ކ. މާލެ
|
3 އޭޕްރިލް 2017 | ހޯމަ 18:17
ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ގައުމީ ސަލާމަށް ހުއްޓިގެން
ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ގައުމީ ސަލާމަށް ހުއްޓިގެން
ރާއްޖެއެމްވީ
އެފްއޭއެމް
ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ
އެއްބަސްވުމާއެކު ތިން އަހަރު ބީއެމްއެލް ގައުމީ ޓީމަށް ހަރަދުކުރާނެ
ގިނަ ކްލަބުތަކަށް މިހާރުވެސް އެފްއޭއެމުން ދަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުން

ރާއްޖޭގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޮޑެތި ކުންފުނިތަކާ ހަވާލުކުރެވިފައިވާ އިރު، ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ މާލީ ކަންތައްތައް ހަރުދަނާ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ދެވަނަ ޑިވިޝަނުގެ ދިހަ ކްލަބެއްގެ ސްޕޮންސަރުންގެ ގޮތުގައި އެމްޕީއެލް އާއި ޕޯސްޓް އޮފީސް ކަނޑައެޅުމަށް އާދިއްތަ ދުވަހު އެފްއޭއެމް ހައުސްގައި ބޭއްވި ކުރު ހަފްލާއެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބައްސާމް ވިދާޅުވީ ގައުމީ ބޭންކް ފުޓުބޯޅައިގެ ތެރެއަށް ވަދެގެން ދިއުމަކީ ފުޓުބޯޅަ އަށް ލިބިގެންދިޔަ އިތުރު ބާރަކާއި ހިތްވަރެއް ކަމަށެވެ.

ބައްސާމް ވިދާޅުވީ ގައުމީ ޓީމުގެ ސުޕޮންސަރެއްގެ ގޮތުގައި ބީއެމްއެލް ހަމަޖެއްސުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި އެގޮތުން ކުރިއަށް އޮތް ތިން އަހަރަށް ބީއެމްއެލްއަކީ ގައުމީ ޓީމުގެ ސުޕޮންސަރުގެ ގޮތުގައި ވަރަށް އަވަހަށް އިއުލާން ކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފުރަތަމަ ޑިވިޝަންގައި ހިމެނޭ ކްލަބުތަކާއި ދެވަނަ ޑިވިޝަން އަދި އަތޮޅު ތެރެއިން މާލެ އަންނަ ކްލަބުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ އިދާރާއިން އަންނަނީ ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތައް ކްލަބުތަކުގެ ސްޕޮންސަރުންގެ ގޮތުގައި ހަމަޖައްސަމުންނެވެ.

ސަރުކާރުގެ ކުންފުނިތަކާއި ޓީމުތަކާއި ވެވޭ ޕާޓްނާޝިޕްގެ އެއްބަސްވުމުގެ ދަށުން ކުލަބުތަކަށް ފައިސާގެ އެހީ ފޯރު ކޮށްދޭއިރު ކްލަބުތައް ވެސް ހަރުދަނާ ގޮތެއްގައި ހިންގުމަށް ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް އެފްއޭއެމުން ވަނީ ޝަރުތު ކޮށްފަ އެވެ. އޭގެ ތެރޭގައި ފުލް ޓައިމް ޖެނެރަލް ސެކްރެޓަރީއެއް ހުރުމާއި އަންހެން ޓީމެއްގެ އިތުރުން އެކަޑަމީއެއް ހުރުން ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް