ކޮވިޑް-19ގެ މިދަނޑިވަޅުގައި ހުރިހާ ޚިދުމަތެއް ހޯދަން ވެސް ދަތިވާނެ ކަމަށާއި، ކެތްތެރިކަން އިސްކުރުމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް އެދިވަޑައިގެންފިއެވެ.
އަންގާރަ ދުވަހުގެރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ހުރިހާ ޚިދުމަތްތަކެއް ހޯދުމުގައި ވެސް ދަތިތައް ހުންނާނެ ކަމަށާއި، މިދަނޑިވަޅުގައި އެގޮތަށް ހޭނެން ޖެހޭ ކަމަށެވެ.
އެހެނިހެން ބަލިތަކަށް އައިޖީއެމްއެޗުން ޚިދުމަތް ހޯދުމަށް ދަތިވާ މައްސަލައަށް އަލިއަޅުއްވާލައްވާ މަބްރޫކް ވިދާޅުވީ މިހާރު ވެސް އިމަރޖެންސީ ހާލަތްތަކުގައި ހޮސްޕިޓަލުން ފަރުވާ ލިބޭނެ ކަމަށާއި، އެފަރުވާ ލަސް ނުކުރާނެ ކަމަށެވެ. އަދި އެމަރޖެންސީކޮށް ހަދަންޖެހޭ ޓެސްޓެއް ނަމަވެސް އެމަސައްކަތް ވެސް ކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މިހާރު އަޅުގަނޑުމެން މިކަމުގައި މަސައްކަތް ކުރުމަށް ރޭވިފައިވާ ގޮތަކީ ހޮސްޕިޓަލްތަކުގައި ޚާއްސަކޮށް ތިވިދާޅުވާހެން އައިޖީއެމްއެޗްގައި އެސެންޝިއަން މެޑިކަލް ސަރވިސަސް ލިބޭނެ. އަދި އިމަރޖެންސީ މެޑިކަލް ސަރވިސް ލިބޭނެ. ރޫޓިން ކަންތައްތައް ކުރުމުގައި ލަސްތަކެއް ހުުންނާނެ. ދިގު މުއްދަތަށް ބޭސް ކުރާ މީހުންގެ ޕްރިސްކްރިޕްޝަންތައް އާ ކުރުމާއި، އެބޭފުޅުން ކޮންމެހެން މިވަގުތު ހަދަންޖެހޭ ޓެސްޓުތައް ހެދުމުން މިކަހަލަ ކަންތައްތައް ކުރިއަށްދާނެ. ނަމަވެސް ބައެއް ނޮން އެސެންޝިއަލް މިވަގުތު ކޮންމެހެންނުކޮށް މަޑުޖައްސާލެވޭނެ ކަންތައްތައް ލަސްވެގެން ދިއުން އެއީ މިހާރު ދިމާވާނެ ކަމެއް. ހޮސްޕިޓަލްގައި ޚިދުމަތް ދޭއިރުގަ އަޅުގަނޑުމެން ކުރިން ފާހަގަކުރިން ކުރިއަށް އޮތްތާގައި ތަންކޮޅެއް ބޮޑަށް އެކަންތައް ދާނެތީ މިހާރު ވެސް އެކަން ސްޓަރަކްޗަރ ކުރެވިފައި އޮތީ.ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް
މަބްރޫކް ވިދާޅުވީ އައިޖީއެމްއެޗްގެ 45 އިންސައްތަ މެޑިކަލް ސަރވިސަަސް އާންމުކޮށް ދޭ ޚިދުމަތްތަކަށް ދޫކޮށްފައިވާއިރު، 55 އިންސައްތަ ރިސޯސް ބޭނުން ކުރެވޭނީ ކޮވިޑް-19ގެ މަސައްކަތްތަކަށް ކަމަށެވެ. ނަމަވެސް ބޮޑުކަމެއް ދިމާވެއްޖެ ހާލަތުގައި ހޮސްޕިޓަލުން ވަގުތުން އެޓެންޑްވާނެ ކަމުގެ ޔަގީންކަން މަބްރޫކް ވަނީ ދެއްވާފައެވެ.