ކޮވިޑް-19 ގެ ނުރައްކާތެރިކަމާމެދު ފަރުވާކުޑަކޮށްފިނަމަ މުޅި ދުނިޔެއިން 1 ބިލިއަނެއްހާ މީހުންނަށް ވައިރަސް ޖެހިދާނެކަމަށް އިންޓަރނޭޝަނަލް ރެސްކިއު ކޮމިޓީ (އައިއާރްސީ)އިން އާންމުކުރި ރިޕޯޓެއްގައި ބުނެފިއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަދި ލަންޑަންގެ އިމްޕީރިއަލް ކޮލެޖްގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ރިޕޯޓްގައި ބުނެފައިވަނީ، ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް އެންމެ އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައިފިނަމަ މުޅި ދުނިޔެއިން 500 މިލިއަނާއި 1 ބިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ޕޮޒިޓިވްވާނެކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
އެގޮތުން އެކަމަށް މާލީ އެހީއާއި އިންސާނީ އެހީ ބޭނުންވާކަން ފާހަގަކޮށް އައިއާރްސީގެ ރިޕޯޓްގައި ބުނެފައިވަނީ އަފްގާނިސްތާނާއި، ސީރިއާފަދަ ދިރިއުޅުމުގެ އާންމު ޙާލަތު ދަށް ޤައުމުތަކަށް ވީހާވެސް އަވަހަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަަމަށެވެ. އަދި އެފަދަ ޤައުމުތަކުގައި ވައިރަސް ހަލުވި މިނެއްގައި ފެތުރެން ފެށުމުން ރައްކާތެރިވުމަށް ތައްޔާރުވާން ލިބޭ ވަގުތުކޮޅު ވަރަށް ކުޑަވާނެކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން، ހަނގުރާމައިގެ ސަބަބުންނާއި، އިންސާނީ ކާރިސާތައް ތަޙައްމަލު ކުރާ އަދި ދިރިއުޅުމުގެ އާންމު ޙާލަތު ދަށް ޤައުމުތަކުގައި ވައިރަސް ހަލުވިކަމާއެކު ފެތުރެން ފަށައިފިނަމަ މުޅި ދުނިޔެއިން 3 މިލިއަނަށްވުރެ ގިނަ މީހުން މަރުވާނެކަމަށް އަންދާޒާ ކުރެވޭކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
އެގޮތުން ޔަމަނުގެ މެޑިކަލް ޗެރިޓީ ބަލަހައްޓަމުންދާ ކެރޮލައިން ސެގުއިންއާ ޙަވާލާދީ ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުން އެ ޤައުމުގައި މިހާރުވެސް އާންމުންގެ ތެރޭގައި ވައިރަސް ފެތުރެމުންދާއިރު، ހޮސްޕިޓަލުތަކުގައި މަރުވަމުންދާ މީހުންގެ އިތުރުން އާންމު މުޖުތަމައުގެ ތެރެއިންވެސް ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 ގެ ސަބަބުން މަރުވަމުންދާކަމަށް ބެލެވޭ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އަދިވެސް އެކަށީގެންވާ މިންވަރަށް ޓެސްޓުތައް ނުކުރެވޭކަން އޭނާ ފާހަގަކޮށްފައިވެއެވެ.
އެެމެރިކާގެ ޖޯން ހޮޕްކިންސް ޔުނިވަރސިޓީގެ ތަފާސްހިސާބުތައް ދައްކާގޮތުން މުޅި ދުނިޔެއިން ވައިރަސް ޖެހުނު މީހުންގެ އަދަދު 3 މިލިއަނަށް އަރާފައިވާއިރު، މަރުވި މީހުންގެ އަދަދުވެސް ވަނީ 2 ލައްކައަށްވުރެ އިތުރުވެފައެވެ.