ރައީސް ޔާމިންގެ ސަރުކާރު ބޭނުން ނޫންކަން ރައްޔިތުން ބުނަން އެބަޖެހޭ ކަމަށާއި މިކަން ހާމަކޮށްދިނުމަށް މަގުމައްޗަށް ނިކުންނަން ޖެހޭ ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މިސަރުކާރުން ދަނީ ގަދަ ބާރުން ކަންކަން ކުރަމުން ކަމަށާއި މިއީ ރައްޔިތުންނަށް ނޭނގޭ ކަންތައްތަކެއް ނޫން ކަމަށެވެ. އެގޮތުން ޕީޕީއެމް ޖަހައިގަތީ ކޯޓުގެ ތެރެއިން ކަމަށާއި ޕާޓީގެ މެމްބަރުންނާއި ލޯގޯ އާއި ނަންވެސް ޖަހައިގަތީ ކޯޓުގެ ތެރެއިން ކަމަށްވާއިރު މިވާހަކަ ދައްކަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމިން ކޮންމެ ކަމެއްވެސް ބޭނުންވާނީ ކޯޓުން ނިންމަން މިކަން މިއީ ރައްޔިތުންނަށް އިނގޭ ކަންކަން. އެބަ ބުނަން ޖެހޭ ރައީސް ޔާމިންގެ ސަރުކާރު ބޭނުން ނޫން ކަމަށް" އާޒިމް ވިދާޅުވި އެވެ.
ރައީސް ޔާމިން ވިދާޅުވާ ގޮތަށް އިދިކޮޅު ފަރާތްތަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބަޔަކަށްވާއިރު ސަރުކާރުން އެކަން ނުކުރެވޭ ކަމަށްވާނަމަ ސަރުކާރު ބަދަލުކުރަންޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ.
އެހެންކަމުން އިދިކޮޅު ހުރިހާ ފަރާތްތައް އެކުވެގެން މިއުޅެނީ ލަތްކެއް ޖަހާލަން ކަމަށާއި ސަރުކާރު މުލުން ލުހެލާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިއީ އާދަޔާ ޚިލާފަށް އިސްރާފް ބޮޑު ސަރުކާރެއް ކަމަށް ވިދާޅުވެ ބައެއް މިސާލުތައް އާޒިމް ދެއްކެވި އެވެ. އެގޮތުން ރައްޔިތުންގެ އަތުން ނަގާ ޓެކްސްތައް އިތުރުވެގެން ދަނީ ސަރުކާރުގެ ޚަރަދު އިންތިހާއަށް ބޮޑުވުމުން ކަމަށާއި ސަރުކާރުގެ މޫނުމަތި ރީތި ކުރަން ރާއްޖެއިން ބޭރުން ގިނަ ކޮންސަލްޓަންޓުން ގެނެސްގެން ކުރަމުންދާއިރު މިއީ ބޭކާރު ޚަރަދުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ބްރިޖް އާއި ހޮސްޕިޓަލްގެ ވާހަކައަކީ މިސަރުކާރުން ގެނެސްދޭ ތަރައްޤީގެ އެންމެ ބޮޑު ދެ މަޝްރޫއު ކަމަށް ވާހަކަދައްކާއިރު އިދިކޮޅު ފަރާތްކުން ކަންބޮޑުވެ ވާހަކަދައްކަނީ ރާއްޖެއަށް ތަރައްޤީ ގެނެސްދޭތީ ނޫން ކަމަށް އާޒިމްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
މިކަމަށް އިޝާރާތްކުރައްވާ އާޒިމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވެ ވާހަކަ ދައްކަނީ 200 މިލިއަނުން އެޅޭ ބްރިޖެއް 800 މިލިއަން ބޭނުން ކޮށްގެން އެޅުމުން ދިމާވާ މައްސަލަ ކަމަށާއި ސަރުކާރުން ކުރަމުންދާ ބޭކާރު ޚަރަދުގެ ވާހަކަ ރައްޔިތުންނަށް ކިޔައިދޭން ކަމަށެވެ.
ރައީސް ޔާމިންގެ ކިތަންމެ ބޮޑު ބިލްބޯޑް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެހެއްޓެވި ނަމަވެސް ރައްޔިތުންގެ ތާއީދާއި ލޯބި އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.