ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލިސް، ނޭޝަނަލް އެސެމްބްލީގެ ރައީސް އަސަދު ގައިސަރ ކޮރޯނާ ވައިރަސް އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެމަނިކުފާނު ބައްޔަށް ޕޮސިޓިވްވި ކަން ހާމަ ކުރައްވާފައިވަނީ އޭނާގެ ޓްވިޓަރ ގައެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ ދަރިކަލުންނާއި ދަރިކަނބަލުން ގެ ޓެސްޓްގެ ނަތީޖާވެސް ޕޮސިޓިވް ވެފައިވާ ކަމަށެވެ.
ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކޮވިޑް-19 ށް ޕޮސިޓިވް ވީ އިރު، އެ ގައުމުގެ އެހެން އިސް ސިޔާސީ ދެ ބޭފުޅަކުވެސް ވެސް ކޮވިޑް-19 ށް ވަނީ ޕޮސިޓިވް ވެފައެވެ.
މިގޮތުން ސިންދު ޕްރޮވިންސްގެ ގަވަރުނަރު މީގެ ތިން ދުވަސް ކުރިން ވަނީ ކޮވިޑް-19 ށް ޕޮސިޓިވް ވެފައެވެ.
ޕާކިސްތާނުގެ އެކްސްޕްރެސް ޓްރިބިއުން އިން ބުނާ ގޮތުގައި ހުސްވި މަހުގެ 28 ވީ އަންގާރަ ދުވަހު ގައިސަރ ވަނީ ބަޔަކަށް ދައުވަތު ދެއްވައިގެން އޭނާގެ ގެކޮޅުގައި ރޯދަ ވީއްލުމެއްވެސް ބާއްވަވާފައެވެ.
ޕާކިސްތާނުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 16000 ށް ވުރެ މައްޗަށް ގޮސްފައެވެ. ބަލީގައި ބުރާސްފަތި ދުވަހުގެ ނިޔަލަށް 385 މީހުން ވަނީ މަރުވެފައެވެ.