ކ. މާލެ
|
3 އޭޕްރިލް 2017 | ހޯމަ 14:58
ކުރެންދޫ އަދި ނައިފަރު ބައްދަލުކުރި މެޗުގެ ތެރެއިން
ކުރެންދޫ އަދި ނައިފަރު ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެ އެމްވީ
މިނިވަން ޗެމްޕިއަންޝިޕް
ނައިފަރު ޓީމުން ކުރެންދޫ މޮޅުވިޔަ ނުދީ ހިފަހައްޓައިފި
ނައިފަރު ވަނީ އެއް މެޗުން ބަލިވެ އަނެއް މެޗު އެއްވަރުވެފަ
ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުރެންދޫ އާއި އޮޅުވެލިފުށި

މިނިވަން ޗެމްޕިއަންޝިޕްގެ ޅ. އަތޮޅު ބުރުގައި ކުރެންދޫ މޮޅުވަމުން ދަނިކޮށް ނައިފަރުން އެޓީމު މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.

ޅ. އޮޅުވެލިފުށި ދަނޑުގައި ކުޅުނު މި މެޗުން ދެޓީމު އެއްވަރުވީ 2-2 ލަނޑުންނެވެ.

މެޗުގައި ދެޓީމުން ވެސް ޖެހި ލަނޑުތައް ފެނިގެން ދިޔައީ ދެ ވަނަ ހާފުގަ އެވެ. އެގޮތުން ދެ ވަނަ ހާފުގައި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ކުރެންދޫ ޓީމުންނެވެ. މިލަނޑު ކުރެންދޫ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހުސެން ޖިނާހް އެވެ.
ދެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ކުރެންދޫ ޓީމުގެ ދެ ވަނަ ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަހުމަދު މިދާހް އެވެ.

ކުރެންދޫ ކޮޅަށް ނައިފަރު ޓީމުން ދެ ލަނޑު ވެސް ޖެހީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. އެލަނޑުތައް ނައިފަރު ޓީމަށް ކާމިޔާބު ކޮށްދިނީ މައިދާން ސޯލިހް އާއި އަލީ މުހްތާރު ހުސެއިން އެވެ.
މިއީ މިމުބާރާތުގައި ކުރެންދޫ ޓީމް ކުޅުނު ފުރަތަމަ މެޗެވެ. އަދި ނައިފަރު ޓީމް ވަނީ މިމުބާރާތުގެ ފުރަތަމަ މެޗުގައި އޮޅުވެލިފުށި އަތުން 3-2 ލަނޑުން ބަލިވެފައެވެ.

މި މެޗުން އެއްވަރުވުމާ އެކު ނައިފަރަށް ވަނީ މުބާރާތާއި ކުރިއަށް ދިއުމަށް އިތުރު ހުރަހަކާ ކުރިމަތިވެފަ އެވެ. އެގޮތުން އެޓީމަށް މިހާތަނަށް އެއްވެސް މެޗަކުން މޮޅުވެވިފައި ނުވާ އިރު، މި ބުރުން ފައިނަލަށް ދާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އޮޅުވެލިފުއްޓާއި ކުރެންދޫ އެވެ.

ކުރެންދޫ އާއި އޮޅުވެލިފުށި ބައްދަލުކުރާ މެޗު އެއްވަރުވެގެން ނިމުނު ނަމަވެސް މި ދެޓީމު ފައިނަލަށް ދާނެ އެވެ.

ޅ. އަތޮޅު ބުރުގައި ވާދަކުރަނީ އޮޅުވެލިފުށީގެ އިތުރުން ނައިފަރާއި ކުރެންދޫ އެވެ. ޅ. އަތޮޅު ބުރުގައި ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ. އެމެޗުގައި ބައްދަލުކުރާނީ ކުރެންދޫ އާއި އޮޅުވެލިފުށި ޓީމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް