ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒުކުރުމާ ގުޅިގެން، މީރާގެ މިނިވަންކަމާއި މުސްތަޤިއްލުކަމާމެދު ސުވާލު އުފައްދައި އިންތިހާއަށް ފާޑުކިޔުން އޮއްސާލުމުން، އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެ އެ އިދާރާއިން ބަޔާން ނެރެފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފައިސާ ހޯދުމުގަ އާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި މީރާއިން ޢަމަލުކުރަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އެންފޯސްމަންޓް ޕޮލިސީއާ އެއްގޮތަށްކަމަށެވެ. އެ އޮތޯރިޓީގެ މިނިވަންކަމާއި މުސްތަގިއްލު ކަމާމެދު ސުވާލު އުފައްދައި ޙަޤީޤަތާ ޚިލާފުވާހަކަ ނުފެތުރުމަށާއި ވިޔަފާރިކުރާ ފަރާތުގެ އެހެނިހެން ޙައިސިއްޔަތުތަކަށް ބިނާކޮށް ފިޔަވަޅު އެޅުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށް މީރާއިން ބުނެ އެވެ.
ޓެކްސްގެ ޤާނޫނުތަކުގެ ދަށުން ދައުލަތަށް ލިބެންޖެހޭ ފައިސާއާ ޚިލާފަށް، ދައުލަތުގެ އެހެނިހެން އިދާރާތަކުން ތަންފީޒުކުރަމުންދާ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ދަށުން ދައުލަތަށް ލިބެންޖެހޭ ފައިސާއާއި، ދައުލަތުގެ އެހެނިހެން އިދާރާތަކާ ޢާއްމު ފަރާތްތަކާއެކުވެވޭ އެއްބަސްވުންތަކުގެ ދަށުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދާއި ޖޫރިމަނާ ކަނޑައެޅުއްވުމާއި އެފައިސާ ދައްކަންޖެހޭގޮތް ހަމަޖައްސުމުގެ ބާރު އޮންނަނީ ސީދާ އެ އިދާރާއަށްކަމަށް ބަޔާނުގައި ބުނެ އެވެ. އަދި އެންފޯސްމަންޓް ޕޮލިސީގެ ދަށުން މިއަހަރުގެ ޖެނުއަރީން މިހާތަނަށް އެއްހާސް އަށްސަތޭކަ ސައުވީސް ފަރާތަކަށް ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެތެރޭގައި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ 270 ފަރާތް ހިމެނޭއިރު ދައުލަތުގެ ކަމާބެހޭ އިދާރާތަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހި ނުދައްކައިވާ ޓޫރިޒަމް ދާއިރާގެ ބިމުކުއްޔާއި އެއާގުޅޭ ޖޫރިމަނާއާއި އެހެނިހެން ފައިސާ ދައްކައިފައި ނުވާތީވެ، 17 ފަރާތެއްގެ ބޭންކް އެކައުންޓުތައް މިހާތަނަށް ހިފަހަށްޓާފައިވާކަމަށް މިރާއިން ބުންޏެވެ.
އަދި މިހާރު ހިންގަމުންގެންދާ 8 ރިޒޯޓާއި، ޓޫރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މިހާރު އެއްބަސްވުން ބާތިލުކޮށްފައިވާ 9 ރަށެއް ހިންގާ ފަރާތްތަކުގެ ބޭންކު އެކައުންޓް ހިމެނޭ ކަމަށްވެސް މީރާއިން ބުންޏެވެ.
މީރާއިން ބުނީ ކޯޓު ޙުކުމާ ގުޅިގެން އަޅާ ފިޔަވަޅުތަކަކީ ވަކި ދުވަސްވަރަކަށް ބިނާކޮށް ވަކިފަރާތަކަށް އަމާޒުކޮށްގެން އަޅާފައިވާ ފިޔަވަޅުތަކެއް ނޫންކަމަށެވެ.
މީރާގެ އެންފޯސްމަންޓް ޕޮލިސީގައި ވާގޮތުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށްޓަކައި އަޅައިފައިވާ އެއްވެސް ފިޔަވަޅަކުން އެފަރާތެއް ވީއްލޭނީ އެފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން ނުވަތަ އެފައިސާ ދައްކާނެ ގޮތަކާމެދު މީރާއާއެކު އެއްބަސްވުމަކަށް އައުމުން ނުވަތަ ކޯޓު ހުކުމެއްގެ ދަށުންނެވެ.
މީރާއިން މިހާތަނަށް އަމަލު ކޮށްފައިވަނީ އަދި ކުރިމަގުގައި ޢަމަލު ކުރަމުން ގެންދާނީވެސް ޓެކްސްދައްކާ ފަރާތްތަކުގެ މެދުގައި އެއްވެސް ތަފާތު ކުރުމެއްނެތި، ހަމަހަމަކަމާއި، އިންސާފުވެރި ކަމާއެކުގައި މީރާއިން ބުންޏެވެ.
މީރާއިން މިފަދަ ބަޔާނެއް މި ނެރުނީ، ވިލާ ކުންފުނީގެ އެކައުންޓްތައް ފުރީޒުކުރީ ސިޔާސީ މަގުސަދެއްގައި ކަމަށް ބުނެ، ގިނަ ބަޔަކު މީރާއަށް ފާޑުކިޔަމުން ދަނިކޮށެވެ. ވިލާއަށް ދޫކޮށްފައި އޮތް ތ. އެލާގެ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައެޅުމާއެކު، އެކައުންޓްތައް ފްރީޒުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކޮށް، ގައުމު ހަމަމަގަށް އެޅުވުމަށްޓަކައި އެމްޑީޕީ އާއި ރައީސް މައުމޫންގެ ފެކްޝަނާއި ޖޭޕީ އަދި އަދާލަތު ޕާޓީގެ އިތުރުން އިސްލާހަށް ލޯބިކުރާ ގިނަ ބަޔަކު އެއްގަލަށް އަރައި މަސައްކަތް ފެށި ދަނޑިވަޅުގަ އެވެ.
ވިލާގެ އެކައުންޓްތައް 2015 ވަނަ އަހަރު ވެސް ފްރީޒުކުރީ ސަރުކާރާ ދެކޮޅަށް ގާސިމް މަސައްކަތް ފެއްޓެވުމުންނެވެ.
މިފަހަރު އެކައުންޓްތައް ފްރީޒްކުރުމުގެ އިތުރުން، ރިޝްވަތު ދޭން އުޅުނުކަމަށް ގާސިމްގެ މައްޗަށް ތުހްމަތުކޮށް، އެ މައްސަލަ ފުލުހުން ވަނީ ތަހްގީގުކޮށްފަ އެވެ.
ސިޔާސީ ގޮތުން ގައުމުގައި ކަންކަން ހޫނުވެގެންދާ ދަނޑިވަޅުތަކާ ދިމާވާ ގޮތަށް މީރާގެ ނިންމުންތައް އައުމަކީ އިދިކޮޅު ޕާޓީތަކުން ބުނާ ގޮތުގައި އިއްތިފާގެއް ނޫނެވެ.