ވިހަން ދިއުމަށް އާދިއްތަ ދުވަހު ހުރިހާ ކަމެއް ހަމަޖައްސައިދިން ކަމަށް ށ. ނަރުދޫ ސިއްހީ މަރުކަޒުން ބުނެފި އެވެ.
ނަރުދޫ އަންހެނަކު ވިހަން ގެންދިއުން ލަސްވެ ބަނޑަށް ހޯމަ ދުވަހު ދަރިފުޅު މަރުވި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.
މިމައްސަލައާ ގުޅިގެން ސިއްހީ މަރުކަޒުން ރާއްޖެއެމްވީއަށް މައުލޫމާތު ދިން މުއައްޒަފެއް ބުނީ ށ. ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ދިއުމަށް އައިލާއިން އެދުނު ކަމަށާއި، ނަމަވެސް ފުނަދޫގެ އޮޕަރޭޝަން ތިއޭޓަރުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެހޮސްޕިޓަލުން ބުނެފައިވާތީ ހދ. ކުޅުދުއްފުށި ހޮސްޕިޓަލަށް ދިއުމަށް ހަމަޖައްސައިދިން ކަމަށެވެ.
ނަރުދޫގެ ސިއްހީ މަރުކަޒުން ކުޅުއްދުއްފުށީ ހޮސްޕިޓަލަށް ގުޅައި، ހުރިހާ އިންތިޒާމެއް ހަމަޖެއްސި ކަމަށާއި، އާސަންދަ ވެސް ހަމަޖެއްސި ކަމަށް މުއައްޒަފު ބުންޏެވެ.
ނަރުދޫ މިދަނޑިވަޅުގައި ލޮކްޑައުންގައި އޮތުމާ ގުޅިގެން ޚާއްސަ އިންތިޒާމެއްގެ ދަށުން ފުރުމުގެ ކަންކަން ހަމަޖައްސަން ޖެހޭތީ އާއިލާއަށް ގުޅައި ފުރުމަށް ބޭނުންވާ ވަގުތު އެހި ކަމަށެވެ. ނަމަވެސް ވިހަން ދިއުމަށް ފުރަން ބޭނުންވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށް އާއިލާއިން ބުނެފައިވާ ކަމަށް އެމުއައްޒަފު ބުންޏެވެ.
ނަމަވެސް ގައިނީއަކަށް ދައްކަން އާއިލާއިން އެދޭތީ މިލަންދޫ ސިއްހީ މަރުކަޒުގައި ހުންނަ ގައިނީ އަށް ދެއްކުމަށް އެފުރުސަތު ހޯދައިދިން ކަމަށް މުއައްޒަފު ބުންނެވެ.
މުއައްޒަފު ބުނީ ހޯމަ ދުވަހުގެ ހެނދުނު 9:30 ހާއިރު ޑޮކްޓަރަށް ދެއްކުމުން ބަނޑުގެ ތޮޅުން ވަރަށް ބޮޑަށް ދަށް ކަމަށް ޑޮކްޓަރު ވިދާޅުވުމާ ގުޅިގެން އެކަން އާއިލާގެ ފަރާތުން އެންގުމުން ކުޅުދުއްފުށި ހޮސްޕިޓަލަށް ދިއުމަށް ގާތްގަނޑަށް 35 މިނެޓްގެ ތެރޭގައި ހުރިހާ އިންތިޒާމެއް ހަމަޖައްސައިދިން ކަމަށެވެ.
އެރަށުގެ ޓާސްކްފޯސްގެ ޗެއަރ މުޞްޠަފާ މޫސާ ވިދާޅުވީ ހުރިހާ އެއްބާރުލުމެއް ދީގެން އާއިލާއަށް ހުރިހާ ކަމެއް ހަމަޖައްސައިދިން ކަމަށެވެ. އެ އަންހެން މީހާއަކީ އަބަދުވެސް އެއް ހަފްތާ ކުރިން ވިހާ މީހެއް ކަމަށް އާއިލާއިން ބުނެފައިވާތީ ލަސް ނުކޮށް ވިހަން ދިއުމަށް އިރުޝާދު ދިން ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ދިއުމުގެ ހުއްދަ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. ނަމަވެސް އެ ކޭސް ބަލައިނުގަނެވޭނެ ކަމަށް ބުނުމުން އެންމެ ފަހުން މެންދުރު ފަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދިޔައީ އެވެ. އެ ރަށަށް ގޮސް ވިހޭއިރު ކުއްޖާ އޮތީ މަރުވެފައި ކަމަށް އާއިލާއިން ބުނެފައި ވެއެވެ.
ނަރުދޫ އަންހެނަކު ވިހަން ގެންދިއުން ލަސްވެ ބަނޑަށް ހޯމަ ދުވަހު ދަރިފުޅު މަރުވި މައްސަލައެއް ފެންމަތިވެފައިވާއިރު ފަރުވާ ނުދެވި ހުއްޓާ އއ. ތޮއްޑޫގައި މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މިމަހުގެ 13 ވަނަ ދުވަހު ވަނީ މަރުވެފަ އެވެ.