ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ (ޑީޓީއާރްސީ) އިން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއެކު ހެދުނު ކޮންޓެކްޓް ޓްރޭސިންއާ ގުޅިގެން 146 ސާމްޕަލް ނަގައިފި އެވެ.
އާދިއްތަ ދުވަހުގެރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، ހިންމަފުށިން ހެދުނު ކޮންޓެކްޓް ޓްރޭސިން އިން މިހާތަނަށް 146 ސާމްޕަލް ނަގާފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ، އޭގެ ތެރޭގައި ހިމެނެނީ ޑީޓީއާރްސީން ނެގުނު 36 ސާމްޕަލްއަކާއި، ހިންމަފުށީ އައްސޭރި ޖަލުން ނެގުނު 37 ސާމްޕަލްއަކާއި، އެރަށު އިންޑަސްޓްރިއަލް ސަރަޙައްދުން ނެގުނު 45 ސާމްޕަލެއްގެ އިތުރުން، ހިންމަފުށީ ރަށުގެ އާބާދީ ތެރެއިން ރެންޑަމް ސާމްޕްލިންގެ ތެރެއިން ނެގުނު 28 ސާމްޕަލެއް ކަމަށެވެ.
ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަމުން އަންނަ ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އެކަން ހިނގި ކަމަށް ބެލެނީ އެތަނަށް އެންމެ ފަހުން ފަރުވާ ހޯދުމަށް ވަތް މީހެއްގެ ފަރާތުންކަމަށް ކޮވިޑް-19 ޓާސްކްފޯހުން ހާމަކޮށްފައިވެއެވެ.
އެއާއެކު މިހާރުގެ ސިޔާސަތަކީ މީހުން ބަންދު ކޮށްގެން ގެންގުޅޭ ތަންތަނުން ސާމްޕަލްތައް ނަގައިގެން ޓެސްޓް ކުރުން ކަމަށާއި، ވަކިން ޚާއްސަކޮށް މިގޮތަށް ދައުލަތުން ބަލަހައްޓަމުން ގެންދާ މީހުން ތިބޭ ތަންތަނުން ސާމްޕަލްތައް ނެގެމުންދާނެކަން ޓާސްކްފޯހުން ހާމަ ކޮށްފައިވެއެވެ.