ސައުދީ ޢަރައްބިއްޔާއިން މިއަދު (އާދިއްތަ ދުވަހު) އެކަނިވެސް އެއްހާސް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ސައުދީގެ ޞިއްޙަތާބެހޭ ވުޒާރާގެ ތަރުޖަމާނާއި ޙަވާލާދީ ގަލްފުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި އާދީއްތަ ދުވަހު އެކަނިވެސް 1،223 މީހުން ވައިރަސްއަށް ޕޮޒިޓިވްވިއެވެ. މިއާއެކު އެޤައުމުން ވައިރަސް ޖެހުނު މީހުންގެ ޢަދަދު ވަނީ 17،522 އަށް އަރާފައެވެ.
މިއަދު ސައުދީގައި ތިން މީހަކު ކޮވިޑް-19 ގައި މަރުވިއެވެ. މަރުވީ މީހުންގެ ތެރޭގައި ދެ ބިދޭސީންވެސް ހިމެނެއެވެ. މިއާއެކު، އެޤައުމުގައި ވައިރަސް ޖެހިގެން މަރުވީ މީހުންގެ ޢަދަދު ވަނީ 139 ށް އަރާފައެވެ.
ސައުދީގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ބުނާގޮތުގައި ފާއިތުވެދިޔަ 24 ގަޑިއިރު 142 މީހުން ބަލިން ފަސޭހަވެފައިވެއެވެ. މިއާއެކު ފަރުވާދީގެން ރަނގަޅުވީ މީހުންގެ ޢަދަދު ވަޏި 2،357ށް އަރާފައެވެ.
ސައުދީގެ ޞިއްޙަތާބެހޭ ވުޒާރާގެ ތަރުޖަމާނު ޑރ. މުޙައްމަދު އަލް- އަބްދުލް ޢަލީ ވިދާޅުވިގޮތުގައި ފަހަކަށް އައިސް ރިޕޯޓުކުރާ ކޭސްތަކުގެ މިންވަރު އިތުރު ވަނީ ޞިއްޙީ ޚިދުމަތްތެރިން ޓެސްޓްކުރާ މީހުންގެ އަދަދު ގިނަކަމުން ކަމަށެވެ. އެގޮތުން މިހާރު އެޤައުމުން ކުރިޔަށްގެންދާ ފީލްޑް ޓެސްޓިންގ ޕްރޮގުރާމުގެ ދަށުން، ކޮވިޑް-19 ގެ އިތުރު ކްލަސްޓަރތައް ފެންނަމުންދާކަމަށެވެ.
އެޤައުމުން އެންމެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ މައްކާގައެެވެ. އެއީ 272 މީހުންނެވެ. މައްކާވަނީ ލޮކްޑައުންކޮށްފައެވެ. އެޤައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް މިއަދު އެޤައުމުގައި ކާފިއުގެ އަމުރު ލުއި ކުރެއްވި ނަމަވެސް މައްކާގައި ކާފިއުގެ އަމުރު ލުޔެއް ނުކުރައްވައެވެ.
އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރެވިފައިވަނީ ވެރިރަށް ރިޔާދު (267)، މަދީނާ (217) އަދި ޖިއްދާ (117) އިންނެވެ.
ސައުދީޢަރަބިއްޔާއިން ވަނީ ބަރަކާތްތެރި ރަމަޟާންމަހާއި ގުޅުވައިގެން އެޤައުމުގައި އިޢުލާނުކޮށްފައިވާ ކާފިއުގެ ޢަމުރު ލުއިކޮށްފައެވެ. ކަމާއި ބެހޭ ފަރާތްތަކުންވަނީ ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުކިކުތުމަށް އަންގާފައެވެ. އަދި މާސްކް އަޅައިގެން ނޫނީ ބޭރަށް ނުނިކުތުމަށާއި، ބޭރުތެރޭގައި އުޅޭއިރު ޖިސްމާނީ ގައިދުރުކަން އިސް ކުރުމަށް ކަމާއި ގުޅޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.
ސައުދީގެ ދާޚިލީ ދާޚިލީ ވުޒާރާގެ ތަރުޖަމާނު ކާނަލް ޠަލާލް އަލް ޝާލޫބް ވިދާޅުވީ ކާފިއުގެ އަމުރު ލުއިކުރިނަމަވެސް، އެއްސިޓީން އަނެއް ސިޓީއަށް ދަތުުރުކުރުމާއި މަދަނީ އަދި ބައިނަލްއަޤުވާމީ އުދުހުންތައް އަދިވެސް މަނާކަމަށެވެ. އަދި ފަސް މީހުންނަށް ވުރެ ގިނަ މީހުންގެ އެއްވުންތައްވެސް ވަނީ މަނާކޮށްފައެވެ. އަދި ކުރިޔެކޭ އެއްގޮތައް އާދައިގެ ދިރިއުޅުމަކަށް ދާން ވަގުތު ނަގާނެކަމަށް ވެސް ތަރުޖަމާނު ވިދާޅުވެފައިވެއެވެ.