ކޮވިޑް-19 ގެ ޙާލަތާއެކު ވެސް ޗައިނާއިން އެޤައުމުގެ ފޮރިން އިންވެސްޓްމެންޓް ހަމަޔަކަށް އަޅުވަން އެޤައުމުގެ ބާޒާރާއި ޚިދުމަތުގެ ދާއިރާ ހުޅުވާލަން ނިންމައިފި އެވެ.
ޗައިނާގެ ދައުލަތުގެ ޓީވީ އަށް ދެއްވެ ބަސްދީގަތުމެއްގައި އެޤައުމުގެ ކޮމަރސް މިނިސްޓަރ ޒޮންގ ޝެންގ ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އެއްގަމާއި، ވައިގެ ބަނދަރުތައް ބަންދުކުރުމުން ފޮރިން އިންވެސްޓްމެންޓް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި، އެކަން ހަމަޔަކަށް އަޅުވަން ސަރުކާރުން ގިނަ ގުނަ ފިިޔަވަޅުތަކެއް އަޅާނެ މަށެވެ.
ޒޮންގ ވިދާޅުވީ ފޮރިން އިންވެސްޓަރުންގެ ޝައުޤުވެރިކަން ހޯދަން ޗައިނާގެ މެދުތެރެއާއި ހުޅަނގުގެ ޞަރަޙައްދުތަކުގެ އިތުރުން، އިރުއުތުރު ޞަރަޙައްދުތަކުގައި ހުރި ސިނާޢި މަރުކަޒުތައް ހުޅުވާލާނެ ކަމަށެވެ. އެއީ ފޮރިން އިންވެސްޓްމެންޓް ފުޅާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.
އޭގެ އިތުރުން، ހައިނާން ޕްރޮވިންސްގައި 'ޕައިލޮޓް ފްރީ ޒޯން' އެއް ކަނޑައަޅާ މިނިވަން ވިޔަފާރިއަށް ޚާއްޞަ ބަނދަރެއް ތަރައްޤީ ކުރާނެކަމަށް ޒޮންގ ވިދާޅުވި އެވެ. އަދި އެޤައުމުގެ މިނިވަން ވިޔަފާރިއާއި ބެހޭ ޤާނޫނު ތަންފީޒު ކުރަމުންދާއިރު، މިހާރަށްވުރެ ބޮޑަށް ފޮރިން އިންވެސްޓަރުންނަށް ހަމަހަމަ ކަމާއި މިނިވަން ކަމާއެކު ޗައިނާގެ އެތެރޭގެ ބާޒާރުގައި ވާދަވެރި މާހައުލެއް ޤާއިމުކުރުމަށް ބޮޑަށް ބާރު އަޅުއްވާނެކަމަށް ވެސް ޒޮންގ ވިދާޅު ވިއެވެ.
ޒޮންގ ވިދާޅުވީ، ފޮރިން އިންވެސްޓަރުންގެ ޝައުޤުވެރިކަން ދަމައިގަންނަން ބަލާއިރު، ޗައިނާގެ މުސްތަޤުބަލް ފެންނަން އޮތީ ވަރަށް އުޖާލާކޮށް ކަމަށެވެ. ސަބަބެއްގެ ގޮތުގައި އެޤައުމުގެ 'ލޭބަރ ފޯރސް' ގެ ވަރުގަދަ ކަމާއި، ޙަރަކާތްތެރި ހިންގުންތެރި ސިނާޢީ ނިޒާމެއް އޮތުމާއެކު، 1.4 ބިލިއަންގެ އާބާދީއެއްގެ މައްޗަށް ބިނާވެފައި އޮތް އެޤައުމުގެ ބާޒާރުގެ ވަރުގަދަކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ކޮވިޑް-19 ފެނުމާއެކު ޤައުމާއި ރައްޔިތުންގެ ސަލާމަތައި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްގެ ގޮތުން އިޤުތިޞާދީ އަދި ސިނާއީ ޙަރަކާތްތައް ހުއްޓާލާ ޞަރަޙައްދީ އިމާއި ބައިނަލްއަޤުވާމީ ވަޔާއި، އެއްގަމުގެ ބަނދަރުތައް ބަންދުކުރި އެވެ. މީގެ ސަބަބުން އެޤައުމުގެ އިޤުތިޞާދަށް އޭގެ ނޭދެވޭ އަަސަރު ވަރަށް ބޮޑަށް ކުރިއެވެ. އެހެންކަމުން މިހާރު އެޤައުމުގެ ސަރުކާރުން މިވަނީ އިޤުތިޞާދީ އަނދަވަޅުން އަރައިގަތުމުގެ މަސައްކަތް ފަށާފައެވެ. މިވަގުތު އެންމެ ބޮޑު 'ފޯކަސް' އެއް ދެނީ ފޮރިން އިންވެސްޓްމެންޓަށެވެ.