ކ. މާލެ
|
2 އޭޕްރިލް 2017 | އާދީއްތަ 21:43
ދެވަނަ ޑިވިޝަނުގެ ކްލަބުތަކާއި ކުންފުނިތައް ހަވާލުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން
ދެވަނަ ޑިވިޝަނުގެ ކްލަބުތަކާއި ކުންފުނިތައް ހަވާލުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން
ރާއްޖެއެމްވީ
އެފްއޭއެމް
ދެވަނަ ޑިވިޝަން ކްލަބުތަކުގެ ބެލެނިވެރި ފަރާތަކަށް އެމްޕީއެލް އާއި ޕޯސްޓް އޮފީސް
ދެވަނަ ޑިވިޝަންގެ 10 ކްލަބަށް އެހީތެރިވާނީ އެމްޕީއެލް އަދި ޕޯސްޓް އޮފީސް
މިހަފްތާގެ ތެރޭގައި ކްލަބުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ

ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަން އަދި އަތޮޅުތަކުން މާލެއަށް އަންނަ ކްލަބުތަކުގެ މާލީ ކަންތައްތައް ހަމައަކަށް އެޅުވުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވައުދުވެ ވަޑައިގެންނެވި ފަދައިން ދެވަނަ ޑިވިޝަންގެ ކްލަބުތަކުގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި ބޮޑު ދެ ކުންފުނި ހަމަޖައްސައިފި އެވެ.

އެފްއޭއެމް ހައުސްގައި އާދިއްތަ ދުވަހު މެންދުރުފަހު ބޭއްވި ކުރު ހަފްލާއެއްގައި ދެވަނަ ޑިވިޝަންގެ ކްލަބުތަކަށް ހަވާލުވާނެ ދެ ކުންފުނީގެ ގޮތުގައި ހަމަޖައްސާފައި ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި މޯލްޑިވްސް ޕޯސްޓް (ޕޯސްޓް އޮފީސް) އެވެ.

ދެވަނަ ޑިވިޝަނުގައި 10 ކްލަބެއް ވާދަކުރާ އިރު، މި ޑިވިޝަންގެ ފުޓުބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

ދެވަނަ ޑިވިޝަނުގައި ވާދަކުރާ ކްލަބުތަކުގެ ތެރެއިން 5 ކްލަބަކަށް އެމްޕީއެލް އިން އެހީތެރިކަން ފޯރުކޮށްދޭ އިރު، އަނެއް ފަސް ކްލަބަށް އެހީތެރިކަން ފޯރުކޮށްދޭނީ ޕޯސްޓް އޮފީހެވެ. އެގޮތުން އެމްޕީއެލް އިން އެހީތެރިކަން ފޯރުކޮށްދޭ ފަސް ކްލަބަކީ ބީޖީ ސްޕޯޓްސް ކްލަބު، ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސް ކްލަބު (ދަ ގޭންގް)، ޖޭޖޭ ސްޕޯޓްސް ކްލަބު، ކުޑަ ހެންވޭރު ޔުނައިޓެޑް އަދި ވިޔަންސާ އެވެ.

ޕޯސްޓް އޮފީހުން އެހީތެރިކަން ފޯރުކޮށްދޭ ފަސް ކްލަބަކީ ކްލަބު ޕީކޭ، ކްލަބު ޒެފްރޯލް، ސްޕޯޓްސް ކްލަބު މެކާނޯ، މަހިބަދޫ ސްޕޯޓްސް ކްލަބު އަދި ވީކޭ ސްޕޯތްސް ކްލަބެވެ.

ދެވަނަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް އަހަރެއްގެ ތެރޭގައި ފަސް ލައްކަ ރުފިޔާގެ މާލީ އެހީއެއް ލިބިގެންދާ އިރު، ކޮންމެ ކުންފުންޏަކުން އަހަރެއްގެ ތެރޭގައި 2.5 މިލިއަން ރުފިޔާ ކްލަބުތަކަށް ހަރަދު ކުރާނެ އެވެ.

އެމްޕީއެލްގެ ސީއީއޯ ހަލީމް ވިދާޅުވީ އެ ކުންފުންޏަކީ އަބަދުވެސް ކުޅިވަރަށާއި ޒުވާނުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަރާތެއް ކަމަށާއި އެގޮތުން ދެވަނަ ޑިވިޝަންގެ ކްލަބުތަކާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެ ކްލަބުތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.

ހަލީމް ވިދާޅުވީ ކްލަބުތަކަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހަރަދުކުރަމުންދާ އިރު، އަމިއްލަ ބައެއް ކުންފުނިތަކުން ވެސް މިކަމަށް ޝައުގުވެރިކަން ފާޅުކޮށް މިކަމަށް އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ހުރިހާ ކްލަބުތަކަށް ވެސް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެފްއޭއެމްގެ އެންމެ ބޮޑު އެއް ބޭނުން ކަމަށެވެ.

ބައްސާމް އިތުރަށް ވިދާޅުވީ މިފަދަ ގޮތަކަށް ކްލަބުތަކުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއެކު އެއްބަސްވުމަކަށް އައުމަކީ ވަރަށް ގިނަ ކަންތައްތަކެއް އެކަމުގައި އެކުލެވޭ ކަމެއް ކަމަށެވެ.

ބައްސާމް ވިދާޅުވީ ދެވަނަ ޑިވިޝަންގެ ކްލަބުތަކާ ކުންފުނިތަކާއެކު މިހަފްތާގެ ބުރާސްފަތި ދުވަހު ނުވަތަ އަންނަ ހަފްތާގެ އާދިއްތަ ދުވަހު ރަސްމީކޮށް ސޮއި ކުރެވިގެންދާނެ ކަމަށެވެ.

އެފްއޭއެމުން އަންނަނީ ދިވެހި ޕްރެމިއަ ލީގަށް ކޮލިފައި ވެގެން އަތޮޅު ތެރެއިން މާލެ އަންނަ ހަތަރު ކްލަބަށް ވެސް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުންފުނިތަކާއެކު މަޝްވަރާ ކުރަމުންނެވެ.

އެގޮތުން އެ އިދާރާއިން މިވަގުތު މަޝްވަރާކުރަމުން އަންނަނީ އަތޮޅު ތެރެއަށް ނިސްބަތްވާ ފަދަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުނިތައް ކަމަށްވާ ފެނަކަ އާއި އެމްޓީސީސީ އަދި ތިލަފުށި ކޯޕަރޭޝަން ފަދަ ކުންފުނިތަކާ މަޝްވަރާކޮށް އެގްރިމެންޓްތަކުގައި ސޮއިކުރުމަށް ތައްޔާރުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް