ކ. މާލެ
|
1 އޭޕްރިލް 2017 | ހޮނިހިރު 05:24
 ޔަތީމްހާނާގައި ތިބި ތިން ކުދިން: އެއް އަހަރަށް ފަހު އެ ކުދިން ވަނީ އެތަނުން ނެރެ، މަންމައާ ހަވާލުކޮށްފައި
ޔަތީމްހާނާގައި ތިބި ތިން ކުދިން: އެއް އަހަރަށް ފަހު އެ ކުދިން ވަނީ އެތަނުން ނެރެ، މަންމައާ ހަވާލުކޮށްފައި
ރާއްޖެއެމްވީ
ހިތްދަތި އާދޭސް
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
ތިން ކުދިންނަން ޔާތީމް ޙާނާގައި އެތަކެއް އަނިޔާތަކެއް ވަނީ ލިބިފައި
އެކުދިންގެ ޙައްގުގައި މަސައްކަތް ކޮށްދިނުމަށް އާއިލާއިން މުއައްސަސާތަކަށް އެދުނު
ހަށިގަނޑުގައި ހުރި ލަކުނުތަކަކީ، ބޮޑެތި އަނިޔާ ދީފައިހުރިކަމުގެ ސާފު ހެކި
މިއަދު ވެސް ބަސީރު އާއި އެނާގެ ބައްޕަ ނައީމް ތިބީ އިންޑިއާގައި

މިއީ ގަބޫލުކުރަން ދަތި ވާހަކައެކެވެ. ދިވެހި ބިމަށް އުފަން، ދިވެހި ރައްޔިތުންގެ ގޮތުގައި ތިބި މައުސޫމް ތިން ކުދިންގެ ބައްޕަ މަރުވެފައިވާ ކަމަށް ބުނެ ޔަތީމްހާނާއަށް ތިން ކުދިންލި ވާހަކަ އެވެ. އިންޑިއާގެ ޔަތީމް ހާނާއެއްގައެވެ. އއ. އުކުޅަސް، ކަންމަތީގެ، އަބްދުﷲ ބަސީރު އާއި އިންޑިއާ ރައްޔިތެއް ކަމަށްވާ ސައީދަލީ ފާތިމާ ލަތީފް އަށް ލިބިފައިވާ ތިން ކުދިން އިންޑިއާގެ ކެރަލާ ސްޓޭޓްގެ ޔަތީމްހާނާއެއްގައި އެއް އަހަރު ދުވަހު ދިރިއުޅެން ޖުހުނު ގޮތުގެ ވާހަކައެވެ.

އއ. އުކުޅަސް ކަންމަތީގޭ އަބްދުﷲ ބަޝީރު، 2000 ވަނަ އަހަރުގެ ތެރޭގައި އިންޑިއާ އަށް ކުރި ދަތުރަކީ، ބަޝީރުގެ ހަޔާތުގެ މުޅިން އާ ދަތުރެއްގެ ފެށުމެކެވެ. އުމުރުން 22 އަހަރުގެ ބަޝީރު، އެދަތުރުގައި އިންޑިއާގެ ކެރަލާ ސްޓޭޓްގެ ޓްރިވެންޑްރަމްގެ ޕޫންތުރު ޑިސްޓްރިކްޓްގައި، އެއަވަށަށް ނިސްބަތްވާ 19 އަހަރުގެ ޒުވާން އަންހެން ކުއްޖަކާ ކައިވެނީގެ ގޮށްޖެހި އެވެ. ދެފަރާތުގެ އާއިލާގެ ރުހުމާއިވެސް އެކުގައެވެ. އެއީ އެ ދެމަފިރިން ގެ ވެސް އަލަތު ކައިވެންޏެވެ. އެހެންވެ، ކައިވެނީގެ އުފަލާއި، ޢާއިލާއެއް ބިނާ ކުރުމުގެ ފޮނި ހުވަފެންތަކާއެކު، ދެމަފިރިންގެ ދިރިއުޅުން ބަޝީރުގެ އުފަން ރަށަށް ބަދަލުކުރިއެވެ. މަސްވެރިކަމުން ނަފާ ހޯދައި، އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ އއ. އުކުޅަހުގައި އެދެމަފިރިންގެ ދިރިއުޅުން ފަށައިގަތީ ނުހަނު އުފަލާއެކުގައެވެ.

އަބްދުﷲ ބަޝީރު އާއި ފާތިމާގެ ކައިވެނި ހަފުލާގައި ނަގާފައިވާ ފޮޓޯއެއް 

 

އުކުޅަހުގެ ހިތްގައިމު ދިރިއުޅުމުގައި ދުވަސްތައް ވޭތުކުރަމުންދަނިކޮށް، 2004 ވަނަ އަހަރު އެދެމަފިރިންގެ އަލަތު ދަރިފުޅާއެކު އާއިލާއަށް އިތުރު އުފާވެރިކަމެއް ގެނެސްދިނެވެ. އަލަތު ދަރިފުޅަށް ފަސް އަހަރު ފުރުނުއިރު، އެދެމަފިރިންނަށް އިތުރު ދެ އަންހެން ދަރިން ލިބިއްޖެ އެވެ. އެކުދީންގެ ޅަފުރައިގެ ދުވަސްތައް ރާއްޖޭގެ ހިތްގައިމު މާހައުލުގައި ވޭތުކުރަމުންދަނިކޮށް، ހަގު ދަރިފުޅަށް 4 އަހަރުގައި ޗުއްޓީއަކަށް، ތިން ކުދިން ގޮވައިގެން ފާތުމާ އިންޑިއާގެ ޓްރިވެންޑްރަމަށް ދިޔައެވެ. އެ ދިޔަ ގޮތަށް ފާތުމަ އެނބުރި ރާއްޖެ ނައެވެ. މިކަންވީ ބަޝީރާއި ބަޝީރުގެ އާއިލާއަށް ލިބުނު ހިތްދަތި ކަމަކަށެވެ.

