މަޝްހޫރު ކޮމީޑިއަން އަދި އެކްޓަރު ކެވިން ހާޓް އަދި އޭނާގެ އަންހެނުން، މޮޑެލް އެނިކޯ ޕެރިޝް އަށް އަންހެން ކުއްޖެއް ލިބެން އުޅޭކަން ހާމަކޮށްފި އެވެ.
އެނިކޯ ބަލިވެއިންކަން ހާމަކޮށްފައި ވަނީ މާރޗް މަހުގެ ތެރޭގައެވެ. މި އަހަރުގެ މަންމައިންގެ ދުވަހު މިކަން ހާމަކޮށްފައިވަނީ މިކަމަށް ހާއްސަ ކުޑަ ހަފުލާއަކާއެކުގަ އެވެ. ކެވިން އިންސްޓަގްރާމްގައި ޝެއަރ ކޮށްފައިވާ ފޮޓޯގައި އޭނަގެ އަންހެނުން އެނިކޯގެ ބަނޑު ފެންނަން ހުރެ އެވެ. މި ފޮޓޯގައި ކެވިންގެ ތިން ދަރިން ވެސް ފެނެ އެވެ.
އެނިކޯވެސް ވަނީ މި ފޮޓޯ ޝެއަރ ކޮށްފަ އެވެ. ކެޕްޝަންގައި އޭނާ ބުނީ މިފަހަރު މީ އަންހެން ކުއްޖެއްކަމަށެވެ. އަދި މަންމަމެންގެ ދުވަހު އެނާއަށް އަންހެން ދަރިއަކު ލިބޭކަން އިނގުމުން ވަރަށް އުފާވާކަމަށެވެ. އޭނާއަށް ހީވެފައި އޮތީ މި ފަހަރުވެސް ލިބެނީ ފިރިހެން ކުއްޖެއް ކަމަށް އެނިކޯ ބުންޏެވެ. އެހެންކަމުން އަންހެން ކުއްޖެއްކަން ލިބެނީ އެނގުނު ވަގުތު އުފަލުން އޭނާއަށް ރޮވުނު ކަމަށްވެސް އެނިކޯ ބުނެފައި ވެއެވެ.
ކެވިންގެ ކުރީގެ އަންހެނުން ޓޮރެއި ހާޓްއަށް ލިބިފައިވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އެއީ ހެވަން އާއި ހެންޑްރިކް އެވެ. މިހާރުގެ އަންހެނުން އެނިކޯ ގެ ދަރިފުޅުގެ ނަމަކީ ކެންޒޯ ކޭޝް ހާޓް އެވެ.