މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގެ މަސައްކަތްތައް ރަނގަޅަށް ކުރިއަށްދާނަމަ، ޖެނުއަރީ މަހު ކޮވިޑް-19 ވައިރަހަށް ވެކްސިންއެއް ތައްޔާރުކުރެވިދާނެ ކަމަށް އެމެރިކާގެ ގައިން ގަޔަށް އަރާ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއް ކަމަށްވާ ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެއެވެ.
ބޭރުގެ މީޑިއާއެއް ކަމަށްވާ ސީއެންއެން އަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ފައުޗީ ވިދާޅުވީ ވެކްސިންތައް ތައްޔާރުކުރުމަކީ ތަޖުރިބާ ކުރެވިފައިވާކަމެއް ކަމަށެވެ.
ތައްޔާރު ކުރާ ކޮންމެ ވެކްސިންއެއް ކާމިޔާބުނުވާ ކަން ފާހަގަކުރައްވާ ފައުޗީ ވިދާޅުވީ މިހާރުވެސް ވެކްސިންއެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފައުޗީ ވިދާޅުވީ ޖެނުއަރީ މަހު ކޮވިޑަށް ވެކްސިންއެއް ތައްޔާރުކުރެވިދާނެ ކަމަށެވެ.
ކޮވިޑް-19 އަކީ މުޅިން އާ ބައްޔަކަށް ވުމުން ވެކްސިންއެއް ތައްޔާރު ކުރުމަކީވެސް އުނދަގޫ ކަމެއް ކަމަށެވެ. އެއީ ރިސްކު ބޮޑު ބައްޔަކަށްވެފައި، އޭގެ ސަބަބުން ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވަމުންދާތީ އެ ބައްޔަށް އަވަސް ފަރުވާއެއް ހޯދަންޖެހޭ ކަމަށް ފައުޗީ ވިދާޅުވިއެވެ.
ޗައިނާއިން ފެނުނު މި ވައިރަސް ދުނިޔޭގެ 217 ޤައުމު/ޓެރިޓަރީސް އަކުން ފެނިފައިވާއިރު، މުޅި ދުނިޔެއިންވެސް ވައިރަސްއަށް އެންމެ ގިނަ ޢަދަދެއްގެ މީހުން ޕޮޒިޓިވްވެފައިވަނީވެސް އަދި މަރުވެފައިވަނީވެސް އެމެރިކާއިންނެވެ. އެގޮތުން އެމެރިކާއިން މިލިއަނަކަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވެއެވެ.