ކ. މާލެ
|
24 މެއި 2020 | އާދީއްތަ 07:09
ކޮވިޑް-19އާ ގުޅިގެން ރާއްޖެގެ ހުރިހާ ސްކޫލެއް ވެސް ވަނީ ބަންދުކޮށްފައި
ކޮވިޑް-19އާ ގުޅިގެން ރާއްޖެގެ ހުރިހާ ސްކޫލެއް ވެސް ވަނީ ބަންދުކޮށްފައި
ރާއްޖެއެމްވީ
ޓެލެ ކްލާސްތައް ފެށުން
ޓެލެ ކްލާސްތައް އަންނަ އަންގާރަ ދުވަހު ފަށަނީ!
ކިޔެވުން މެދުނުކެނޑި ކަންކަން އިންތިޒާމް ކުރުމަށް އިސްކަން ދެން
ގޫގަލް ކްލާސް މެދުވެރިކޮށް ފިލާވަޅުތައް ނަގާދިނުމުގެ މަސައްކަތްތައް ކުރެވޭ
ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކްލާސްތައް ކުރިއަށް ގެންދެވޭ

ޓެލެ ކްލާސްތައް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި، އަންނަ އަންގާރަ ދުވަހު ޓެލެ ކްލާސްތައް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ރާއްޖެޓީވީގެ ކޮވިޑް-19ގެ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މިނިސްޓްރީގެ ވިސްނުން ހުރީ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރުމަށް ކަމަށެވެ.

އެގޮތުން ލޮކްޑައުންގެ ކުރިން ވެސް ޓެލެ ކްލާސްތައް ކުރިއަށް ގެންދިޔަ ކަމަށާއި، ގޫގަލް ކްލާސް ރޫމް މެދުވެރިކޮށް ދަރިވަރުންނަށް ކިޔަވާ ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް މާލެ ސިޓީ ލޮކްޑައުން ކުރުމާ ގުޅިގެން ދިމާވި ބައެއް ދަތިތަކުގެ ސަބަބުން މެދުކަނޑާލި ނަމަވެސް ބައެއް ސްކޫލުތަކުގައި ގޫގަލް ކްލާސް މެދުވެރިކޮށް ފިލާވަޅުތައް ނަގާދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ޓެލެ ކްލާސްތައް ފެށުމަށް ތައްުޔާރުވެފައިވާ ކަމަށާއި، ފިތުރު އީދަށް ފަހު ކްލަސްތައް ފެށޭނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ކިޔަވާދެވޭނެ ގޮތުގެ ޓައިމްޓޭބަލް އާންމުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ނިމުނު ހަފުތާ ތެރޭގައި އަނެއްކާ ވެސް ހުރިހާ ސްކޫލުތަކެއްގައި ހެން ގޫގަލް ކްލާސް ރޫމް މެދުވެރިކޮށް ހުރިހާ ގްރޭޑްތަކަށް ކިޔަވާ ދިނުމަށް ފަށާފައި މިވަނީ. އަޅުގަނޑުމެން ގަސްތުކޮށްފައި މިވަނީ ޓެލެ ކްލާސްތައް ރޯދަ މަސް ނިމި ސީދާ ޖެހިގެން އަންނަ ދުވަހު ފެށުމަށް.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ

ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކްލާސްތައް ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން މިނިސްޓަރު އައިޝަތު ވިދާޅުވީ އެ ދަރިވަރުންނަށް ދެގޮތަކަށް ފިލާވަޅުތައް ނަގައި ދިނުމުގެ ކަންކަން ސްކޫލުތަކުން ކުރިއަށް ގެންދާ ކަމަށެވެ.

މިހާރު ކޮންމެ ސްކޫލެއްގައި ހުންނަ ސެން ޓީޗަރ، ސެންގެ ލީޑިން ޓީޗަރ ކޮންމެ ވަގުތެއްގައި ވެސް ބެލެނިވެރިއެއް ކަމެއް ދިމާވެގެން ގުޅާ ފިއްޔާ ނުވަތަ އެކުދިންނަށް ދިމާވާ ކަންތައްތަކުގައި އެހީތެރިވެދެމުން ގެންދާނެ. ދެން އޭގެ އިތުރުން ހަމަ ގޫގަލް ކްލާސްރޫމް މެދުވެރިކޮށް ޓެކްލޮޖީ ބޭނުން ކޮށްގެން ވެސް އެކުދިންނަށް ކްލާސްތައް މެދުވެރިކޮށް ފިލާވަޅުތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އެބަ ގެންދަން.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ

މިނިސްޓަރު އައިޝަތު ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ވެސް ލޮކްޑައުންއަށް އައުމުގެ ކުރިން ޓެލެ ކްލާސްތައް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. އަދި އެހެން ދަރިވަރުންނަށް ވުރެ ޚާއްސަ އަހައްމިއްޔަތު ކަމެއް އެފަދަ ދަރިވަރުންނަށް ދެމުން ގެންދާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

- ކޮމެންޓް