އެކްޓިވް ސަރވިއަލަންސްގެ ދަށުން މިހާރު ކުރިޔަށްދާ އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމުގެ ތެރެއިން މިހާތަނަށް އައިއިރު 105 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށް ކޮވިޑް-19 ޓާސްކް ފޯހުން ހާމަކޮށްފި އެވެ.
އަންގާރަ ދުވަހުގެ ރޭ ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ މީގެތެރެއިން 99 މީހުންގެ ސާމްޕަލް ލިބިފައިވާ ކަމަށާއި ފަސް ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ. އަދި އެއް ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި އުޅޭ މީހުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް އެޗްޕީއޭއިން ވަނީ ފަށާފަ އެވެ. އަދި އެކަމަށް އާންމުންގެ ފަރާތުން އެދެވޭ ތަރުޚީބެއް ނުލިބޭކަމަށާއި އެކަމަށް އެއްބާރުލުން ބޭނުންވާ ކަމަށް މީގެކުރިން ތަކުރާރުކޮށް އެޗްޕީއޭއިން ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްފަ އެވެ. އެކަމުގެ މުހިންމު ކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނަގަނީ އެމީހުންނަކީ ވައިރަސް ޖެހޭ މީހުންގެ ތެރެއިން އެންމެ ހައިރިސްކު މީހުން ކަމަށްވުމުން ބަލީގެ ކުރީކޮޅު އެމީހުން ދެނެގަތުމުގެ ބޭނުމުގައި ކަމަށެވެ. އަދި މިގޮތަށް ނެގި އުމުރުން ދުވަސްވީ މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ޑރ ނަޒްލާ ވަނީ ވިދާޅުވެފަ އެވެ.
ހޯމަ ދުވަހުގެ ރޭ ކޮވިޑް-19 ޓާސްކް ފޯހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެޕިޑް ރެސްޕޯންސް ޓީމު (އާރުއާރުޓީ) ގެ ފަރާތުން އަބްދުލް ހަމީދު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް އެމީހުންގެ ވަރަށް ބޮޑު ލިސްޓެއް ހެދުމަށްފަހު ގުޅަންފެށި ކަމަށެވެ. މިހާތަނަށް އައިއިރު ނުގުޅާ ހުންނާނީ ވަރަށް މަދު މީހަކަށް ކަމަށް ހަމީދު ވިދާޅުވި އެވެ. އަދި ގުޅައިގެން ވާހަކަ ދައްކާއިރު ސާމްޕަލް ނަގަން ކިރިޔާވެސް އުނދަގުލެއް ހުންނަނަމަ އެވާހަކަ ހިއްސާކުރުމުން ސާމްޕަލް ނެގުމަށް މަސައްކަތެއް ނުކުރާނެ ކަމަށް ހަމީދު ވިދާޅުވި އެވެ.
ޑރ. އަފްޒަލް ވިދާޅުވީ މިކަން ކުރަން ބޭނުންވަނީ އާންމުންގެ އެއްބާރުލުމާއި އެކުކަމަށެވެ. އަދި މިކަމަކީ ބައްޔަށް ޝައްކުކުރެވިގެން ކުރާ ކަމެއް ނޫން ކަމަށާއި މިއީ ބަލި ނެތްކަން ޔަގީން ކުރުމަށް ނަގާ ސާމްޕަލެއް ކަމަށް ހަމީދު ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ވައިރަސް ޖެހިގެން 4 މީހަކު ވަނީ ނިޔާވެފަ އެވެ. އޭގެ ތެރޭގައި 3 ދިވެހިން ހިމެނޭއިރު އެ އެންމެންނަކީވެސް އުމުރުން 80 އަހަރުން މަތީ މީހުންނެވެ.