ނިއު ޒިލެންޑްގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ލޮކްޑައުން އުވާލުމުގެ މަރުހަލާއަށް އައިސްފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޖަސިންޑާ އާޑާން ވިދާޅުވެއްޖެ އެވެ.
ފަސް ހަފްތާގެ މުއްދަތަށް ލޮކްޑައުންގައި ނިއު ޒިލެންޑް އޮތްއިރު ލޮކްޑައުން ގައި އަޅާފައިވާ ފިޔަވަޅުތަކަކީ ލެވެލް ހަތަރެއްގެ ފިޔަވަޅުތަކެވެ. ނަމަވެސް ކޮންމެހެން ދޭން ޖެހޭ ޚިދުމަތްތަކާއެކު ލެވެލް ތިނަކަށް ލޮކްޑައުންގެ ހާލަތު ވަނީ މިހާރު ބަދަލުކޮށްފަ އެވެ. އެކަން ހާމަކުރައްވަމުން ނިއުޒިލެންޑްގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން ވިދާޅުވީ މިހަނގުރާމަ ކާމިޔާބު ކުރެވިފައިވާ ކަމަށެވެ.
މިހާރު ވައިރަސް ފެތުރޭތަނެއް ނުފެނޭ. މުޖުތަމަޢުގެ ތެރެއަށް ވައިރަސް ފެތުރެމުންނެއް ނުދޭ.ބޮޑުވަޒީރު ޖަސިންޑާ އާޑާން
މިއާއެކު ނިއުޒިލެންޑްގައި ބައެއް ވިޔަފާރިތަކާއި ކާބޯތަކެތި އޯޑަރކޮށްގެން ގެންދެވޭގޮތަށް ހުންނަ ތަންތަނާއި ސްކޫލްތައް ހުޅުވިގެންދާނެ އެވެ. ނަމަވެސް އާޑާން ވަނީ އަދިވެސް ވައިރަސް ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި ވައިރަސް އެއްކޮށް ނައްތާލެވޭނެ ދުވަހެއް ނޭގޭތީ އެކަމަށް ސަމާލުވާން ޖެހޭކަމަށް ވިދާޅުވެ ރައްޔިތުންނަށް އިންޒާރު ދެއްވާފަ އެވެ. އެގޮތުން ކުރީގެ ދިރިއުޅުމަށް ދިޔުމަށް މަސައްކަތްކުރާއިރު އެކަންކަމަށް ސަމާލުވާންޖެހޭ ކަމަށް އާޑާން ވިދާޅުވި އެވެ.
ކުރީގައި ދިރިއުޅެމުން އައި ގޮތަށް އުޅުމަށް އެންމެންވެސް މިވަނީ ބޭނުންވެފައި. ނަމަވެސް އެކަން ކުރަން ބޭނުންނަމަ ކުރަންޖެހޭނީ މަޑުމަޑުން ވަރަށް ބޮޑަށް އެކަމަށް ސަމާލުވެގެން. ނިއު ޒިލެންޑްގެ ރައްޔިތުންގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް މިކުރި މަސައްކަތް ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެ. އެހެންވީމާ ލެވެލް ތިނެއްގައި ތިބެންޖެހިއްޖެ ނަމަ ތިބޭނީ ލެވެލް ތިނެއްގައިބޮޑުވަޒީރު ޖަސިންޑާ އާޑާން
ފަސް މިލިއަން މީހުން ދިރިއުޅެމުންދާ ނިއު ޒިލެންޑްގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް މިނިންމީ ފާއިތުވި 24 ގަޑިއިރު އަލަށް ވައިރަސް ޖެހިފައިވާ މީހަކު ނުފެނުމާއި ގުޅިގެންނެވެ. މިހާތަނަށް އައިއިރު ނިއު ޒިލެންޑްގައި 1122 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 19 މީހުން ވަނީ މަރުވެފަ އެވެ.
ނިއު ޒެލެންޑް ލޮކްޑައުން ކޮށްފައިވަނީ މަރޗް މަހުގެ ފަހުކޮޅު އެވެ. ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ބޯޑަރ ބަންދު ކުރުމާއި ހުރިހާ ރައްޔިތުން ގޭގައި ތިބުމާއި، ޒަރޫރީ ނޫން ހުރިހާ ވިޔަފާރިތަކަކާއި ޚިދުމަތްތަކެއް މެދުކަނޑާލުން ހިމެނެއެވެ.
ނިއުޒިލެންޑް ފާހަގަކުރެވެނީ މި ފިޔަވަޅުތައް އަޅައިގެން ވައިރަސް ފެތުރުން ކާމިޔާބުކަމާއެކު ކޮންޓްރޯލް ކުރި ގައުމެއްގެ ގޮތުގަ އެވެ.