ބަޝީރުގެ އަންހެނުން ފާތުމަ 

ފާތުމަ، ދަރިންކޮޅު ގޮވައިގެން އިންޑިއާއަށް ދިޔަތާ ތިން އަހަރުވީ އެވެ. އޭނާ ކުރިމަތިލާން ޖެހިފައިވަނީ ހިތްދަތިކަމާއި މާޔޫސްކަމެވެ. ބަޝީރު އާއި އޭނާގެ ބައްޕަ އަބްދުﷲ ނަޢީމް ޓްރިވެންޑްރަމްގައި މިއަދު މަސައްކަތް ކުރަމުން ދަނީ، ބަޝީރުގެ އުފަން ދަރީން އެނބުރި ރާއްޖެ ގެނެވޭނެ މަގެއް ހޯދުމަށެވެ. ބަޝީރުގެ އަލަތު ކައިވެނި ކުރި ފަސްގަނޑަށް އެނބުރި ދިޔައިރު، ޒަވާޖީހަޔާތަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. އެފަސްގަނޑުގައި އޭނާ ވަނީ ގޮތްހުސްވެފައެވެ.

ބަސީރު އާއި އޭނާގެ ބައްޕަ

ކޮންމެ ދުވަހެއްގެ އިރުއެރުމާއެކު، ބަޝީރާއި އޭނާގެ ބައްޕަ ނަޢީމްގެ މަސައްކަތަކީ، ބަޝީރުގެ ތިން ކުދިން ރާއްޖެ ގެނައުމަށް ކުރާ މަސައްކަތުގައި އަލިމަގެއް ހޯދުމެވެ. އިރުއޮއްސި އަނދިރިވުމާއެކު، ނިދަން އޮށޯންނަނީވެސް މާދަމާ ލިބޭނެ ކަމުގެ އުއްމީދުގައެވެ. ދުވާލު ހަތަރު ދަމުގެ މަސައްކަތަކީ އެއީއެވެ. އެންމެ ލޯބިވާ ތިން ދަރީންނަށް ބައްޕައެއްގެ ފުރިހަމަ ލޯބި ހޯދައިދިނުމުގެ އަޒުމުގައެވެ. އެމަސައްކަތުގައި އެތައް ދުވަހެއް ވެއަތުވެ ހިނގައްޖެ އެވެ. އެތަކެއް ގޮންޖެހުންތަކަކާއެކުގައެވެ. އެހެންނަމަވެސް، ބަޝީރުގެ ހިތްވަރެއް ބައްޔެއް ނުވެއެވެ. މިއީ ބަޝީރުގެ ވާހަކަ އެވެ. މިއަށްވުރެ، ބަޝީރުގެ މަޢުސޫމް ތިން ކުދިންގެ ވާހަކަ މާ އަސަރުގަދަ އެވެ. މަންމަގެ އުފަން ފަސްގަނޑުގައި، އެކުދިންނަށް ވަނީ ނުޙައްޤު އެތައް އަނިޔާއެއް ލިބިފައެވެ. މައިންބަފައިން ދުނިޔޭގައި ތިބެމެ، މައިންބަފައިންގެ ލޯބިން މަޙުރޫމްވިއެވެ.

ބަޝީރާއެކު އޭނާގެ ތިން ދަރިން:އެ ކުދިން ރާއްޖެ ގެނެވޭނެ "މަގެއް" އަދި ނުހޯދޭ

2013 އަހަރު ނޮވެމްބަރ މަހުގެ 13 ވަނަ ދުވަހު ފާތުމާ ޗުއްޓީއަށް ތިން ކުދިނާއެކު އިންޑިއާއަށް ދިޔަ ގޮތަށް ފިލީއެވެ. ފާތުމާ އިންޑިއާއަށް ދިޔައީ ތިން ކުދިންގެ އައިޑީކާޑާއި އެކުދިންނާއި ގުޅޭ ހުރިހާ ލިޔެކިޔުންތައް ވެސް ހިފައިގެންނެވެ. ތިން ކުދިންނާއެކު ޗުއްޓީ އަށް އިންޑިއާ އަށް ދިޔުމަށްފަހު، ފާތުމަ އެނބުރި ރާއްޖެ އައުމަށް ދެކޮޅު ހެދިއެވެ. ތިން ކުދިންނާއެކު ފާތުމާ އިންޑިއާގައި ފިލަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެދެމަފިރިން ރާއްޖޭގައި އުޅުނީ ނުހަނު ހަމަޖެހޭ ދިރިއުޅެމެވެ. ފާތުމަ ޗުއްޓީ އަށް ދިއުމާއި ހަމަޔަށްވެސް، އެދެމަފިރިންގެ ދޭތެރޭގައި ހައްލު ނުކުރެވޭ ވަރުގެ ބޮޑު މައްސަލައެއް ދިމާވެފައެއްނުވެއެވެ. އެކުދިން ގޮވައިގެން ރާއްޖެ އައުމަށް ތަކުރާރުކޮށް ބަޝީރު ދިޔައީ ފާތުމަ ކައިރިން އެދެމުންނެވެ. އިންޑިއާގައި ގިނަ ދުވަސްވެ، ކުދިންގެ ވިސާގެ މައްސަލަ ދިމާވެއްޖެނަމަ، ދަތިތަކާއި ކުރިމަތިލާންޖެހޭނެ ކަމާއި، އެނބުރި ރާއްޖެ އައުމަށް ބަޝީރު ދިޔައީ ނަސޭހަތްތެރިވަމުންނެވެ.

 

"ތިން ފަހަރު ބަސީރު އިންޑިއާއަށް ގޮސް އޭނާގެ އަންހެނުންނާއި ބައްދަލުކުރި، ބައްދަލުކޮށްފައި އުކުދިންގެ ވިސާ ހަމަވަނީއޭ ޕާސްޕޯޓް ދިނުމަށް އެދުމުން އޭނާގެ އަންހެނުން ބުނީ ޕާސްޕޯޓް ވަނީ މީހެއްގެ އަތުގައި އޭ ޕާސްޕޯޓެއް ނުދޭނަމޭ، އަންހެން މީހާ ބުނަނީ ބަސީރު އާއި އެކު އުޅޭހިތްނުވާކަމަށް، އަދި އޭނާ މަރާލަންޖެހުނަސް ތިން ކުދިންނެން ރާއްޖެ ނުފޮނުވާނެ ކަމަށް ބުނި" ބަސީރުގެ ބައްޕަ ނައީމް ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުންޏެއެވެ.

