ބިދޭސީންނަށް ބޭނުންކުރަމުން އަންނަ ކަރަންޓީނު ފެސިލިޓީއެއް ކަމުގައިވާ އަމީން ހިޔާގައި ތިބި ބަޔަކު ފުލުހުންނާ ދިމާލަށް ގޮނޑި އުކައިފި އެވެ.
މި ހާދިސާއާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން މޯލްޑިވްސް ޕޮލިސް ސަރވިސް (އެމްޕީއެސް) އިން ވަނީ އެތަނުގައި ހަމަނުޖެހުމެއް ހިނގިކަން ކަށަވަރުކޮށްދީފަ އެވެ. އެގޮތުން އެތަނުގައި ތިބި ބައެއް މީހުން އެތަނުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުންނާއި ދިމާލަށް "ގޮނޑި ފަދަ ތަކެތި" އުކާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަ ގޮތުގައި، އަމީން ހިޔާގައި ތިބި ބިދޭސީންތަކެއް ވަނީ އެތަނުގެ ތެރޭގައި ތިބެގެން ދަގަނޑު ބުރި އާއި ގޮނޑި އުކާފަ އެވެ. ހަޅޭކުގެ އަޑު ވެސް ވަރަށް ގަދައަށް އެ ވީޑިއޯ އިން އިވެ އެވެ.
ފުލުހުން ބުނީ، އާދިއްތަ ދުވަހުގެރޭ 20:50 ހާއިރު ހިނގި ހަމަނުޖެހުން، ވާހަކަ ދައްކައިގެން ހައްލުކޮށްފައިވާ ކަމަށެވެ. އަދި މި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި، އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ. މިކަން ހިނގަން މެދުވެރިވީ ސަބަބެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.
އަމީން ހިޔާގައި ބައިތިއްބާފައި ތިބި ބިދޭސީންނަކީ، މާލޭގައި ތޮއްޖެހިގެން އިންސާނުންނަށް އުޅެން އެކަށީގެންނުވާ ތަންތަނުގައި ދިރިއުޅެމުން ދިޔަ ބިދޭސީންނެވެ. މި ހިޔާގައި ތިބި ބިދޭސީންގެ ތެރޭގައި ވެސް ވައިރަސް ވަނީ ފެތުރިފަ އެވެ. މިހާތަނަށް އަމީން ހިޔާ ކްލަސްޓަރ އަށް ނިސްބަތްވާ 105 މީހަކު ވަނީ ފެނިފަ އެވެ.
ހިޔާތަކަށް ދިއުމަށް ބައެއް ބިދޭސީން ދެކޮޅުހަދާ ކަމަށް ދެކެވުނު ވާހަކަތައް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ. އަދި ބިދޭސީން ބައިތިއްބާފައި ތިބޭނީ އެކަށީގެންވާ ތަންތަނުގައި ކަމަށް ސަރުކާރުން ވަނީ މައުލޫމާތު ދީފަ އެވެ. މިތަންތަނުގެ ފޯރިމެރުމުގެ ކަންކަން ފުލުހުން ބަލަހައްޓަމުން ދިޔަ ކަމުގައިވީ ނަމަވެސް، އެތަންތަން ބަލަހައްޓަނީ އެޗްޑީސީންނެވެ. އަދި ބިދޭސީންގެ ކެއިންބުއިމުގެ ކަންކަން ބަލަހައްޓަނީ މޯލްޑިވްސް ރެޑް ކްރެސެންޓުންނެވެ.