ގަލްފުގެ ޞަރަޙައްދުގައި އެމެރިކާއިން ހިންގާ އަސްކަރީ ޙަރަކާތްތައް ވަަރަށް ގާތުން ބަލަމުންދާ ކަމަށާއި، އެހެންނަމަވެސް މިދަނޑިވަޅުގައި ޞަރަޙައްދު ހަލަބޮލިކަމަށް ނުވަތަ ހަމަނުޖެހުމަކަށް ހިނގައިދާނެ އެއްވެސް އަމަލެއް އީރާނުން ނުހިންގާނެކަމަށް އެޤައުމުގެ ރައީސް ޙަސަން ރޫހާނީ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ ޤަތަރުގެ އަމީރު ތަމީމް އަލް-ޘާނީއާއި ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ޚަބަރު ފަތުރާ ގޮތުގައި ޙަސަން ރޫޙާނީ ޤަތަރުގެ އަމީރަށް ފޯނުން ގުޅުއްވީ އިއްޔެގެ ވަގުތެއްގައެވެ. އަދި މި ފޯނުކޯލުގައި ދެބޭފުޅުން ޤަލްފު ޞަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ވާކަމަށް ބުނެފައިވެއެވެ.
ދެޤައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިވަމުން އަންނަކަން ފާހަގަކުރައްވާ ދެބޭފުޅުން ވަނީ ދޭދޭގުޅުމުގެ ތެރެއިން ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރެވިދާނެ ދާއިރާތަކާގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ގަލްފުގެ ޞަރަޙައްދުގެ ސަލާމަތައް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން ދެބޭފުޅުން ވާހަކަ ދައްކަވާފައިވާއިރު، އީރާނުގެ ރައީސް ވިދާޅުވެފައިވަނީ މި ދަނޑިވަޅުގައި އެމެރިކާއަށް ޙަމަލާދޭން ބޭނުންނުވާ ކަަމަށެވެ.
އީރާނުގެ ރައީސް ޙަސަން ރޫޙާނީ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، އެޤައުމުގެ "އިސްލާމިކް ރިވޮލިއުޝަނަރީ ގާރޑް ކޯރޕްސް" ގެ ކޮމާންޑުން އެމެރިކާގެ އަސްކަރީ މަނަވަރުތަކައް ޙަމަލާދޭނެ ކަމުގެ އިންޒާރުދީފައި ވަނިކޮށެވެ. އިސްލާމިކް ރިވޮލިއުޝަނަރީ ގާރޑް ކޯރޕްސް ބުނެފައިވަނީ ގަލްފުގެ ޞަރަޙައްދުގެ ސަލާމަަަތައް ނުރައްކާވެއްޖެ ހިނދެއްގައި އެމެރިކާގެ އަސްކަރީ މަނަވަރުތައް ނައްތާލާނެކަމަށެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވަނީ މިކަމާއި ގުޅިގެން އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.
މިދިޔަ ހަފުތާގެ ކުރީކޮޅު އީރާނުންވަނީ ބެލިސްޓިކް މިސައިލް ޓޭކްނޯލޮޖީ ބޭނުންކޮށްގެން މިލިޓަރީ ސެޓެލައިޓެއް ލޯންޗުކޮށްްފައެވެ. މިކަމާއި ގުޅިގެން ހުޅަނގުގެ ޤައުމުތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އިނގިރޭސި ވިލާތުން ބުނެފައިވަނީ އީރާނުން ސެޓެލައިޓެއް ލޯންޗުކުރުމަކީ ކަންބޮޑުވާކަމެއްކަމަށާއި، އަދި އީރާނުގެ އެޢަމަލަކީ އދ ގެ ސަލާމަތީ މަޖިލީހުގެ ރޫޙާއި ޚިލާފު އަމަލެއް ކަމަށެވެ.