ލުފްތަންސާ އެއަލައިނަށް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެއެއަރލައިނަށް 1.3 ބިލިއަން އެމެރިކާގެ ޑޮލަރު (1.2 ބިލިއަން ޔޫރޯ) ގެ ގެއްލުންވެފައިވާ ކަމަށް އެ އެއަރލައިނުން ބުނެފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ގިނަ ގައުމުތަކަށް ވަނުން މަނާކޮށް ބޯޑަރުތައް ބަންދުކޮށްފައިވާއިރު އޭވިއޭޝަން އިންޑަސްޓްރީއަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. އެގޮތުން ލުފްތަންސާގެ ގިނަ ފްލައިޓްތަކެއް މިވަގުތުވެސް ވަނީ ގްރައުންޑް ކޮށްފަ އެވެ. ޖަރމަންގެ މިއެއަރ ލައިނުން ބުރާސްފަތި ދުވަހު ބުނެފައިވަނީ މިބަލިމަޑުކަމާއެކު އެސެޓަށް ލިބެމުންދާ ގެއްލުންތަކާއި ތެލުގެ އަގުތައް ދަށަށްދާ ދިޔުމުގެ ސަބަބުން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު އެއަރ ލައިނަށް އިތުރު ގެއްލުންތަކެއް ވާނެ އެވެ.
އެ އެއަރލައިނުން ބުނާގޮތުން އިތުރު ތަފްސީލުތައް ހާމަކުރާނީ މެއި މަހު އެވެ. އެއަރލައިން ހިންގުމަށް މިއަހަރުގެ ފުރަތަމަ ކުއަރޓަރގައި މިހާބޮޑަށް ގެއްލުންވެފައިވާއިރު މިދިޔަ އަހަރުގެ ފުރަތަމަ ކުއަރޓަރގައި އެއެއަރލައިނަށް ގެއްލުންވެފައިވަނީ 336 މިލިއަން ޔޫރޯ އެވެ.
ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވަމުންދާ އެއް އިންޑަސްޓްރީ އަކީ އޭވިއޭޝަން އިންޑަސްޓްރީ އެވެ. ގިނަ އެއަރލައިންތަކެއްގެ ފްލައިޓްތައް ގްރައުންޑް ކޮށްފައިވާއިރު ދަތުރުތައް ފެށޭނެ ދުވަހެއް ނޭންގެ އެވެ. ގިނަ ގައުމުތައް ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ލޮކްޑައުންކޮށްފަ އެވެ.