ކ. މާލެ
|
31 މާރޗް 2017 | ހުކުރު 04:10
ޅ. އޮޅުވެލިފުށި ފުޓުބޯޅަ ޓީމަށް ޖާޒީ ހަވާލުކުރުމުގެ ހަފްލާގެ ތެރެއިން
ޅ. އޮޅުވެލިފުށި ފުޓުބޯޅަ ޓީމަށް ޖާޒީ ހަވާލުކުރުމުގެ ހަފްލާގެ ތެރެއިން
ރާއްޖެއެމްވީ
މިނިވަން ޗެމްޕިއަންޝިޕް
މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރާ އޮޅުވެލިފުށި ޓީމަށް ޖާޒީ ހަވާލުކޮށްފި
ޅ. އަތޮޅު ޒޯނުގައި ވާދަކުރަނީ ތިން ޓީމު
އޮޅުވެލިފުށި ޓީމުގައި 18 ކުޅުންތެރިންނާއެކު 5 އޮފިޝަލުން ހިމެނޭ

އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ޅ. އޮޅުވެލިފުށި ފުޓުބޯޅަ ޓީމަށް ޖާޒީ ހަވާލުކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެރޭ ޅ. އޮޅުވެލިފުށި ސްކޫލްގައި ބޭއްވި ކުޑަ ހަފްލާއެއްގައި ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ އޮޅުވެލިފުށި ރަށު ކައުންސިލްގެ ޒިންމާދާރު ވެރިޔާ މުހައްމަދު ހަފީޒެވެ.

އޮޅުވެލިފުށި ޓީމުގައި 18 ކުޅުންތެރިންނާއެކު 7 އޮފިޝަލުން ހިމެނެ އެވެ.

ހުކުރު ދުވަހު ހަވީރު ފެށުމަށް ހަމަޖެހިފައިވާ ޅ.އަތޮޅު ޒޯން ތިނެއްގެ މުބާރާތުގައި އެ އަތޮޅުން ތިން ޓީމެއް ވަނީ ބައިވެރިވެފަ އެވެ. އެއީ ޅ. ނައިފަރު، ކުރެންދޫ އަދި އޮޅުވެލިފުއްޓެވެ.

މި ގްރޫޕުގައި ތިން ޓީމު ވާދަކުރާ އިރު ކޮންމެ ޓީމެއް ވެސް އެއް ޓީމު އަނެއް ޓީމާ ވާދަކުރަންޖެހޭނެ އެވެ. އެގޮތުން އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެޓީމެއް ފައިނަލަށް ދާނެ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން އޮޅުވެލިފުށި ޓީމުގެ އިސްފަރާތަކުން ބުނީ އެޓީމު މި މުބާރާތަށް ނުކުންނަނީ މޮޅު ކުޅުމަކާއެކު މުބާރާތުގެ ތަށި ހޯދުމުގެ އަޒުމުގައި ކަމަށެވެ. އަދި އަމިއްލަ ރަށުގައި މި މުބާރާތުގެ މެޗުތައް ކުޅެން ޖެހުމަކީ އެޓީމަށް ލިބޭނެ ފައިދާއެއް ކަމަށް އެފަރާތުން ބުންޏެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ހަވީރު ކުޅޭނީ އޮޅުވެލިފުއްޓާއި ނައިފަރެވެ. އޮޅުވެލިފުށި ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު ހަވީރު 3:55 ގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް