ސްރީލަންކާގައި ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު 500ށް ވުރެ މައްޗަށް އަރާފައިވާކަމަށް އެޤައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.
ކޮވިޑް-19 ގެ ޙާލަތު ބަޔާންކުރުމަށް ވެރިރަށް ކޮލޮމްބޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާގެ އިސް މަސްއޫލުވެރިން ވިދާޅުވެފައިވަނީ، އާދީއްތަ ދުވަހު އެކަނިވެސް އެޤައުމުން 45 މީހުން ނޮވެލް ކޮރޯނާވައިރަސް(ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. މިއާއެކު އެޤައުމުގައި މިހާތަނަށް ވައިރަސްޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 505 ކަމަށްވެސް ވަނީ ހާމަކުރައްވާފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް މަސައްކަތްކުރުމަށް ސްރީލަންކާ ސަރުކާރުން ޤާއިމުކޮށްފައިވާ ނޭޝަނަލް އޮޕަރޭޝަންސް ސެންޓަރުން ބުނެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އެޤައުމުގެ ކަނޑުގެ އަސްކަރިއްޔާގެ ވެލިއްސާރަ ކޭމްޕުގެ 95 މެންބަރުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.
ސްރީލަންކާގެ ހެލްތު ޕްރޮމޯޝަން ބޯޑުން އެންމެ ފަހުން ޢާންމުކުރި ކޮވިޑް-19 ގެ މައުލޫމާތުތަަކައް ބަލާއިރު، 396 މީހުންނަށް މިހާރުވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަގެންދެއެވެ. އޭގެތެރެއިން 2 މީހެއްގެ ޙާލު ވަރަށް ސީރިއަސްއެވެ. އަދި 120 މީހުން ފަަރުވާދީގެން ރަނގަޅުކޮށްފައިވާއިރު، 7 މީހުން މަރުވެފައިވާކަން އެ ބިއުރޯގެ ޑޭޓާތަކުން އެނގެއެެވެ. އަދި 273 މީހުން ކޮންޓެކްޓް ޓްރޭސިންގެ ތެރޭގައި ހިމެނި ހޮސްޕިޓަލްގައި ބައިތިއްބައިގެން ދަނީ ޞިއްޙީ ޚިދުމަތްތެރިން ދަނީ މޮނިޓަރ ކުރަމުންނެވެ.
ސްރީލަންކާއިން އެންމެ ފުރަތަމަ ކޮވިޑް-19 ރިޕޯޓުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެތެރޭގައެވެ. އެންމެ ފުރަތަމަ އެޤައުމުން ޕޮޒިޓިވްވީކަން އިޢުލާނުކޮށްފައިވަނީ ޗައިނާގެ ރައްޔިތެކެވެ. އަދި އޭނާ ފަރުވާދިނުމަށްފަހު އެއްކޮށް ފަސޭހަވެގެން ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށް ސްރީލަންކާގެ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ ސްރީލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.