ފިޠުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ގާތްގަނޑަކަށް 4.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ހޯމަ ދުވަހު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ ޒަކާތުގެ ފައިސާ ވަރަށް ގިނަ ރައްޔިތުން ދައްކަމުންދާ ކަމަށާއި، ތަރުހީބު ވަރަށް ބޮޑު ކަމަށެވެ.
މިނިސްޓަރު ޒާހިރު ވިދާޅުވީ ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ގާތްގަނޑަކަށް 4.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، ޒަކާތް ދެއްކުމުގެ ފަހު ތާރީޚަކީ މިމަހުގެ 21 ކަމަށެވެ.
އީދު ދުވަހު ކެއުމަށް އެއްއިރުގެ ކޮއްތު ހުރެއްޖެ މީހެއްގެ މައްޗަށް ދައްކަން ޖެހޭނެ. ވާޖިބެއް އެއީ. ކޮންމެ ފަރުދެއް އީދު ނަމާދަށް ދިއުމުގެ ކުރިން ދައްކަން ޖެހޭ އެއްޗެއް ފިތުރު ޒަކާތަކީ. އެހެންވީމަ ކޮންމެ ފަރުދަކު ވެސް އެމީހަކު ދައްކަންޖެހޭ އަޅުކަމެއްގެ ގޮތަށް ފާހަގަކުރެވެނީ. އެހެންވީމަ އެކަންތައް ކުރުން އެއީ ކޮންމެ މީހެއްގެ މައްޗަށް ވާޖިބު ކަމެއް. އެއީ އީދު ނަމާދަށް ދިއުމުގެ ކުރިން.އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ
މިނިސްޓަރު ޒާހިރު ވިދާޅުވީ ފިތުރު ޒަކާތް އީދު ނަމާދުގެ ފަހުން ދައްކާފިއްޔާ އެއީ ފިތުރު ޒަކާތް ގޮތުގައި ބަލައި ނުގަނެވޭނެ ކަމަށާއި، އެބަލައި ގަނެވޭނީ ސަދަގާތެއްގެ ގޮތުގައި ކަމަށެވެ.
ހުރިހާ ރައްޔިތުން ވެސް ފިތުރު ޒަކާތް ދެއްކުމަށް އިލްތިމާސްކުރައްވާ މިހާރު އޮންލައިން ކޮށް ޒަކާތް ބަލައިގަނެވޭނެ ގޮތްތައް ޕްރޮމޯޓް ކޮށްދިނުމަށް ވެސް މިނިސްޓަރު ވަނީ އެދިފައިވަޑައިގެންފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ 1441 ވަނަ އަހަރު މާލެ ސިޓީ (މާލެ، ވިލިމާލެ، ހުޅުމާލެ) ދިރިއުޅޭ މީހުން ފިޠުރު ޒަކާތް ދެއްކުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން 4 އޮންލައިން ފްލެޓްފޯމެއް ބޭނުންކޮށް ޒަކާތް ދެއްކޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ދިރާގު ޕޭ އެންޑް ލައިފްސްޓައިލް އެޕްލިކޭޝަން އަދި އެސް.އެމް.އެސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށާއި، އުރީދޫ އެމް ފައިސާ އެޕްލިކޭޝަން އަދި އެސް.އެމް.އެސް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ ކަމަށެވެ.
އޭގެއިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކުން އޮންލައިން ބޭންކިންގ "ފައިސާ ނެޓް" އަދި މޯބައިލް ބޭންކިންގ "ފައިސާމޮބައިލް" މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށާއި، ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.