 

 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމަޔަށް، ބަޝީރު މަސައްކަތް ކުރީ ފާތުމައަށް ވިސްނައިދިނުމަށެވެ. ތިން ކުދިންނާއެކު އެނބުރި ރާއްޖެ އައިސް، އެކުދިންނަށް މައިންބަފައިންގެ ފުރިހަމަ ލޯބި ހޯދައިދިނުމަށް އާދޭސް ކުރިއެވެ. އެހެންނަމަވެސް، ބަޝީރުގެ އާދޭސްތަކަށް ފާތުމަ ދިނީ ބީރު ކަންފަތެކެވެ. ފާތުމަގެ ޖަވާބަކަށްވީ ބަޝީރުގެ ތިން ކުދިން، އެކުދިންގެ ބައްޕަގެ ގާތަށް ދުވަހަކުވެސް ނުފޮނުވާނެ ކަމަށެވެ. އެންމެ ފަހުން، ފޯނު ނަމްބަރު ބަދަލުކޮށް ރާއްޖޭގައި ތިބި އެކުދިންގެ އާއިލާއާއި، އެކުދިންގެ ބައްޕަ ބަޝީރުއާ ގުޅުން ކަނޑާލިއެވެ. ބަޝީރުގެ ހާސްކަން އިތުރުވީ އެހިސާބުންނެވެ. އޭރު އިންޑިއާގައި ފާތުމަ އާއި ބަޝީރުގެ ތިން ކުދިން ދިރިއުޅޭ ތަނެއްވެސް ކަށަވަރެއްނުވެއެވެ.

 

"އަޅުގަނޑުގެ ތިން ކުދިން ރާއްޖެއަށް ފޮނުވައިދިނުމަށް އަނބިމީހާ ގާތު އެދުމުން ދުވަހަކު ވެސް ރާއްޖެއަށް ނުފޮނުވާނެ ކަމަށްވެސް ބުނި، އަޅުގަނޑު ކުދިންނާއި ފޯނުން ވާހަކަދައްކަން ބޭނުންވާ ވާހަކަ ބުނުމުން ވާހަކަ ދައްކަންވެސް ނުދޭނެ ކަމަށް ބުނި" ބަޝީރު ބުންޏެއެވެ.

 

ފާތުމަ ރާއްޖެ އައުމަށް ނަސޭހަތްތެރިވުމުގެ އިތުރުން، އެކުދިން އެނބުރި ރާއްޖެ ގެނައުމަށް ބަޝީރު ދިޔައީ އެހެން ގޮތްގޮތުންވެސް މަސައްކަތް ކުރަމުންނެވެ. އެމަސައްކަތުގައި، އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓް އޮފީހާއި، ރާއްޖޭގައި ހުރި ކަމާއި ގުޅޭ މުއައްސަސާތަކުގެ އެހީތެރިކަން ހޯދުމަށް ބަޝީރު ދިޔައީ ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންނެވެ. މާޔޫސްކަން އިތުރުވިނަމަވެސް، އެމަސައްކަތުގައި ދެމިހުރީ، އެކުދިންނަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.

އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓް އޮފީސް

އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓް އޮފީހުގެ ސަމާލުކަމަށް އެމައްސަލަ ގެނައުމުން، ކޮންސިއުލޭޓް އޮފީހުން ލަފާދިނީ އެކަމަކީ އާއިލީ މައްސަލައަކަށް ވުމުން، އެމައްސަލަ ފެމިލީ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށެވެ. 2015 ވަނަ އަހަރު ފެމިލީ ކޯޓަށް އެމައްސަލަ ހުށަހެޅުމުން، އެމައްސަލަ ބެލުމަށްފަހު 2016 ވަނަ އަހަރު ފެމިލީ ކޯޓުން ނިންމީ، ބޭރު ޤައުމެއްގެ ރައްޔިތަކާއި ދިވެއްސަކު ކައިވެނިކޮށްގެން ލިބިފައިވާ ކުދިން އެއް ޤައުމުން އަނެއް ޤައުމަށް ބަދަލުކުރެވޭނެ ފަދަ ޤާނޫނެއް ނުވަތަ ގަވާއިދެއް ހެދިފައިނުވުމާއި، އިންޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދު އެފަދަ އެއްބަސްވުމެއް ގާއިމްވެފައިނެތުމުން އެމައްސަލާއި ރާއްޖޭގެ ކޯޓަކުން އިންސާފު ހޯދައިދެވެން ނެތް ކަމަށެވެ. އަނެއްކާވެސް ހިތްދަތިކަމާއި މާޔޫސްކަމެވެ.

ބަޝީރުގެ ތިން ކުދިން:އެ ކުދިން ޔަތީމް ހާނާގައި އެއް އަހަރު ހޭދަކުރި

މި ހިތްދަތިކަމުގައި ބަޝީރު އޭނާގެ ލޯބިވާ ތިން ކުދިންނާއި ދުރުގައި ދިރިއުޅެން މަޖުބޫރުވިއެވެ. ބައްޕަގެ ލޯބިން އެކުދިން މަޙްރޫމްވިއެވެ. އަލުން އަނބުރާ ލޯބިވާ ތިން ކުދިންނާއި އެކުގައި ދިރިއުޅެވޭނެ ކަމުގެ އުއްމީދުގައި ހުއްޓައި، މިއަހަރުގެ ޖެނުއަރީ މަހު އިންޑިއާއިން ފޯން ކޯލެއް އައެވެ. ފާތުމަގެ ކޯލެއް ނޫނެވެ. ދިނީ ސިއްސައިގެންދާވަރުގެ ޚަބަރެކެވެ. ބަޝީރުގެ ތިން ކުދިންނަށް އިންޑިއާގައި ބޮޑެތި އަނިޔާތަކެއް ލިބެމުންދާ ވާހަކައެވެ. އެކުދިންގެ މަންމަ ފަރާތުގެ ބޮޑުދައިތަގެ ޚަބަރަކީ، ބަޝީރުގެ ތިން ކުދިން އިންޑިއާގެ ޔަތީމްޚާނާ އަކަށް ލާފައިވާ ކަމާއި، ޔަތީމްޚާނާގައި އެކުދިންނަށް ބޮޑެތި އަނިޔާދޭ ވާހަކައެވެ. އަދި އެކުދީންގެ ހާލު ރަނގަޅު ނޫން ކަމަށްވެސް ކުދިންގެ ބޮޑު ދައިތަ ޚަބަރު ދިނެވެ.

