ބޭރުގެ ފައިސާގެ ދަތިކަން މިއަހަރު ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭގޮތުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 290 މިލިއަން ޑޮލަރުގެ އެކިއެކި ފައިނޭންސިން ފެސިލިޓީ މިހާރު ކުރަމުންދާ މަޝްވަރާގެ ތެރެއިންވެސް ހަމަޖެހިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
މީގެއިތުރުން މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާ 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑު ވިއްކުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވި އެވެ. މީގެ އިތުރުން މިހާރުވެސް ދައުލަތުގެ ޖުމްލަ ރިޒާވްގައި 800 މިލިއަން ޑޮލަރު އެބަހުރި ކަމަށާއި ޔޫސަބަލް ރިޒާވް 231 މިލިއަން ޑޮލަރުގެ ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެންކަމުން ބޭރު ފައިސާގެ ދައްޗެއް ކުރިމަތިވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ކުރިޔަށް އޮތްތާންގައިވެސް އެއޮތް ކަމަކަށް ނުބެލެވޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މީގެއިތުރުން ދުނިޔޭގެ އިގްތިޞާދުގައިވެސް ތަކެއްޗަށް އޮތް ޑިމާންޑް ކުޑަވެފައިވުމުގެ ސަބަބުން އިންފްލޭޝަން މައްޗަށް ނުދާނެކަން މިނިސްޓަރ ވިދާޅުވި އެވެ.