ކޮވިޑް-19 އާއި ގުޅިގެން، ދައުލަތުގެ ޚަރަދުކުޑަކުރުމުގެ ގޮތުން ރައިސުލްޖުމްހޫރިއްޔާގެ މަހު މުސާރަ އިން %35 ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތައް ކޮވިޑް-19އާ ގުޅިގެން ކުޑަކުރުމަށް 18 މާރިޗު 2020 ގައި ނިންމަވާފައިވާ ނިންމުމަށް އަލުން މުރާޖަޢާކުރުމުގެ މައްސަލަ، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކުރުމަށް ވޯޓު ދެއްވީ 64 މެމްބަރުންނެވެ.
ފާސްކުރެވުނު ކޮމެޓީ ރިޕޯޓުގައި ވަނީ ރައިސުލްޖުމްހޫރިއްޔާގެ މުސާރަ %35 ކުޑަކުރުމަށެވެ. އެގޮތުން ރައިސުލްޖުމްހޫރިއްޔާގެ މުސާރަ ވަނީ އެއް ލައްކަ ރުފިޔާއިން 65000 ރުފިޔާއަށް ކުޑަކުރުމަށް ފާސްކޮށްފަ އެވެ.
މީގެ އިތުރުން، މަޖިލީހުން ވަނީ ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަވެސް ކުޑަކުރުކުރުމަށް ނިންމާފަ އެވެ. އެއާއި އެކު ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ 75,000 ރުފިޔާއިން 48,750 ރުފިޔާއަށް ވަނީ ދަށްކުރެވިފަ އެވެ.
މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 255,000 ރުފިޔާ އުނިކުރުމަށް ވެސް ވަނީ ނިންމާފައެވެ. ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައަށް ކޮންމެ މަހަކު ދައުލަތުން 1,170,000 ރުފިޔާ ޚަރަދުކުރެއެވެ. މިގެނެވުނު ބަދަލާއި އެކު ދެން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އަށް މަހަކު ޚަރަދުވާނީ 915,000 ރުފިޔާއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރައިން 15,938 ރުފިޔާ އުނިކުރުމަށް ނިންމާފައިވާއިރު، މަޖިލީހުގެ ރައީސްގެ މުސަރައަށް މިގެނެވުނު ބަދަލާއި އެކު ލިބިވަޑައިގަންނަވާނީ 57,188 ރުފިޔާ އެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މުސާރަ ވެސް ވަނީ 91,000ން 75,700 އަށް ކުޑަކުރުމަށް ނިންމާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 12،750 ރުފިޔާ އުނި ކުރުމަށް ނިންމާފަ އެވެ.