ބަޝީރުގެ ތިން އަންހެން ކުދިން ކަމަށްވާ އުމުރުން 12 އަހަރުގެ އާއިމިނަތު ޔަސްރާ އަބްދުﷲ އާއި، އުމުރުން 10 އަހަރުގެ އާއިމިނަތު ނަސްރާ އަބްދުﷲ، އަދި އުމުރުން 7 އަހަރުގެ މަރިޔަމް ނައުރާ އަބްދުﷲ އަށް ޔަތީމްޚާނާގައި ބޮޑެތި އަނިޔާތަކެއް ލިބެމުންދާ ކަމުގެ ޚަބަރު ލިބުމާއެކު، އެކުދިންގެ ބައްޕަގެ ކެތްތެރިކަން ކޮޅުންލިއެވެ. އެޚަބަރާއެކު، ބަޝީރު އާއި ބަޝީރުގެ ބައްޕަ  އެމައްސަލަ ކަމާއިބެހޭ މުއައްސަސާތަކަށް ހުށަހެޅިއެވެ. ޖެންޑަރ މިނިސްޓްރީ އާއި، ފުލުހުންގެ އިދާރާ އަދި ޚާރިޖީވުޒާރާ އަށް ކަންހިނގާފައިވާ ގޮތުގެ މަޢުލޫމާތު ޙިއްސާކޮށް، އެކަމުގައި ސަރުކާރުގެ އެހީތެރިކަމަށް އެދުނެވެ. ދިވެހިރާއްޖެ އަށް އުފަން، ދިވެހި ރައްޔިތުންގެ ގޮތުގައި ތިބި މަޢުސޫމް ތިން ކުދިންނަށް ލިބެމުންދާ އަނިޔާތަކުގެ މައްސަލާގައި، ދިވެހިރާއްޖޭގައި މުއައްސަސާތަކުން އެދެވޭ ކާމިޔާބެއް ލިބޭ ގޮތެއް ނުވިއެވެ. އެކުދިންގެ ޙައްގުގައި ކޮށްދެވޭނެ މާބޮޑު ކަމެއް އޮތް ކަމަކަށް ނުވިއެވެ. އާއިލާގެ އާދޭހާއެކުވެސް އެކަމުގައި މާބޮޑު ކުރިއެރުމެއް ނުލިބުނެވެ. އަނެއްކާވެސް ގޮތްހުސްވީއެވެ.

ބަޝީރާއި އޭނާގެ ބައްޕަ މިހާރު ވެސް ތިބީ އިންޑިއާގައި

" އަޅުގަނޑުމެން މާލެ އައިސް ވަގުތުން ކަމާއި ބެހޭ މުވައްސަސާތަކަށް މައްސަލަ ހުށައެޅިން، ފުލުހުންވެސް އަދި އެހެން މުއައްސަސާތަކުން ވެސް ދިން ޖަވާބަކީ ރާއްޖެއާއި އިންޑިއާއި ދޭތެރެއަކު ނޯވެއޭ މީހުން ބަދަލުކުރުމުގެ އެއްވެސް އެއްބަސްވުމެއް ވެސް، އެގްރިމެންޓެއް ވެސް ހެދިފައެއް ނެތޭ، ތިޔަކަމުގައި އެއްވެސް މަސައްކަތެއް ކޮށްދެވެން ނެތް ކަމަށް ބުނެ ދިން ޖަވާބު ވެސް އަޅުނޑުގައި އަތުގައި އެބަ އޮތް" ނައީމް ބުންޏެއެވެ.

" އަޅުގަނޑު ބުނިން އަޅުގަނޑު މިއުޅޭނީ ދިވެހި ޕާސްޕޯޓުގައި ތިބި ދިވެހިންގެ ތިން ކުދިން ، ރާއްޖޭގެ ރަޖިސްޓްރީގައި ތިބި ތިންކުދިން ޔާތީމް ހާނާއެއްގައި އަނިޔާލިބެމުންދާތީ ކަމަށް، ދައުލަތުން ދެވެން އޮތް އެއްބާރުލުމެއް ދިނުމަށް އެދުމުން ވެސް އެބޭފުޅުން އެކަމެއް ނުކޮށްދިން."

މުއައްސަސާތަކުގެ އެއްބާރުލުން ނުލިބުމުން ބަސީރު އާއި އެނާގެ ބައްޕަ ނައީމް އެކުދިން ޔަތީމް ހާނާއިން ނެރުމަށް އިންޑިޔާއަށް ދިޔައެވެ. އިންޑިއާގައި ހުންނަ ދިވެހި ރާއްޖޭގެ ކޮންސިއުލޭޓަށް އެ ދެބަފައިން ގޮސް، މައްސަލަ ހުށައެޅިއެވެ. އަދި ރާއްޖޭގެ ތިން ކުދިންނަށް ޔަތީމް ހާނާއެއްގައި އަނިޔާދެމުންދާ ކަމުގެ ވާހަކަ ހިއްސާކުރުމުން، އެކުދިންގެ މަންމަ ފާތުމަ ކޮންސިއުލޭޓް އޮފީހަށް ހާޒިރުކުރިއެވެ. ކޮންސިއުލޭޓް އޮފީހުން ކުދިންގެ މަންމަ އާއި ސުވާލުކުރުމުން ޔަތީމް ހާނާއަށް ތިން ކުދިން ލީކަމަށް އެއްބަސް ވިއެވެ. ބައްޕަ ދުނިޔޭގައި ހުއްޓަ އެކުދިންގެ ޔަތީމް ހާނާއަށް ނުލެވޭނެ ކަމަށް ބުނެ ކޮންސިއުލޭޓް އޮފީހުން އެކުދިން ޔަތީމް ހާނާއިން ނެރުމަށް ފާތިމައަށް އެންގިއެވެ. ޔަތީމްޚާނާއަށް ތިން ކުދިން ލާފައިވަނީ، އެކުދިންގެ ބައްޕަ ނިޔާވެފައިވާ ކަމަށް ބުނެ އެވެ. ކޮންސިއުލޭޓް އޮފީހުގެ އެންގުމަށް އެކުދިންގެ ބައްޕަ ބަޝީރާއެކު، ޔަތީމްޚާނާ އަށް ފާތުމަ ދިޔުމުން، ފާތުމަ ހެދީ ދޮގުކަން ޔަތީމްޚާނާ ހިންގާ ފަރާތްތަކަށް ފަޅާއެރިއެވެ. ފާތުމައާއި އެތަކެއް ސުވާލުތަކެއް ކުރުމަށްފަހު، އެންމެ ފަހުން ބަޝީރުގެ ތިން ކުދިން ޔަތީމްޚާނާއިން ނެރުނެވެ.

 ބަސީރުގެ ތިން ކުދިން ޔަތީމް ހާނާއިން ނެރުނު ދުވަހު އާއިލާގެ މެމްބަރުންނާއެކު

" އަތީމް ހާނާއާއި ހަވާލުވެގެން ހުރި މީހާ ނުކުމެ ބުނި، ކިހިނެތް ވެގެންހޭ ތިޔަ އުޅެނީ، އަޅުގަނޑުމެން ބުނިން ބަސީރުގެ ތިން ކުދިން މިތަނަން ލާފައި ތިބި ކަމުގެ މައުލޫމާތު ލިބިގެނޭ އަޅުގަނޑުމެން މިއައީ، ބުނީމަ ބުނި ކޮބާހޭ އެ ތިންކުދިންނަކީ، އަޅުގަނޑުމެން ޕާސްޕޯޓާއި އައިޑީކާޑު ދެއްކިން، އެކުދިން އެތާގައި ތިބިކަމަށް ބުނުމުން އަޅުގަނޑުމެން ސުވާލުކުރިން ކިހިނެތްވެގެންތޯ، ތިން ކުދިންގެ މަންމަ އާއި ބައްޕަ ސަލާމަތުން ތިއްބާ ޔަތީމް ހާނާއަށް ވެއްދީ،ބުނީމަ ބުނީ އެކުދިންގެ މަންމަ އެބައޮތޯ ސިޓީއެއް ލިޔެފައި އެކުދިންގެ ބައްޕަ މަރުވިކަމަށް، އެހެންވެގެނޭ ޔާތީމް ހާނާއަށް ވެއްދީ" ނައީމް ބުންޏެއެވެ.

 

އިންޑިއާގައި ބަޝީރުގެ ތިން ކުދިންނަށް އަނިޔާދިން ޔަތީމްޚާނާ ހުންނަނީ ކެރަލާ ސްޓޭޓްގެ އެކަހެރި ހިސާބެއްގައި އެވެ. ރާއްޖެޓީވީގެ ޓީމަށް އޮޓޯއެއްގައި ޔަތީމްޚާނާއަށް ދެވުނީ ތިން ގަޑިއިރު ދުއްވައިގެންނެވެ. ޔަތީމްޚާނާ އަށް ވަނުމަށް ރާއްޖެޓީވީގެ ޓީމަށް އޮތް ހަމައެކަނި މަގަކީ، އެތަނުގައި ތިބި ކުދިންނަށް ހަދިޔާ ދިނުމެވެ. ތަހުގީގީ ނޫސްވެރިކަމެއް ކުރުމަށް ކުރާ މަސައްކަތް ފަޅާއަރައިފިނަމަ، ބޮޑެތި މައްސަލަތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ބަލައި، އެތަނުގެ އެތެރެއަށް ވަނީ، އެކުދިންނަށް ހަދިޔާ ދިނުމުގެ ނަމުގައެވެ. އެތަނަށް ވަނުމުގެ ފުރުޞަތު ދިންނަމަވެސް، އެތަނުގެ ތެރެއަށް ކެމެރާ ވެއްދުމަށް އުޒުރުވެރިވިއެވެ. މައިންބަފައިން ނިޔާވެ، ޔަތީމްވާ ކުދީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ނަމުގައި ހިންގާ އެތަން ސިފަވަނީ ޖަލެއްގެ ގޮތުގައެވެ. ފެންނަ ފެނުމަށް އެއީ ޔަތީމް ކުދީންގެ މައްޗަށް ހަރުކަށި ޤަވާއިދުތައް ހިންގާ ހުރަގެއެއް ފަދަ ތަކެކެވެ.

ބަސީރުގެ ތިން ކުދިން ތިބި ޔަތީމް ހާނާ

މިޔަތީމްޚާނާގައި ބަޝީރުގެ ކުދިން އެއްހަރު ދުވަސް ހޭދަކުރީ ހިތްދަތިކަމުގައެވެ. އަމިއްލައަށް އެއްޗެހި ދޮވެ، ހުރިހާ ކަމެއް ކޮށްގެންނެވެ. އެތަނުގެ އުސޫލުތަކާއި ހިލާފުވެއްޖެނަމަ އަދަބުދެއެވެ. ބައެއްފަހަރު ޔަތީމްހާނާގައި ކުދިން ލާފައި ތިބޭ ތަނުން ނުނިކުމޭގޮތަށް ބަންދުކުރެއެވެ. އެކުދިންގެ ގައިގައި ތަޅާ، ޖިސްމާނީ ބޮޑެތި އަނިޔާ ދެއެވެ.

 

" އެކުދިންގެ ފޮޓޯތަކުން ވެސް އިނގޭނެ އެއީ ޖިސްމާނީ ގޮތުން އެކުދިންނަން ދީފައިވާ އަނިޔާއެއްކަން،ވަރަށް އަސަރުކުރި އެކުދިންނަން އަނިޔާކޮށްފައި ހުރިތަންތަން ފެނުމުން " ބަޝީރު ބުންޏެއެވެ.

