ނޭނގި ކޮވިޑް-19 ޖެހުމަށްފަހު ރަނގަޅުވި މީހުންގެ އަދަދު ބެލުމަށްޓަކައި ޓެސްޓުކުރަން ފަށައިފި އެވެ.
ކޮވިޑް-19 ޓާސްކް ފޯހުގެ ފަރާތުން އަންގާރަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އަޒީޒް ވިދާޅުވީ އެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ސާމްޕަލް ނަގަމުންދަނީ ބިދޭސީން ތޮއްޖެހިފައި ތިބި ތަންތަނުން ކަމަށެވެ. އެގޮތުން މިހާރު މޮނިޓަރ ކުރަމުންދާ ބިދޭސީން ތިބި ތަންތަނުގައި ކުރިން ހެދީ ޕީސީއާރު ޓެސްޓުތަކެއް ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އޭރު އެޓެސްޓް ކުރިޔަށް ދިޔައީ އެމީހުންގެ ތެރޭގައި މިވަގުތު ބަލި ހުރީ ކޮން ބައެއްގަތޯ ބެލުމަށް ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އެހެންނަމަވެސް މިހާރު ޓެގް ޓީމުގެ ފަރާތުން މިކަން އިތުރަށް ދިރާސާކުރަން ބޭނުންވާ ކަމަށާއި އެގޮތުން ކުރިން ބަލި ޖެހިފައި ރަނގަޅުވި ބަޔަކު އެމީހުންގެ ތެރޭގައި ތިބިތޯ ބަލަން ބޭނުންވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެގޮތުގެ މަތިން އެފަދަ ދެ ސައިޓަކުން ސާމްޕަލް ނަގާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އެހެންވީމަ ރާއްޖޭގައި ބަލި ޖެހިފައި ރަނގަޅުވި މީހުންގެ އަދަދެއް ބެލުމަށްޓަކައި ފުރަތަމަ ކޮންޓެއިންމަންޓް ސައިޓުތައް އެބަ ޓެސްޓުކުރެވޭ. ސީރޮލޮޖީ ޓެސްޓެއް އެމީހުންގެ ގައިގައި އެންޓިބޮޑީސް ހުރިތޯ ބެލުމަށް ޓެސްޓުކުރަން ފަށައިގެން މިއަދު ދެ ކޮންޓެއިންމަންޓް ސައިޓަކުން ވަނީ ސާމްޕަލްތައް ނަގާފައި.މަބްރޫކް އަޒީޒު
ތޮއްޖެހިގެން ބިދޭސީން ދިރިއުޅުމުންދާ ތަންތަނުގައި ސިއްހީ އެހީތެރިކަން ބޭނުންވާ މީހުން ތިބިތޯ ބަލާ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެމްއާރުސީ އާއި އެންއީއޯސީ ގުޅިގެން ކުރިޔަށް ގެންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ރާއްޖެއިން ކޮވިޑް-19 ނޭންގި ޖެހުމަށްފަހު ރަނގަޅުވެފައިވާ މީހުން ތިބިތޯ ބެލުމަށް މަސައްކަތް ކުރާއިރު މިހާތަނަށް 1143 މީހަކަށް ރާއްޖެއިން ވަނީ ވައިރަސް ޖެހިފަ އެވެ. ބަލި ޖެހިގެން ޖުމުލަ 86 މީހަކު ރަނގަޅުވިއިރު ހަތަރު މީހަކު ވަނީ ނިޔާވެފަ އެވެ.