ކ. މާލެ
|
26 އޭޕްރިލް 2020 | އާދީއްތަ 13:21
ސިންގަޕޫރުގެ މައި މަގެއް
ސިންގަޕޫރުގެ މައި މަގެއް
-
ސިންގަޕޫރުގަ ގިނަބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވުން
ސިންގަޕޫރުން މިއަދު އެކަނިވެސް 900 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި
ސިންގަޕޫރުން ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނި 13،624 އަށް އަރާފަ
އާދީއްތަ ދުވަހު އެކަނިވެސް 931 މީހުން ޕޮޒިޓިވްވި
ހޮނިހިރު ދުވަހު 618 ކޭސް ރިޕޯޓުކޮށްފައިވޭ

ސިންގަޕޫރުން މިއަދު އެކަނިވެސް ނުވަސަތޭކައަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިން މިއަދު ހާމަކުރި މަޢުލޫމާތު ތަކައް ބަލާއިރު، މިއަދު އެކަނިވެސް އެޤައުމުން 931 ކޭސް ރިޕޯޓުކޮށްފައިވެއެވެ. މިއާއެކު އެޤައުމުން ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 13،624 އަށް އަރާފައެވެ.

އެޤައުމުން ވައިރަސް ފެތުރެމުންދާ ޒާތައް ބަލާއިރު، އެންމެ ގިނައިން ފަހަކަށް އައިސް ވައިރަސް އަށް ޕޮޒިޓިވް ވަމުން ދަނީ އެޤައުމުގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނެވެ. އެންމެ ފަހުގެ ކްލަސްޓަރއަށް ބަލާއިރު، ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ 2 ޑޯމެޓްރީ އަކުން ވައިރަސްފެނި، އެތާނގައި އުޅޭ އެތައްސަތޭކަ ބަޔަކަށްވަނީ ވައިރަސް ފެތުރިފައެވެ. މިކަމާއި ގުޅިގެން އެ ޑޯމެޓްރީތައް ވަނީ ފުރަބަންދު ކޮށްފައެވެ.

ސިންގަޕޫރުގެ ހެލްތު މިނިސްޓްރީން ބުނާގޮތުގައި މިއަދު ރިޕޯޓުކުރި ބައެއް ކޭސްތަކުގެ ތެރޭގައި އެޤައުމުގައި ދިގުމުއްދަތަކައް ދިރިއުޅެމުން އަންނަ 15 ބިދޭސީއަކު ހިމެނެއެވެ. ހޮނިހިރު ދުވަހު އެކަނިވެސް އެޤައުމުން 618 ޕޮޒިޓިވް ކޭސް ރިޕޯޓުކޮށްފައިވެއެވެ.

ސިންގަޕޫރަކީ ބިމުގެ ޞަރަހައްދުގެ ގޮތުން ކުޑަޤައުމެއްކަމުގައިވީނަމަވެސް، އެޤައުމުގައި 5.7 މިލިއަން މީހުން ދިރިއުޅެއެެވެ. އާބާދީއާއި އަޅާ ކިޔާއިރު އޭޝިޔާ ބައްރުގެ ޤައުމުތަކުގެ ތެރެއިން އެންމެ ހަލުވި ރޭޓެއްގައި ވައިރަސް ފެތުރެމުންދަނީ ސިންގަޕޫރުގައެވެ. އެޤައުމުގައި މިހާރު ވައިރަސް ފެތުރެމުންދާ ޒާތައް ބެލުމަށްފަހު، ޞިއްޙީ މާހިރުން ވަނީ އެޤައުމަށް ކޮވިޑް-19 ގެ ދެވަނަ ބުރެއް އަތުވެދާނެކަމަށް ލަފާކޮށްފައެވެ.

- ކޮމެންޓް