 

 އެކުދިންގެ ހަށިގަނޑުގައި ހުރި ލަކުނުތަކުން، ބޮޑެތި އަނިޔާ ދީފައިހުރިކަމުގެ ސާފު ހެކި އަދިވެސް އެހެރީ ފެންނާށެވެ. އެކުދިންގެ އަތާއިފައިގެ ބައެއް ތަންތަން ހުރީ ފާރުހެދިފައި ތަންނަ ދޮސްލާފައެވެ. ބަލާބެލުމަށް ސިފަވަނީ ބަނދެފައި ބެހެއްޓުމުގެ ސަބަބުން އަތާއި ފައިގައި ލާފައިހުރި ލަކުނު ތަކެއްގެ ގޮތުގައެވެ. ސިނގެރޭޓް ނުވަތަ އަލިފާން ޖައްސާފައިހުރި ގޮތަށް އެކުދިންގެ ހަށިގަނޑުގެ ތަންނަން ފިހިފައި ހުއްޓެވެ. އެކުދިންނަން ދިވެހި ބަހުން ވާހަކަ ދައްކަން ނޭނގުނު ނަމަވެސް، މަޅިޔާލަމް ބަހުން އެހިތްދަތި ތަޖުރިބާ އެކުދިން ހިއްސާކުރީ އަސަރާއިއެކުގައެވެ. އެހާ ޅައުމުރެއްގައި ޖިސްމާނީ އަނިޔާތަކެއް ތަޙައްމަލް ކުރަން ޖެހުމުން، އެކުދިންނަށް ވަނީ ނަފްސާނީގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

ފައިގައި އުފެދިފައިވާ ފާރުތައް ދައްކާލަނީ

ކޮންސިއުލޭޓް އޮފީހުގެ އެހީތެރިކަމާއި އެކު އެކުދިން ޔަތީމް ހާނާއިން ނެރުނުކަމުގައި ވިއަސް، އެކުދިން ރާއްޖެގެންދެވޭނެ މަގެއް އަދިވެސް ނުފެނެއެވެ. މަންމަގެ އިހުމާލުން އެކުދިންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން އެނގިތިބެމެ، ކޮންސިއުލޭޓް އޮފީހުން މައްސަލަ ނިންމީ އެކުދިންގެ މަންމަ ފާތުމާ ކައިރީގައި ކުދިން ބޭތިއްބުމަށެވެ. މިކަންވީ ބަޝީރު އާއި ނައީމަށް ގަބޫލުކުރަން ދަތި ކަމަށެވެ. ކޮންސިއުލޭޓް އޮފީހުގެ އިސްވެރިންނަން ޔަތީމް ހާނާއިން އެކުދިންނަން ކޮށްފައިވާ އަނިޔާތައް ފެންނަން ހުއްޓައި މިފަދަ ގޮތަކަށް މައްސަލަ ނިންމުމުނެވެ.

ބަޝީރުގެ ލޯބިލޯބި ތިން ދަރިންގެ އިސްތަށިގަނޑު ޔަތީމް ހާނާއިން ވަނީ ކޮށާލާފައި

އެކުދިންނަށް ޔަތީމްޚާނާގައި އަނިޔާ ލިބި، އަދި އެކުދިންގެ ޕާސްޕޯޓު މުއްދަތު ހަމަވެ އަދި ވިސާގެވެސް މުއްދަތު ހަމަވެފައިވާތީ، އެ މައްސަލައަށް ހައްލެއް ހޯދާދިނުމަށް އެކުދިންގެ ބައްޕަ ހުށަހެޅި މައްސަލަ ނިންމާފައި ވަނީ އެކުދިންގެ މަންމަ ކައިރީގައި އިންޑިއާގައި ބޭތިއްބުމަށެވެ. އަދި ކުދިންގެ ޚަރަދާއި އެހެނިހެން ޙަރަދުގެ ގޮތުގައި 300 ޔޫއެސް ޑޮލަރު ކޮންމެ މަހެއްގެ 10 އެއްގެ ކުރިން ކުދިންގެ މަންމަ އަށް ލިބޭނެ ގޮތް ހަމަޖެއްސުމަށާއި، ކުދިންގެ ޕާސްޕޯޓާއި ވިސާގެ ކަންކަން ނިންމުމަށް ކުދިންގެ ބައްޕަ އެހީތެރިވުމަށާއި، އަދި އެކުދިން ރަނގަޅު މާހައުލެއްގައި ތަރުބިއްޔަތުކުރުމަށާއި، ކުދިންގެ ބެލެމަށް އެކުދިންނާއެކު ގޭގައި މަޑުކުރުމަށް ކުދިންގެ މަންމަ ފާތުމައަށް އަންގައި ކޮންސިއުލޭޓުން މައްސަލަ ނިންމި އެވެ.

 

ބަޝީރު އާއި އެނާގެ ބައްޕަ ނައީމް ކޮންސިއުލޭޓް އޮފީހުގައި އެކުދިން ރާއްޖެ ގެންދަން ބޭނުންވާކަމަށް ބުނުމުން ވެސް އެކަމަށް އެއޮފީހުން އިންކާރު ކުރިއެވެ. އެކުދިން ރާއްޖެ ގެންދަން މަސައްކަތް ކުރާކަމަށްވާނަމަ ބަޝީރު އިންޑިއާ ފުލުހުން ހައްޔަރުކޮށް ޖަލަށް ލާނެ ކަމަށް ކޮންސިއުލޭޓް އޮފީހުން ބުނުމުން، މައްސަލަ ނިންމި ލިޔުމުގައި ސޮއިކުރަން ބަޝީރު ގާތު އެދުނެވެ. 

ބަޝީރުގެ ތިން ދަރިންގެ ތެރެއިން އެއް ދަރިއެއްގެ ފައި ފާރުވެފައި

ރާއްޖެއެމްވީގެ ޓީމަށް ވަނީ ކޮންސިއުލޭޓް އޮފީހުން މައްސަލަ ނިންމިކަމުގެ ލިޔުންކަމަށް ބުނާ ލިޔުމެއް ލިބިފައެވެ. އެހެންނަމަވެސް އެލިޔުމަކީ ދައުލަތުގެ އިދާރާއެއްގެ ލެޓާހެޑްގައި ލިޔެ، ދައުލަތުގެ ނިޝާނެން ޖަހާފައިވާ ލިޔުމެއް ނޫނެވެ. މިފަދަ މައްސަލައެއް ދިވެހި ރާއްޖޭގެ ކޮންސިއުލޭޓް އޮފީހުން ބެލުމަށް ފަހު މައްސަލަ ނިންމާފައިދޭ ލިޔުމުގައި ދިވެހި ދައުލަތުގެ ނިޝާނާއި މައްސަލަ ބެލިމީހާގެ ނަމާއި ސޮއި އިންނަންޖެހޭނެވެ. ކޮންސިއުލޭޓް އޮފީހުން ވެސް އެދެބަފައިންނަން އޮޅުވާލި ކަމަށް ބަޝީރު އާއި ނައީމް ތުހުމަތު ކުރެއެވެވެ.

