށްބޮޑެތި ލުއިފަސޭހަތަކެއް ގެނެސްފަ އެވެ.
މި ހިނގާ މެއި މަހުގެ 23 ވަނަ ދުވަހު ކަސްޓަމްސްގެ އާންމު ގަވާއިދަށް އިސްލާހު ގެނެސް ގެޒެޓްގައި ޝާއިއުކޮށްފައި ވާއިރު، އިސްލާޙު ކުރެވުނު ޤަވާއިދުގައި އުލިގަމުގައި ބަނދަރުކުރާ ޔޮޓް ފަހަރާއި ގުޅުންހުރި މުޙިއްމު އިސްލާޙީ ބަދަލުތަކުގެ ހިމެނެއެވެ. އެގޮތުން، ކަނޑައެޅޭ ވަކި ސައިޒެއްގެ އުޅަނދު ފަހަރަށް އިންވާޑް އަދި އައުޓްވާޑް ކްލިއަރެންސް ފީ ކުޑަކުރުމާއި، ޕްރޮވިޜަންގެ ބޭނުމަށް އަންނަ އުޅަނދު ފަހަރަށް އޭޖެންޓަކު ނެތި 7 ދުވަސްވަންދެން ބަނދަރުގައި އޮވެވުމާއި، އެޖެންޓަކު އައްޔަންނުކޮށް ރާއްޖެ އަންނަ މިފަދަ އުޅަނދުތަކަށް އޭޖެންޓުން އައްޔަނުކުރުމަށް އެކަށީގެންވާ ވަގުތުތަކެއް ދިނުން ހިިމެނެއެވެ.
މީގެއިތުރުން ރާއްޖެ އަންނަ، 15 މީޓަރަށްވުރެ ކުޑަ، ފަތުރުވެރިކަމުގެ އުޅަނދުފަހަރު، ރާއްޖެ އައުމުގެ 12 ގަޑިއިރު ކުރިން، އެސްޓިމޭޓަޑް ޓައިމް އޮފް އެރައިވަލް ހުށަނޭޅޭ ޙާލަތުގައި، އެސްޓިމޭޓަޑް ޓައިމް އޮފް އެރައިވަލް ހުށަނޭޅުނު ސަބަބު ބަޔާންކޮށް، ހުށަހަޅާ ލިޔުމާއެކު، ކްލިއަރެންސް ހޯދުމަށް އެދި ހުށަހަޅަންވާނެކަމަށް އިސްލާހުގައި ވެއެވެ. އުޅަނދުގެ އެސްޓިމޭޓަޑް ޓައިމް އޮފް އެރައިވަލްއަށް އަންނަ ބަދަލުތައް، ކަސްޓަމްސް އިން ކަނޑައަޅާ ވަސީލަތެއް މެދުވެރިކޮށް، ކަސްޓަމްސް އަށް އަންގަންޖެހެއެވެ. ކަނޑުމަގުން ރާއްޖެ އަންނަ 15 މީޓަރަށް ވުރެން ކުޑަ ފަތުރުވެރިކަމުގެ އުޅަނދުފަހަރަށް އިންވާރޑް އަދި އައުޓްވާރޑް ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ މީގެކުރިން ނެގި 1000 ރުފިޔާގެ ބަދަލުގައި 250 ރުފިޔާއެވެ.
ނަމަވެސް، 15 މީޓަރަށްވުރެ ކުޑަ ފަތުރުވެރިކަމުގެ އުޅަނދުތައް ފިޔަވައި، ކަނޑުމަގުން އަންނަ އުޅަނދު ފަހަރަށް އިންވާޑް އަދި އައުޓްވާޑް ކްލިއަރެންސް ދިނުމުގެ ފީއަކަށް ނެގުމަށް ހަމަޖެހިފައިވަނި 1000 ރުފިޔާއެވެ. މިއީ އުލިގަމަށް އަންނަ އުޅަނދު ފަހަރަށްވުރެ ބޮޑަށް، ރާއްޖެއަށް ބަނދަރުކުރާ އާންމު އުޅަނދު ފަހަރާއި ގުޅުންހުރި މާއްދާ އެކެވެ.
މި އިސްލާހުތަކާއި ގުޅިގެން މާޔާ މޯލްޑިވްސްއިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ އަގުތައް ކުޑަކުރުމަށް މިގެނެވުނު ބަދަލާ ގުޅިގެން ކަސްޓަމްސް އަށް ޝުކުރު އަދާކޮށްފަ އެވެ. އަދި މިކަމުގެ ސަބަބުން އާންމުނަށް އިތުރު ފަސޭހަތަކެއް ލިބި މިދާއިރާއަށް އިތުރު ކުރި އެރުންތަކެއް ލިބިގެންދާނެ ކަމަށް މާޔާ މޯލްޑިވްސް އިން ބުނެ އެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އުލިގަމަށް ވަޑައިގެން، އުލިގަމު ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވަޢުދަކީ އުލިގަމަށް ބަނދަރުކުރާ އުޅަނދު ފަހަރުން ނަގާ ބޮޑެތި ފީތައް މުރާޖަޢާކުރެވި، އުލިގަމު ޔޮޓް ޓުއަރިޒަމަށް އަލުން ދިރުން ގެނެސްދެއްވާނެކަމުގެ އުފާވެރި ވަޢުދެވެ.