ފަހުވަގުތާ ޖެހެންދެންވެސް ކުޅުންތެރިން ހިތްވަރު ކުރި ކަމަށާ މެޗުން ބަލިވި ކަމުގައި ވިޔަސް ކުޅުންތެރިން ދެއްކި ކުޅުމާމެދު ފަހުރުވެރިވާ ކަމަށް މާޒިޔާގެ ކޯޗް މާޔަން ސެކްލޮސްކީ ބުނެފި އެވެ.
އޭއެފްސީ ކަޕުގެ ގުރޫޕު ސްޓޭޖުގައި އަންގާރަދުވަހު އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުން ކޯޗް ސެކްލޮސްކީ ބުނެފައިވަނީ މެޗުގައި މާޒިޔާގެ ނަސީބު ދެރަ ކަމަށާ ނަމަވެސް މިއީ ފުޓުބޯޅަ ކަމަށެވެ.
ކުޅިވަރަކީ ބައްޔާއި މޮޅު ތަޖުރިބާ ކުރަން ޖެހޭ ކަމެއްކަން ފާހަގަ ކުރަމުން ސެކުލޮސްކީ ބުނީ މުޅި މެޗުގައި ހުރިހާ ކަމެއް ރަނގަޅަށް ދިއުމަށްފަހު އެންމެ ފަހު ވަގުތު ކަންތައްތައް ބަދަލުވެގެން ދިޔައީ އެންމެ ހިތްދަތި ގޮތަށް ކަމަށެވެ.
ކޯޗް ވަނީ މެޗުގައި ބެންގަލޫރު އެފްސީއިން ކާމިޔާބުރި ލަނޑަކީ އިތުރުވަގުތު ހަމަވި ފަހުން ކާމިޔާބުކުރި ލަނޑެށް ކަމަށްބުނެ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
ރެފްރީގެ ނިންމުން ތަކާމެދު ހިތްހަމަ ނުޖެހި ހުރެ ކޯޗް ބުނެފައިވަނީ މާޒިޔާއަށް ލިބެން ޖެހޭ ޕެނަލްޓީވެސް ދީފައި ނުވާ ކަމަށެވެ.
ކޯޗް ބުނެފައިވަނީ މާޒިޔާ މެޗުން ބަލިވީ ކޮންސެންޓްރޭޝަން ގެއްލިގެން ނޫން ކަމަށާ އެހެން ނަމަވެސް ފަހު ވަގުތު ހެދުނު ގޯހުގެ ސަބަބުން މެޗުގެ ކަންތައްތައް ބަދަލުވެގެންދިޔައީ ކަމަށެވެ.
ކޯޗް ބުނެފައި ވަނީ މެޗުގެ ކަންތައްތައް ނިމުނު ގޮތުން ކުޅުންތެރިންވެސް ތިބީ ވަރަށް ދެރަ ވެފައި ކަމަށާ ނަމަވެސް ހުރިހާ ކުޅުންތެރިންނަށްވެސް ހިތްވަރުދީފައިވާ ކަމަށެވެ. އަދި ކުޅުންތެރިން ދެއްކި ކުޅުން ގޯސް ނޫންކަން ފާހަގަ ކުރަމުން ކޯޗު ވަނީ ވެނިމިފައިވާ ކަމެއް ބަދަލު ނުކުރެވޭނެ ކަމަށް ބުނެ ކުރިއަށް ހުރި މެޗުތަކަށް ސަމާލުވާނެ ކަމަށް ބުންޏެވެ.
މެޗުން ބަލިވުމުން މާޒިޔާވަނީ ގުރޫޕް އީގެ ދެވަނައަށް ވެއްޓިފައެވެ. ގުރޫޕުގެ އެއްވަނާގައި އޮތީ މާޒިޔާގެ މައްޗަށް ކުރިހޯދި ބެންގަލޫރު އެފްސީ އެވެ.