ކުރިޔަށް އޮތް 24 ގަޑީއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކޮށްފި އެވެ.
ރާއްޖެ ޓީވީ އަށް ދެއްވި އިންޓަރވިއު އެއްގައި މެޓް އޮފީހުގެ ޑިޔުޓީ ފޯކާސްޓަރ ހުސައިން އަފްޒަލް ވިދާޅުވީ މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމުން މި ވިއްސާރަ ކުރިޔަށް އޮތް ދެ ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކުރާނެ ކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އަފްޒަލް ވިދާޅުވި އެވެ.
މެޓް އޮފީހުން ބުނެފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަަމަށާއި އަދި ގުގުރުން އެކަށީގެންވާ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.
ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް ގަދަ ވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ. އެހެންކަމުން އެރަށްތަކުން މިކަމުން ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.