ކޮވިޑް-19އާ ގުޅިގެން މާލޭގައި ތާށިވެ ޙާލުގައި ޖެހުނު ފަރާތްތަކަށް ޒަކާތު ފަންޑުން އެހީތެރިވަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޒާހިރު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ޒަކާތު ކޮމެޓީގައި މަޝްވަރާ ކުރުމަށް ފަހު ވަކި ޢަދަދުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެއިން ބޭރުގައި ޙާލުގައި ޖެހިފައި ތިބި ދިވެހިން ގެނައުމަށް މިހާތަނަށް ތިން މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށާއި، މާލޭގައި ތާށިވެފައި ތިބި އަތޮޅު ތެރޭގެ ރައްޔިތުންނަށް އެހީ ވުމަށް އެއްމިލިއަން ރުފިޔާ ހޭދަ ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދެން އެކަމަކު ވެސް މިހާރު ވެސް ޖެންޑަރ މިނިސްޓްރީ މެދުވެރިކޮށް އެއް މިލިއަން ރުފިޔާ ހާލުގައި ޖެހިފައި ތިބި މީހުންނަށް ކާން ދިނުމަށާއި، އެބޭފުޅުން ތިއްބެވުމުގެ ކަންތައްތައް ހަމަޖެއްސުމަށް ޚަރަދު ކުރަނީ. މިހާރު ވެސް ޖެންްޑަރ މިނިސްޓްރީން އެހެން ތިއްބެވި ފަރާތްތައް ބެއްލެވުމަށް ފަހު އެބޭފުޅުން ދިރާސާއެއް ހަދާފަ އެބަ އެހިއްސާ ކުރޭ.
މިނިސްޓަރު ޒާހިރު ވިދާޅުވީ އަތޮޅުތެރެއިން މާލެގައި ތާށިވެފައި ތިބި ރައްޔިތުންނަށް އެހީތެރިވުމަށް ގިނަ މަސައްކަތްތައް ޖެންޑަރ މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އަދި ޙާލުގައި ޖެހިފައި ތިބި މީހުންނަށް ޒަކާތުގެ ފަންޑުން ކުރެވެން ހުރި ހުރިހާ ޚަރަދުތަކެއް ކުރަމުންދާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.