އެމެރިކާއިން ކޮވިޑް-19 ޖެހިގެން 74,000 އެއްހާ މީހުން މަރުވާނެ ކަމަށް އެންމެ ފަހުގެ މޮޑެލް އިން ލަފާކޮށްފިއެވެ.
ޔުނިވަރސިޓީ އޮގް ވޮޝިންގްޓަންސް އިންސްޓިޓިއުޓް ފޯރ މެޓްރިކް އެންޑް އިވޭލުއޭޝަން ގެ ޑިރެކްޓަރ ޑރ. ކްރިސް މުރޭ ބޭރުގެ ބައިނަލް އަގުވާމީ މީޑިއާ އެއް ކަމަށްވާ ސީއެންއެން އަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ އެ ޔުނިވަރސިޓީން ތައްޔާރުކޮށްފައިވާ ސައިންޓިފިކް މޮޑެލްގައި ލަފާކޮށްފައިވާ އަދަދުތަކަށް ބަދަލުގެނެސްފައިވާކަމަށެވެ. އެގޮތުން މި ބަލި ޖެހިގެން އެމެރިކާގައި މަރުވާނެ ކަމަށް ލަފާ ކުރެވޭ އަދަދުތަކަށް ބަދަލުތައް ގެނެސްފައިވާކަމަށެވެ.
ކުރިން މި މޮޑެލް އިން 60000 ހާ މީހުން މަރުވާނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް، މިހާރު މޮޑެލްގެ އަދަދުތަކަށް ގެނެވިފައިވާ ބަދަލުތަކާއި އެކު 74000 ހާސް މީހުން އެމެރިކާއިން ކޮވިޑް-19 ޖެހިގެން މަރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިގޮތަށް މޮޑެލްގައި ލަފާކޮށްފައިވީނަމަވެސް، ކުރިއަށް އޮތް ތަނުގައި މި އަދަދުތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ވެސް މުރޭ ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 ޖެހިގެން މަރުވާނެ ކަމަށް ލަފާ ކުރެވޭ މީހުންގެ އަދަދުތައް އިތުރުވެފައިވާއިރު އެކަމާއި ގުޅިގެން ދެވޭ އިރުޝާދުތަކަށާއި ލަފަޔަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް މުރޭ ވިދާޅުވިއެވެ. އެގޮތުން ސޯޝަލް ޑިސްޓެންސިންގް އާއި ވަކި ސްޓޭޓްތަކުގައި އެޅިފައިވާ ފިޔަވަޅުތަކަށް ލުއި ތަކެއް ދެވޭނެ ތާރީހުތަކާއި ގުޅިގެން އެރުވޭ ލަފާތަކަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. ބައެއް ސްޓޭޓްތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ތަކެއް ދިނުމަށް ނިންމާފައިވާއިރު، އެ ނިންމުންތަކާއި ގުޅިގެން މުރޭ ވަނީ ފާޑުވިދާޅުވެފައެވެ.
މިހާތަނަށް އެމެރިކާއިން މިލިއަނަކަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު 56000 އަށް ވުރެ ގިނަ މީހުން ވަނީ އެގައުމުން މަރުވެފައެވެ.