ރާއްޖެއިން އިންޑިއާއަށް އަނބުރާ މީހުން ގެންދިއުމަށް އިންޑިއާ ސަރުކާރުން ކުރަމުންދާ މަސައްކަތުގައި، އިންޑިއާ ކަނޑުގެ އަސްކަރިއްޔާގެ މަނަވަރުގައި ގެންދިޔަ މީހުންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ, ބައިސަން މޯލްޑިވްސްގެ މުވައްޒަފުންތަކެއް ކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
އާދީއްތަ ދުވަހު އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އޮފިޝަލް ޗެނެލްތައް މެދުވެރިކޮށް މިހާތަނަށް އެނގިފައިވަނީ 3 ޕޮޒިޓިވް ކޭސްއެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މި 3 ޕޮޒިޓިވް ކޭސްއަކީ ބައިސަން ނަމަކަށް ކިޔާ ކުންފުންޏެއްގައި މަސައްކަތް ކުރާ ބައެއް ކަމަށާއި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން ނުރަސްމީކޮށް ލިބިފައިވާ އަދި ޕޮޒިޓިވްވެފައިވާ ކަމަށް އަޑު އިވޭ ބައެއް ވާހަކަތައް ކަށަވަރު ކުރުމަށް ފޮރިން މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ ވިޔަފާރިއާއި، ކޮންސްޓްރަކްޝަން މަސައްކަތުގެ އިތުރުން އެލުމިނިއަމްގެ މަސައްކަތާއި ހާޑްވެއަރ އަދި ދަތުރުފަތުރު ކުރުމުގެ ވިޔަފާރީގެ އިތުރުން ހޮޓެލް އޮޕަރޭޝަންގެ މަސައްކަތް ކުރާ ކުންފުންޏެވެ. މިހާތަނަށް އެ ކުންފުނިން ޕޮޒިޓިވްވި 3 މީހުންނަކީ ކޮންތަނެއްގައި މަސައްކަތް ކުރާ ބައެއްކަމެއް ކަށަވަރުވެފައި ނުވެ އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން 6 މީހަކު ޕޮޒިޓިވްވި އެވެ. މި ހަ މީހުންނަކީ ޓެމިލްނާޑޫ ސްޓޭޓްގެ ކަންޔާކުމަރީ، ޗެންނާއިގެ އިތުުރުން ޕުޑުކޮއްޓާއި އަށް ނިސްބަތްވާ މީހުންނެވެ. އިތުރު މައުލޫމާތެއް އެ ނޫހުން ހާމައެއް ނުކުރެއެވެ. އަދި އެ މީހުން އިންޑިއާ އަށް ދިޔަ ތާރީޚެއް ވެސް ރިޕޯޓުކޮށްފައެއް ނުވެ އެވެ.
ރާއްޖެއިން ދިޔަ ހަ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފައި ވާއިރު، އިންޑިއާގެ ރައްޔިތުން ބަލާ އައި މަނަވަރުން ދިޔަ ދެ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން މީގެ ކުރިންވެސް ރިޕޯޓު ކޮށްފައި ވެއެވެ.