ކ. މާލެ
|
20 މެއި 2020 | ބުދަ 06:37
ކޮމަންވެލްތް އެންޓަޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލުން ބޭއްވި ވެބިނާގައި މިނިސްޓަރު އަލީ ވަހީދު ބައިވެރިވެ ވަޑައިގަންނަވަނީ
ކޮމަންވެލްތް އެންޓަޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލުން ބޭއްވި ވެބިނާގައި މިނިސްޓަރު އަލީ ވަހީދު ބައިވެރިވެ ވަޑައިގަންނަވަނީ
ޓޫރިޒަމް މިނިސްޓްރީ
ރާއްޖޭގެ އިގްތިޞާދު ހުޅުވާލުން
އިގްތިޞާދު ހަމައަކަށް އެޅެން ފަށާނީ އޮކްޓޯބަރ މަހުގައި: އަލީ ވަހީދު
ޓޫރިޒަމް ފެށުމަށްޓަކައި މިހާރުގެ ހާލަތަށް ބިނާކޮށް ހާއްސަ ގައިޑްލައިނެއް ވަނީ ތައްޔާރު ކުރެވިފައި
ނިސްޓަރު ވިދާޅުވީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާއެކު ބޯޑަރު އަލުން ހުޅުވާލަން ޖެހޭ ކަމަށް
ވައިރަހާ ކުރިމަތިލައި އިގްތިސާދު ކޮޅަށް ޖެއްސޭނެ ގޮތްތައް އަވަހަށް ރާވަން ޖެހޭ

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށް ލިބިފައިވާ ގެއްލުމުން އަރައިގަނެ، އިގްތިޞާދު ހަމައަކަށް އެޅެން ފަށާނީ އޮކްޓޯބަރ މަހުގައި ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަޅުތަކާއި ކުރިއަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ކޮމަންވެލްތް އެންޓަޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލުން ބޭއްވި ވެބިނާގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިހާރު މިދާގޮތުން ރާއްޖޭގެ އިގްތިޞާދު ކުރިއަރާނީ "ޔޫ ޝޭޕް" އަކަށް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އިގްތިޞާދު ހަމައަކަށް އެޅެން އޮކްޓޯބަރ މަހު ފަށާނެ ކަމަށާއި މިހާރު މަސައްކަތް ކުރައްވަނީ މި އަހަރުގެ ތިން ވަނަ ކުއަރޓަރ ކަމުގައިވާ ޖުލައި މަސް ތެރޭގައި ފަތުރުވެރިކަން ހުޅުވާލުމަށް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އަބަދުވެސް މުހިންމީ ރައްޔިތުންގެ ރައްކާތެރިކަން ކަމަށެވެ. އެހެންކަމުން ވައިރަސް އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުންދާ ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަން އަލުން ހުޅުވާލުމަށް މަސައްކަތްކުރަނީ އެކަމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހު ކަމަށެވެ.

ޓޫރިޒަމް ފެށުމަށްޓަކައި މިހާރުގެ ހާލަތަށް ބިނާކޮށް ހާއްސަ ގައިޑްލައިނެއް ވަނީ ތައްޔާރުކުރެވިފައި. މި ގައިޑްލައިން އެކުލަވާލާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ޔޫއެންޑަބްލިއުޓީއޯ އިން ކަނޑައަޅާފައިވާ އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތިން
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

މިނިސްޓަރ ވިދާޅުވީ ވައިރަސް ބޮޑަށް ފެތުރެމުންދަނީ މާލޭގައި ކަމަށެވެ. ރަށްރަށާއި ރިސޯޓްތައް މިކަމުން ސަލާމަތް ވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާއެކު ބޯޑަރު އަލުން ހުޅުވާލަން ޖެހޭ ކަމަށާއި ލޮކްޑައުންއަށް ފަހު އަމަލުކުރާނެ ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލަން ޖެހޭ ކަމަށެވެ.

އިގްތިސާދީ އަދި ސިއްހީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް އެއްހަމައެއްގައި ހިފަހައްޓައި، ރިސްކް އެސެސްމަންޓް ހެދުމާއެކު ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ރޭވުންތެރިކަމާއެކު ގައުމީ ބޯޑަރު އަދި ބަނދަރުތައް ހުޅުވާލުން މުހިންމު. އޮޓޮމޭޝަން، އިނޮވޭޝަން އަދި ޑިޖިޓަލައިޒޭޝަންއަށް އިސްކަން ދޭން ޖެހޭ
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

މިނިސްޓަރ ވިދާޅުވީ ވައިރަސްގެ ސަބަބުން އިގްތިސާދީ ހަރަކާތްތައް ހުއްޓިގެން ނުވާނެ ކަމަށެވެ. އަދި ވައިރަހާ ކުރިމަތިލައި އިގްތިސާދު ކޮޅަށް ޖެއްސޭނެ ގޮތްތައް އަވަހަށް ރާވަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ޓޫރިޒަމަށް ހުޅުވާލައި އިގްތިސާދީ ހަރަކާތްތައް އަލުން ފަށައިގަތުމަށްޓަކައި ސަރަހައްދީ ގައުމުތަކާއި، ބޮޑެތި ގައުމުތަކުން އެހީތެރިކަން ރާއްޖެއަށް ބޭނުންވާ ކަމަށެވެ. މީގެ އިތުރުން ދެން ރާއްޖޭގެ ޓޫރިޒަމްގެ ހަރަކާތްތައް ފަށާނީ އަންނަ ޓޫރިސްޓުންގެ ސަލާމަތައި ރައްކާތެރިކަން އެންމެ ފުރިހަމައަށް ކަށަވަރު ކުރެވޭނެ ގޮތްތައް ބަލައިގެން ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް