މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މިހާތަނަށް އިޓަލީގެ 150 ޑޮކްޓަރުން މަރުވެފައިވާކަމަށް އިޓަލީގެ ޑޮކްޓަރުންގެ އެސޯސިއޭޝަން އިން ބުނެފިއެވެ.
ހުކުރު ދުވަހު އެ އެސޯސިޢޭޝަން ހާމަކުރި މައުލޫމާތަށް ބަލާއިރު އިޓަލީގެ ޕޮޒިޓިވްވި 10 އިންސައްތަ މީހުންނަކީ ސއްިޙީ ދާއިރާގައި މަސައްކަތްކުރާ މީހުންނެވެ.
ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އިޓަލީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު އެގައުމަކީ އެންމެ ގިނަ އަދަދަކަށް މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަ އެއް ގައުމެވެ.
މަރުވި މީހުންގެ އަދަދު 26000 އާއި ކައިރިކުރާއިރު އިޓަލީގައި ވައިރަސް ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު މިހާރު ވަނީ ކޮންމެސް ވަރަކަށް ދަށަށްދާން ފަށާފަ އެވެ. އެހެންނަމަވެސް އަދަދުތައް ދަށަށްދަނީ ކުރިން އުންމީދުކުރި ރޭޓްގައި ނޫންކަމަށް އިޓަލީގެ ސިއްހީ މާހިރުން ބުނެއެވެ.
އިޓަލީގައި މިހާތަނަށް އެއްލައްކަ ނުވަދިހަ ދެހާހަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު މި ބަލިން ޖެހިގެން ފަސޭހަވެފައިވަނީ 60 ހާހެއްހާ މީހުންނެވެ.