ކ. މާލެ
|
3 އޭޕްރިލް 2017 | ހޯމަ 03:10
އަލަވެސް ކޮޅަށް ލަނޑު ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާފާޅު ކުރަނީ
އަލަވެސް ކޮޅަށް ލަނޑު ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާފާޅު ކުރަނީ
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
ސްޕެނިޝް ލީގުގެ އެއްވަނައިގައި ރެއާލް ހަމަޖެހިލައިފި
ރެއާލް އެއްވަނައިގައި އޮތީ ކުޅުނު 28 މެޗުން ލިބުނު 68 ޕޮއިންޓާއެކު

ޑިޕޯޓިވޯ އަލަވެސް އަތުން ހޯދި ތިން ޕޮއިންޓާއެކު ސްޕެނިޝް ލީގުގެ އެއްވަނަ މަގާމުގައި ރެއާލް މެޑްރިޑް ހަމަޖެހިލައިފި އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 0-3 ލަނޑުންނެވެ.

މެޗު ފަށައިގެން ވެސް މޮޅު ކުޅުމެއް ދައްކަމުންދިޔަ ރެއާލުން ވަނީ އަލަވެސްގެ ހާފަށް ބާރުބޮޑުކޮށް ލަނޑެއްޖެހުމަށް ފުލުފުލުގައި ހަމަލާތައް ފޮނުވާލާފަ އެވެ.

ބެންޒެމާ ރޮނާލްޑޯ އަދި ބޭލް ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެމުންދިޔަ ރެއާލުން މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ފްރާންސްގެ ފޯވަޑް ކަރިމް ބެންޒެމާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ބެންޒެމާ މި ލަނޑުޖެހީ ޖަރުމަން ޑިފެންޑަރު ޑެނީ ކާވަހާލްގެ އެހީތެރިކަމާއެކު އެވެ.

މިލަނޑާއެކު ރެއާލުން ފުރަތަމަ ހާފު ނިންމާލި އިރު ދެވަނަ ހާފު ފެށިގެންވެސް އެޓީމުން ވަނީ އިތުރު ލަނޑެއްޖެހުމަށް ފުރުސަތުތަށް ތަނަވަސް ކޮށްފަ އެވެ. މީގެ އިތުރުން އަލަވެސް އިން ވެސް ވަނީ ރެއާލްގެ ހާފަށް ބާރުބޮޑުކޮށް އެޓީމުގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.

މެޗުގައި އަލަވެސް ކުރަމުންދިޔަ މަސައްކަތުގެ ހުރަހަކަށްވީ 85 ވަނަ މިނެޓުގައި އިސްކޯ ލަނޑެއްޖަހައި ލީޑު ފުޅާ ކުރުމުންނެވެ. އޭނާ މިލަނޑުޖެހީ ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މިލަނޑަށްފަހު 88 ވަނަ މިނެޓުގައި ރެއާލުން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު އިތުރަށް ފުޅާކޮށްފަ އެވެ. މިއީ ރެއާލަށް ލިބުނު ހިލޭ ޖެހުމެއްގައި ގެރެތް ބޭލް ފޮނުވާލި ބާރު ހަމަލާ އަލަވެސްގެ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި އޭރިއާ ތެރެއަށް ވެއްޓުނު ވަގުތު ނާޗޯ ފެނާންޑޭޒް ވެއްޓިގަނެގެން ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މޮޅާއެކު ރެއާލް އެއްވަނައިގައި އޮތީ ކުޅުނު 28 މެޗުން ލިބުނު 68 ޕޮއިންޓާއެކު އެވެ. އަދި މެޗުން ބަލިވި އަލަވެސް އޮތީ 29 މެޗުން ލިބުނު 40 ޕޮއިންޓާއެކު ލީގުގެ 10 ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް