ޕެންޝަން ފަންޑުގައި ހުރި ފައިސާއިން އިންވެސްޓްކޮށްގެން މިހާތަނަށް 3.9 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނެފި އެވެ.
ހޮނިހިރު ދުވަހު ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕެންޝަން އޮފީހުގެ އެކްޓިންގ ސީއީއޯ ފާތިމަތު ސުޖާތާ ހަލީމް ވިދާޅުވީ، 2009 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް ޕެންޝަން ފަންޑްގައި ހުރި ފައިސާ އިންވެސްޓްކޮށްގެން 3.9 ބިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. ސުޖާތާ ވިދާޅުވީ ޓީބިލާއި، ޓީބޮންޑާއި، އިކުއިޓީ އާއި ބޭންކް ޑިޕޮޒިޓްގެ އިތުރުން ސުކޫކް އަދި ކޯޕަރޭޓް ބޮންޑު ގަތުމަށް މި ފައިސާ އިންވެސްޓްކޮށްފައިވާ ކަމަށެވެ.
ޕެންޝަން ފަންޑަކީ ގްރޯވަމުން އަންނަ އެއްޗެއްވީމަ ވޭތުވެދިޔަ 10 އަހަރު ތެރޭގައި ގްރޯވެފައި ހުރިވަރު ފައިދާ އަޅުގަނޑު މިދަންނަވަލީ. ކޮންމެ އަހަރަކުން އަހަރަކަށް ފަންޑް ގްރޯ ވާވަރަކަށް ފައިދާ ބޮޑުވަމުން އެވްރެޖްކޮށް 5 ޕަސެންޓްގެ ފައިދާއެއް އަޅުގަނޑުމެންގެ ހުރިހާ ޕޯޓްފޯލިއޯއަކުން ލިބިގެން ގޮސްފައި މިއޮތީ. އެ 5 ޕަސެންޓް އެކުލަވާލެވިގެން މިއޮތީ މިހާވަރަށް 3.9 ބިލިއަންގެ އާމްދަނީ އެއް ލިބިފައިވަނީ.އެކްޓިންގ ސީއީއޯ ފާތިމަތު ސުޖާތާ ހަލީމް
ޕެންޝަން ފަންޑަށް ލިބޭ ފައިސާ، އޭގެ ހައްގުވެރިންނަށް އެންމެ ބޮޑު ފައިދާއެއް ލިބޭނޭ ގޮތުގެ މަތިން އިންވެސްޓްކުރުމުގެ ހަމަތަކާއި ޒިންމާތައް، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ 16 ވަނަ މާއްދާގައި ވަނީ ކަނޑައަޅާފައެވެ. އިންވެސްޓް ކުރަނީ އަބަދުވެސް، ފަންޑުން ފައިސާ ދޫކުރަންޖެހޭ ފަރާތްތަކަށް، ދޭންޖެހޭ ފައިސާ ބެހެއްޓުމަށްފަހުއެވެ.
އިންވެސްޓް ކުރުމުގެ ބޭނުމަކީ ޕެންޝަނަށް ރައްކާ ކުރާ ފައިސާ އިތުރުކޮށް، އޭގެ އަގު ހިފެހެއްޓުން އަދި ފަންޑުގެ ހައްޤުވެރިންނަށް ލިބޭ ފައިދާ އިތުރު ކޮށްދިނުމެވެ. ންއިންވެސްޓް ކުރުމުގައި ބަލާނީ ފައިސާގެ ރައްކާތެރިކަމަށާއި އެންމެ ރަނގަޅު ފައިދާލިބޭ ތަންތަނުގައި އިންވެސްޓް ކުރުމަށެވެ.