ޔަތީމް ހާނާގައި ލިބުނު އަނިޔާގެ ލަކުނު 

މިއަދު ވެސް ބަސީރު އާއި އޭނާގެ ބައްޕަ ނައީމް ތިބީ އިންޑިއާގައެވެ. އެކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައެވެ. މަޢުސޫމް ދިވެހި ތިން ކުދިންގެ ޙައްޤުތައް ހޯދައިދިނުމަށް އެކުދިންގެ ބައްޕަ ކުރާ މަސައްކަތުގައި ދިވެހިރާއްޖޭގެ މުއައްސަސާތަކުން ދީފައިވަނީ ބީރު ކަންފަތަކެވެ. ކަނޑައެޅިގެން އެކުދިންނަށް އަނިޔާ ލިބެމުންދާކަން އެނގިތިބެއެވެ. ބައްޕަގެ ލޯބިން މަޙުރޫމްކޮށް، އެކުދިންނަށް އިހުމާލުވި މަންމަގެ އަތްމައްޗަށް އެކުދިން ދޫކޮށްލީއެވެ. އެތަކެއް އަނިޔާތަކަކާއި އެކުދިން ކުރިމަތިލާފައިވަނިކޮށް، އަނެއްކާވެސް އެ އަނިޔާވެރި މާހައުލަށް ދޫކޮށްލަންވީތޯ އެވެ. އެކުދިންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ސަރުކާރުގެ ޒިންމާއެއް ނޫންތޯ އެވެ. ދިވެހިރާއްޖޭގެ އާބާދީގެ ދަފްތަރުގައި އެކުދީންގެ ނަން އެބައޮތެވެ. އެކުދިންނަށް ދިވެހި އައިޑީ ކާޑާއި، ދިވެހި ޕާސްޕޯޓް ދޫކޮށްފައިވެއެވެ.

ސަރުކާރުގެ ޒިންމާއަކީ، ހަމައެކަނި އެކުދިންނަށް އައިޑީ ކާޑު ހައްދައިދިނުމާއި، ޕާސްޕޯޓް ދޫކުރުން އެކަނިތޯއެވެ. އެކުދިން އަނިޔާގެ ވެއްޓަކަށް ދޫކޮށްލައިގެން ދެން ވާނެ ގޮތެއް ބަލަން އަނެއްކާވެސް ތިބެންވީތޯ އެވެ. މިކަމުގައި ދިވެހި ސަރުކާރުގެ ފުރިހަމަ އެހީތެރިކަން އެކުދިންނަށް ބޭނުންވެއެވެ. އެކުދިންގެ ބައްޕަ ބަޝީރުގެ އާދޭހަކީވެސް ދިވެހި ދައުލަތުގެ ފަރާތުން މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ. މައުސޫމް އެކުދިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ މާހައުލެއްގައި ދިރިއުޅުން ވެއަތު ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށެވެ. ދަރިއަކާއި މެދު މަންމަ އަކު ވީ އިހުމާލުން މަޢުސޫމް އިބްތިހާލް ނިޔާވި ހާދިސާ އަކީ ދިވެހީން ހަނދާނުން ނުނެތޭނެ ކަމެކެވެ. މިފަދަ މައްސަލަތަކުގައި، ވަގުތު ފާއިތުވުމުގެ ކުރިން އެކަމަށް ފިޔަވަޅު އަޅަން ޖެހެއެވެ.

