ކ. މާލެ
|
6 މެއި 2020 | ބުދަ 22:36
އަހަރީ އާންމު ޖަލްސާގެ ތެރެއިން، މަޓީގެ އިސްވެރިންތަކެއް
އަހަރީ އާންމު ޖަލްސާގެ ތެރެއިން، މަޓީގެ އިސްވެރިންތަކެއް
ސަން އޮންލައިން
މަޓީގެ ކަންބޮޑުވުން
ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކުރި ރިލީފް ޕެކޭޖުން ފައިދާއެއް ނުވާނެ: މާޓީ
ރިލީފް ޕެކޭޖް ކަނޑައަޅާފައިވަނީ މަޝްވަރާ ނުކޮށް
މިޕެކޭޖަށް ގިނަ ވިޔަފާރިތައް ޝަރުތުހަމައެއް ނުވޭ
މިކަމުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ

ކޮވިޑް-19 ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކުރި ރިލީފް ޕެކޭޖް ކަނޑައެޅީ މަޝްވަރާ ނުކޮށް ކަމަށާއި، އެޕެކޭޖުން ގިނަ ވިޔަފާރިތަކަށް ފައިދާ ނުވާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފިއެވެ.

ކޮވިޑް-19އާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާ ހުއްޓިފައިވާ މިދަނޑިވަޅުގައި މަޓީން ކަންބޮޑުވުންފާޅުކޮށް ނެރިފައިވާ ބަޔާނުގައި ބުނީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭނެ ގެއްލުމުގެ މައްޗަށް ސަރުކާރުން އެސްޓިމޭޓް ކޮށްފައިވަނީ ހަގީގަތާ އެއްގޮތަށް ނޫން ކަމަށެވެ. ވިޔަފާރި ބަގުރޫޓްވެ، ވަޒީފާތައް ގެއްލެމުންދާކަން ފާހަގަކޮށް މަޓީން ބުނީ މިކަމުން އަރައިގަތުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް ސަރުކާރުން އަޅާފައިނުވާކަން މަޓީން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މަޓީން ބުނީ އަވަސް ފިޔަވަޅުތަކެއް ނާޅައިފިކަމުވާނަމަ ޓުއަރިޒަމް ދާއިރާގެ ވިޔަފާރިވެރިން ބަނގުރޫޓުވެ، އެތައް ބައެއްގެ ވަޒީފާ ގެއްލި ކޭޝްފްލޯ މެނޭޖް ކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެކަމަށެވެ. ރިލީފް ޕެކޭޖަށް އަލިއަޅުއްވާ މަޓީން ބުނީ އެހީގެ ޕެކޭޖް ދިނުމުގައި ކަނޑައަޅާފައިވާ ޝަރުތުތަކުގެ ސަބަބުން ދާއިރާގެ ގިނަ ބަޔަކަށް އެ ޕެކޭޖަށް ޝަރުތު ހަމަނުވާތީ އެހީ ނުލިބޭނެ ކަމަށެވެ.

ޓުއަރިޒަމް އިންޑަސްޓްރީ އިހު އޮތް މަގަށް ރުޖޫއަވުމަށް ދަތިތަކެއް ކުރިމަތިވާނެކަން ފާހަގަކޮށް މިކަމުން އަރައިގަތުމަށް އިތުރު އެހީތެރިކަން ސަރުކާރުް ފޯރުކޮށްދިނުމަށް މަޓީން ގޮވާލާފައިވެއެވެ.

ރިލީފް ޕެކޭޖަށް މަޓީން ފާޑުކިޔާފައިވާއިރު، ކޮވިޑް-19 ރާއްޖެއިން ފުރަތަމަ ފެނުމާއެކުވެސް ގިނަ ރިސޯޓުތަކުން މުއައްޒަފުން ނޯޕޭއަށް ފޮނުވާލިއެވެ. އަދި ބައެއް މުއައްޒަފުން ބޭސިކް މުސާރަ ލިބޭ ގޮތަށް ހަދާފައިވާއިރު، ގިނަ ރިސޯޓު މުއައްޒަފުން ވަޒީފާއިން ވަކިކޮށްފައިވެއެވެ.

ރާއްޖޭގެ އިގްތިސާދު 75 އިންސައްތަ ފަތުރުވެރިކަމުގެ ދާއިރާ ހިއްސާކުރާއިރު، މުއައްޒަފުން ވަޒީފާއިން ކަނޑާނުމަށް އަދި މުއައްޒަފުންނަށް ނިކަމެތި ގޮތްތައް ނުހެދުމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުންދިއައެވެ. އަދި މިއުސޫލާ ހިލާފުވާ ކުންފުނިތަކަށް އެހީ ނުލިބޭނެކަން ވެސް ސަރުކާރުން ހާމަކޮށްފައިވެއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ބޮޑު ހީނަރުކަމެއް އައިސްފައިވާއިރު، އެންމެންގެ އެއްބާރުލުމަށް އެދިފައިއެވެ. އަަދި ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އެހީގެ ޕެކޭޖެއް އިއުލާންކޮށްފައެވެ. އެގޮތުން ވިޔަފާރިތަކަށް ލޯނު ދޫކުރަން ނިންމާފައިވާއިރު، ރިސޯޓްތަކަށް ހަތް މިލިއަން ރުފިޔާއާ ހަމައަށް ލޯނުދޫކުރާނެކަން ސާރުކާރުން ހާމަކޮށްފައިވެއެވެ.

- ކޮމެންޓް