ކޮވިޑް-19 ޖެހިގެން ހާލުބޮޑުވެ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ގެންދިޔަ މީހާގެ ނަތީޖާ ޑަބަލް ނެގެޓިވް ކަމަށާއި އެމީހާ މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑޮކްޓަރ، ޑރ އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެރޭ ކޮވިޑް-19 ޓާސްކް ފޯހުގެ ފަރާތުން ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ އަފްޒަލް ވިދާޅުވީ ޑީއެޗް 11 ގައި މިހާރު ފަރުވާދެމުންދަނީ 2 މީހުންނަށް ކަމަށެވެ. އޭގެތެރެއިން ވެންޓިލޭޓަރުގައި އޮތް ބަލިމިހާ މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައި ކަމަށާއި ދެން ފަރުވާދެނީ 32 އަހަރުގެ އަންހެނަކަށްކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
މީގެއިތުރުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލްގައި މިވަގުތު ފަރުވާ ދެމުންދަނީ 11 މީހުންނަށް ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ. އެއީ 9 ފިރިހެނުންނާއި 2 އަންހެނުންނެވެ. ޓްރީޓޮޕް ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ ދެ މީހުންގެ ތެރެއިން އެކަކު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށްވެސް ޑރ އަފްޒަލް ވިދާޅުވި އެވެ.
ހޯމަ ދުވަހުގެރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ ފިލައިގެން އުޅެނިކޮށް ހޯދަމުންދާ ބިދޭސީންގެ ތެރެއިން ބިދޭސީއެއް ޓްރީޓޮޕް ހޮސްޕިޓަލުގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާދިނުމަށްފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައި ކަމަށެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުންނާއި ޓްރީޓޮޕް ހޮސްޕިޓަލުންނެވެ. ދެން ތިބި މީހުންގެ ފަރުވާގެ ކަންކަން ކުރިޔަށް ގެންދަނީ އެމީހުން ބައިތިއްބަން ހަދާފައިވާ ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތަކުގަ އެވެ.