- ކޮމެންޓް
2 އޭޕްރިލް 2017 | އާދީއްތަ 21:05
އަހުމަދު
މިކަމުގައި އަވަސް ފިޔަވަޅެއް ނޭޅިއްޖެއްޔާ ތިންކުދިން ބަޝީރަކަށް ދުވަހަކުވެސް ނުފެންނާނެ ، އެކުދިން އިންޑިއާގެ ދުރުހިސާބަކަށް ގެންގޮސް ވިއްކާލާނެ. ގަޓްސަރުކާރުން އަވަސް ފިޔަވަޅެއް އަޅަންޖެހޭ.
2 އޭޕްރިލް 2017 | އާދީއްތަ 10:49
ވަހިދު
ކޮންމެ ގައުމެއްގެ ވެސް ރައްޔިތުންނަކީ އެގައުމުގެ އެންމެ އަގު ބޮޑު ރައުސްމާލު، ދިވެހިންނަށް އެކަން ނޭނގެ، މިތަނަށް މަސައްކަތު އަންނަ ބަންގާޅިން ދިވެހި މެދު އުމުރުގެ މީހުންނާއި އިނދެފައި ދަރިންދީފަ ފިލުން އާއްމު ވެއްޖެ، ދިވެހިން ބޭރު އަންހެނުންނާއި އިނުން އާއްމުވެ މިކަހަލަ ހިމާތަ ތައްް ހިނގުން ވެސް އާއްމު ވެއްޖެ. ވިސްނާ
2 އޭޕްރިލް 2017 | އާދީއްތަ 08:58
ސޮރު
އުކުޅަހުގައި އިންޑިޔާ މީހުންނާއި އިނުމަކީ ވަރަށް މަޝްހޫރު ކަމެއް
2 އޭޕްރިލް 2017 | އާދީއްތަ 07:55
sad
So very sad. Government please help them. The moral of this true heartbreaking story is not to marry unknown foreign strangers and especially do not send them alone with the children to their own countries without you.
1 އޭޕްރިލް 2017 | ހޮނިހިރު 18:38
ހައްޤުބަސް
އެކޮޅުން ވަކީލެއް ނަގައިގެން އިންޑިއާގެ ކޯޓަކަށް މައްސަލަ ހުށަހަޅަނިކޮށް ހައްލުލިބޭލެއް އަވަސްވާނެ މިރާއްޖޭގެ ކޮންސިއުލޭޓާސަރުކާރާ ކޯޓުތައް އެއީފެއިލްވެފަ ހުރިތަންތަން
1 އޭޕްރިލް 2017 | ހޮނިހިރު 18:36
ޒައިން
މީހުން ބަދަލުކުރުމިގެ އެއްބަސްވުމެއް އޮންނާކަށް ނުޖެހޭނެ އެއީ ދިވެހި ރައްޔިތުން ގެނެވެން ޖެހޭނެ ސަރުކާރަށް
1 އޭޕްރިލް 2017 | ހޮނިހިރު 13:40
ހަލަބަ
ހެޔޮނުވާނެ ތި އިންޑިޔާޔާ ދުރުގަ އުޅެވޭތޯ ބަލާބަލަ. ވަރަށް އަނިޔާވެރި ތަނެއްޢއިންޑިޔާ އަކީ.
1 އޭޕްރިލް 2017 | ހޮނިހިރު 13:09
ދެރަ
ކޮންސިއުލޭޓަރ އޮފީހުން ތައްގަނޑުޖެހި ލިޔުމެއް ދޫކުރަން އެދުންނަމަ. އަދި ރާއްޖެ އެމްވީއިން ކޮންސިއުލޭޓަރއާ ސުވާލުކޮށް މަޢުލޫމާތު ސާފުކުރުމަށް މަސައްކަތްކުރެއްވިނަމަ ވަރަށް ރަނގަޅުވީސް. ފާތުމަގެ އިހުމާލު އެކުދިންނަށްއޮވެ ފާތުމަ ގާތުގައި ބެހެއްޓުމަށް ކޮންސިއުލޭޓަރ އަމުރުކުރުމަކީ އިންސާފެއްނޫން. މިކަން ރަނގަޅަށް ތަޙްޤީޤުކުރަންޖެހޭ
1 އޭޕްރިލް 2017 | ހޮނިހިރު 12:14
އަލިފްބާ
Molhu vaahaka dheki dhaane. Anhen meehaa ge adu eheema dhekolhu fennaanee. Dhivehi bappa ge vaahaka genes fa mamma side ge story kobaa. Family issues gai beyru gaaimu vefai vaa diplomatic mission thakah e gaumehgai gaanoonun in beyru masaikai nukurevayne.
1 އޭޕްރިލް 2017 | ހޮނިހިރު 11:53
Gumbo
If the report is true government must be responsible for this, it claerly indicate that government does not have consideration for common people.
1 އޭޕްރިލް 2017 | ހޮނިހިރު 10:43
އަލީ މުގާބޭ
ހުރި ހިތާމައެއްގެ ބޮޑުކަމާ.ދިވެހިން ދިވެހިންގެ ގޮތުގާ އަވަދިވެދަނީ.ގާނޫނު އަސާސީގައިވާ ގޮތުން ދިވެހި ކޮންމެ ރައްޔިތަކަށް ރައްކާތރިކަން ފޯރު ކޮށްދިނުމަކީ ދަައުލަތުގެ ޒިއްމާއެއް.އަދި އެއީ ކިތައްމެ ނިކަމެއްޗެއްކަމުގައި ވިޔަސް ހަމަހަމަވާންޖެހޭ.މިކުދިންނަށް ލިބެމުންދާ އަދި ލިބިފައިވާ ހުރިހާ އަނިޔާއެއްގެ ޒިއްމާ ސަރަުކާރުން ނަގަންޖެހޭނެ.ހިތާމައަކީ މިއަދު އަނިޔާގެ ވާހަކަދައްކާ މިހާ ނުވަތަ ނޫސްވެރިން ކުއްވެރިވަމުންދަނީ.ކޯޓް ތަކުން އިންސާފް ލިބެނީ ވެރިމީހާބޭނުންވާ ބަޔަކަށް .އަދި މުއައްސަސާތަށް ވަނީ ސިޔާސީ ނުފޫޒުގަ ތާށިވެފަ.ނިކަމެތި ރައްޔިތުމީހާގެ އަޑު އަހާނެ ވަގުތެއްމި ވެރިންނަކަށް ނުލިބޭ.ނަމަވެސް ވެރިމީހާ ހިއްޕްޅާނުވާ ޓްވީޓެއް ކޮށްލާމީހާވެސް ޓެރަރިސްޓްއަކަށް ވެގެންދަނީ ރޮކެޓް ސްޕީޑްގަ.އަނިޔާގެ ވާހަކަ ދައްކާ ނޫސްވެރިޔާއަށް ނުހައްގުން އަދަބު ދިނުމަކީ މިވެރިންގެ އުފަލަކަށް ހަދައިފި.މި ހުރީހާ ކަމެއް ސަރުކާރަށް ފަހި ކޮށްދެނީ ޙާއްސަކޮށް ކޯޓްތަކާ ފުލުހުންގެ ފުރިހަމަ އެއްބާރުލުމާއެކު .މިކަމުގަ ޝާމިލްވާ އެއްމެން އިންސާފްގެ ކުރިމައްޗަށް ގެންނަންޖެހޭ.އެކަންވާން އޮތީ މިނޫން ދައުރެއް އަދި ރައްޔިތުންނަށް އަޅާލާ ވެރިއެއް އައިސްގެން.ބަޢާވަތީ ހާދަހާވާ ހިތިއެއްޗެކޭ.
1 އޭޕްރިލް 2017 | ހޮނިހިރު 09:44
ހެޔޮ އެދޭ މީހާ
ވަރަށް ދެރަ ގޮތެއް ތި ދިމާވީ، ހިތްވަރު ކުރާތި އަދި ދުވަހަކުވެސް އުންމީދު ކަނޑާނުލާތި. އެކަމު ބުނަން ވާހަކައެއް؟ ތިކަން ކުރަން އެންމެ ފަސޭހަ ވާނީ ޕީޕީއެމް ބޮޑަކާ ގުޅައިގެން، އެކުދިންނަށް ސޮއި އާ ވޯޓް ދީގެން ވަރަށް ގިނަ ކަނތައް ވާނެ. އަޅެ ޓްރައި ކޮށްލަބަލަ!!
1 އޭޕްރިލް 2017 | ހޮނިހިރު 08:26
Ismail
Dhivehi dhaulathuga mivaguthu thibi bayakah muhinmu vanee faisaa, dhivehinneh muhinmeh noon