މައްޝޫރު ލަވަކިއުންތެރިޔާ މެޑޯނާ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކުރިތާ އެއްދުވަސް ފަހުން އޭނާގެ އެކުވެރިއެއްގެ ޕާޓީގައި ބައިވެރިވެއްޖެއެވެ.
މެޑޯނާ ބައިވެފައިވަނީ ފިލްމް މޭކަރ އަދި ސެލެބްރިޓީ ފޮޓޯގްރާފަރ ސްޓީވަން ކްލެއިންގެ އުފަންދުވަހުގެ ޕާޓީގައެވެ.
ސްޓީވަން ކްލެއިން އޭނާ ގެ އިންސްޓަގްރާމްގައި މެޑޯނާއާއިއެކު ވަރަށް ގާތްކޮށްހުރެ ޕާޓީ ތެރޭގައި ނަގާފައިވާ ފޮޓޯއެއް ވަނީ ހިއްސާކޮށްފައެވެ. އެކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި މެޑޯނާ ސޯޝަލް ޑިސްޓެންސިންއަށް ފަރުވާ ނުބަހައްޓާކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައެވެ.
ނަމަވެސް މެޑޯނާގެ މެނޭޖަރ ވަނީ މި ޚަބަރު ދޮގުކޮށްފައެވެ. މެޑޯނާގެ މެނޭޖަރ ބުނެފައިވަނީ އެ ޕާޓީއަކީ ވަރޗުއަލްކޮށް ބޭއްވި ޕާޓީއެއް ކަމަށާއި މެޑޯނާ ކަރަންޓީން ވެގެން ހުރީ އޭނާގެ ގޭގައި އާއިލާ އާއި ކްރޫއިންނާއި އެކުގައި ކަމަށެވެ.
މި ޕާޓީއަށް އައީ 5 ވަރަކަށް މީހުން ކަމަށާއި އެ އެންމެންނަކީވެސް މަހެއްހާ ދުވަހު ކަރަންޓީން ވެގެން ތިބި ބައެއް ކަމަށެވެ. އަދި މެޑޯނާއާ ގުޅުވައިގެން ދޮގު ޚަބަރު ނުފެތުރުމަށާއި މެޑޯނާ އޭނާގެ އަމިއްލަ ނަފްސް އަދި އާއިލާ ރިސްކެއްގެ ތެރެއަށް ނުލާނެ ކަމަށް ވަނީ ބުނެފައެވެ.
މެޑޯނާގެ މެނޭޖަރ ހިއްސާކޮށްފައިވާ ވީޑިއޯގައި ކޮޓަރިއެއްގެ ތެރޭގައި އަށް ވަރަކަށްމީހުން ފެނިގެންދެއެވެ. އަދި އެ އެންމެވެސް ދިޔައީ މާސްކް ވެސް ނާޅާ އިޖްތިމާއީ ގައިދުކުރުކަމެއްނެތި މަޖާކުރަމުންނެވެ.