ކ. މާލެ
|
4 އޭޕްރިލް 2017 | އަންގާރަ 15:00
ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް
ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް
އަވަސް
އެފްއޭއެމް
އަތޮޅު މުބާރާތުގެ ގަދަ ހަތަރަކަށް ސްޕޮންސަރުން ހަމަޖެހޭނެ: ބައްސާމް
ގަދަ ހަތަރެއްގައި ހިމެނޭ ކޮންމެ ކްލަބަކަށް 1.5 މިލިއަން ރުފިޔާ
ފައިސާގެ އެހީއާއެކު ކްލަބުތައް ހަރުދަނާ ވާންޖެހޭ

މިނިވަން ޗެމްޕިއަންޝިޕުން ދިވެހި ޕްރެމިއަ ލީގަށް ކޮލިފައިވާ އަތޮޅު ތެރޭގެ ހަތަރު ޓީމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުންފުނިތަކާ ވާހަކަ ދެކެވެމުން އަންނަ ކަމަށް ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގެ ކްލަބުތަކަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް އެފްއޭއެމުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން މިހާރު ވަނީ މި ޑިވިޝަންތަކުގައި ވާދަކުރާ ކްލަބުތަކަށް ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތައް ހަމަޖައްސައި ބައެއް ކްލަބުތަކާއެކު އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.

ދެވަނަ ޑިވިޝަންގެ ކްލަބުތަކުގެ ސްޕޮންސަރަކަށް ބޮޑު ދެ ކުންފުނި ހަމަޖެއްސުމަށް އާދިއްތަ ދުވަހު އެފްއޭއެމް ހައުސްގައި ބޭއްވި ހަފްލާއެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބައްސާމް ވިދާޅުވީ އަތޮޅު ތެރެއިން މާލޭ އަންނަ ކްލަބުތަކަށް ވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ އެސޯސިއޭޝަނުން މިހާރުން ފެށިގެން ވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

ބައްސާމް ވިދާޅުވީ ދިވެހި ޕްރެމިއަ ލީގަށް ކޮލިފައިވާ ހަތަރު ޓީމަށް ވެސް ކޮންމެ ޓީމަކަށް 1.5 މިލިއަން ރުފިޔާ ހަމަޖެއްސުމަށް ކުންފުނިތަކާ މަޝްވަރާކުރަމުން އަންނަ ކަމަށާއި އެގޮތުން އެ ކްލަބުތަކަށް އެހީތެރިކަން ފޯރުކޮށްދޭނީ އަތޮޅު ތެރެއަށް ނިސްބަތްވާ ފަދަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުނިތައް ކަމަށެވެ. އެގޮތުން މި ކްލަބުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފެނަކަ އާއި އެމްޓީސީސީ އަދި ތިލަފުށި ކޯޕަރޭޝަން ފަދަ ކުންފުނިތަކާ މަޝްވަރާކޮށް އެގްރިމެންޓްތަކުގައި ސޮއިކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ އަތޮޅު ތެރޭގެ ގަދަ ހަތަރު ޓީމު އެއްކޮށް ޔަގީންވުމާއެކު ގުރު ނެގުމަށްފަހު އެ ކްލަބުތަކާއެކު ކުންފުނިތައް ސޮއި ކުރެވިގެންދާނެ ކަމަށެވެ.

ސަރުކާރުގެ ކުންފުނިތަކާއި ޓީމުތަކާއި ވެވޭ ޕާޓްނާޝިޕްގެ އެއްބަސްވުމުގެ ދަށުން ކުލަބުތަކަށް ފައިސާގެ އެހީ ފޯރު ކޮށްދޭއިރު ކްލަބުތައް ވެސް ހަރުދަނާ ގޮތެއްގައި ހިންގުމަށް ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް އެފްއޭއެމުން ވަނީ ޝަރުތު ކޮށްފަ އެވެ. އޭގެ ތެރޭގައި ފުލް ޓައިމް ޖެނެރަލް ސެކްރެޓަރީއެއް ހުރުމާއި އަންހެން ޓީމެއްގެ އިތުރުން އެކަޑަމީއެއް ހުރުން ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
4 އޭޕްރިލް 2017 | އަންގާރަ 12:03
ސަލީމް
މިއީ ހާދަ މަޖާ ކަމެކޭ... ދައުލަތުގެ ކުންފުނިތައް ބަނޑަށްޖެހުނަސް ހިޔޮ ދެއްތޯ؟