Advertisement
ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 22:04
ސީއެސްސީއާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު ސޮއިކުރުން
ސީއެސްސީއާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު ސޮއިކުރުން
ޓްވިޓަރ
އައްޑޫ ސިޓީ ކައުންސިލް
ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
ޖުމްލަ 14 އަތޮޅެއްގެ ކައުންސިލްތަކާއެކު މިފަދަ ފަހުމު ނާމާތަކުގައި ވަނީ ސޮއިކޮށްފަ

މުވައްޒަފުންގެ ހުނަރާ ޢިލްމީ ޤާބިލުކަން އިތުރުކުރުމަށް، ދެފަރާތް ގުޅިގެން ތަމްރީނު ޕްރޮގްރާމްތައް ހިނގުމަށް ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓާއި އައްޑޫ ސިޓީކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ސިވިލް ސަރވިސް ކޮމިޝަނުގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ. އައްޑޫ ސިޓީކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރ ޢަބުދުﷲ ޞާދިގެވެ.

މި މަސައްކަތަކީ ކައުންސިލުތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ޢިލްމީ އަދި ފަންނީ ޤާބިލުކަން އިތުރުކުރުމަށް، މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެ ފަރާތްގުޅިގެން ލިއްބައިދިނުމަށާއި ސިވިލް ސަރވިސްގެ ވަޒީފާތަކަށް ޒުވާނުން ތަމްރީނު ކުރުމުގެ މަޤްޞަދުގައި ސިވިލް ސަރވިސް ޓްރެއިނިންގް އިންޓިޓިއުޓުން ފަށާފައިވާ މަސައްކަތެކެވެ.

މިގޮތުން 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރު މިސޮއިކުރި ފަހުމުނާމާ އާއިއެކު ޖުމްލަ 14 އަތޮޅެއްގެ ކައުންސިލްތަކާއެކު މިފަދަ ފަހުމު ނާމާތަކުގައި ވަނީ ސޮއިކޮށްފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ވަނީ އައްޑޫ ސިޓީ ކައުންސިލުން އެ ކައުންސިލުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ އެކަމަށްޓަކާއި އެ ކައުންސިލަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން މި ފަހުމު ނާމާގެ ސަބަބުން އައްޑޫ ސިޓީގައި މަސައްކަތްކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މަސައްކަތުގެ ޢިލްމާ ހުނަރު ތަރައްޤީކޮށް ތަޒާވުމަށް ފުރުޞަތުތަކެއް ތަނަވަސް ވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރ ޢަބުދުﷲ ޞާދިގު ދެއްކެވި ވާހަކަފުޅުގައި މި ފަހުމުނާމާގެ ސަބަބުން މުވައްޒަފުންނަށް އެ މީހުންގެ ރަށުގައި ތިބެގެން ދިގުމުއްދަތުގެ ތަމްރީނުތައް ހެދުމުގެ މަގު ތަނަވަސް ވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީ ކައުންސިލާއެކު ސޮއިކުރެވުނު ފަހުމު ނާމާގެ ދަށުން ޑިޕްލޮމާއިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމެންޓް ކޯހާއި، ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯސް އައްޑޫ ސިޓީގައި ކުރިޔަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓާއި އަތޮޅުތަކުގެ ކައުންސިލުތަކާއެކު ވެފައިވާ މިފަދަ ފަހުމުނާމާތަކުގެ ދަށުން، އެ އިންސްޓިޓިއުޓުން ހިންގާ ދިގުމުއްދަތުގެ ކޯހެއް ކަމުގައިވާ ޑިޕްލޮމާއިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމެންޓްގެ ދެ ބެޗް މިހާތަނަށް ހިންގާފައިވެއެވެ. އަދި ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން އަދި ސެޓްފިކެޓް 3 އިން އެކައުންޓިން އެންޑް ފައިނޭންޝިއަލް މެނޭޖްމެންޓްގެ 12 ބެޗް ކުރިޔަށްގެންގޮސްފައި ވެއެވެ.

މީގެ އިތުރުން މިހާރުވެސް  4 އަތޮޅެއްގައި މިފަދަ ކޯސްތައް ފެށެން ދަނީ ތައްޔާރީތައް ވަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް