އިންޑިއާގެ ބައެއް ޑޮކްޓަރުން ދިރިއުޅެމުންދާ ގެތަކުން ގަދަކަމުން އެމީހުން ނެރެމުންދާކަމަށް އިންޑިއާގެ މެޑިކަލް އެސޯސިއޭޝަނުން ބުނެފިއެވެ.
އެމީހުންގެ ފުށުން ކޮވިޑް-19 ޖެހި އެ ގެއެއްގައި ނުވަތަ އެ ގެ ހުންނަ ހިސާބުގައި ދިރިއުޅޭ މީހުންނަށް ކޮވިޑް-19 ޖެހިދާނެކަމުގެ ބިރަށް ޑޮކްޓަރުން ގެތަކުން ނެރެމުންދާއިރު އިންޑިއާ ވަނީ 21 ދުވަހުގެ ލޮކްޑައުންއެއްގައެވެ. އިންޑިއާގެ ޕަބްލިކް ހެލްތް ކެއަރ ސިސްޓަމަކީ އެހާ ރަނގަޅު ނިޒާމަކަށްނުވާއިރު އެކަށީގެންވާ ވަރަށް މެޑިކަލް ސްޓާފުން ނެތުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަލި މީހުން އެންމެ ޑޮކްޓަރަކަށްވެސް ވަނީ ބަލަންޖެހިފައެވެ.
ރެސިޑެންޓް ޑޮކްޓަރސް އެސޯސިއޭޝަން އޮފް ދަ އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް އިން ބުނެފައިވަނީ ބައެއް ޑޮކްޓަރުން ދިރިއުޅެމުންދާ ގެތަކުން އެ ގޭގެ ވެރިން އަންނަނީ ގަދަކަމުން ނެރެމުންނެވެ. އެއާއެކު އެމީހުން ދާނެ ތަނެއްނެތި މަގުމަތި ވެފައިވާކަމަށް ވެސް މި އެސޯސިއޭޝަނުން ބުނެއެވެ. އެހެންކަމުން މިކަން ހައްލުކޮށްދިނުމަށް އެސޯސިއޭޝަނުން ވަނީ ސަރުކާރުގައި އެދިފައެވެ. އެސޯސިއޭޝަނުން ބުނެފައިވަނީ މިހާތަނަށް އާއިރު ނިއުދިއްލީން 3 ޑޮކްޓަރަކަށް އަދި ހައިދްރައާބާދުން 15 ޑޮކްޓަރަކަށް ވަނީ މި މައްސަލަ ދިމާވެފައެވެ.
އިންޑިއާގެ ހެލްތު މިނިސްޓަރ ހަރްޝް ވަރްދާން ކުރެއްވި ޓްވީޓެއްގައި ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ޑޮކްޓަރުންގެ ފުށުން ވައިރަސް ފެތުރިދާނެތީ އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި އެ ގައުމުގެ ހޯމް މިނިސްޓްރީގެ ސްޕޯކްސްވުމެން ނެރިފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ އެގޮތަށް އަމަލުކުރަމުންދާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެއެވެ.
1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާއިން 500 އަށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު 10 މީހުން ވަނީ މިހާތަނަށް އާއިރު މަރުވެފައެވެ.
އެ ގައުމުގެ 1404 މީހަކަށް ހުންނަނީ އެންމެ ޑޮކްޓަރެއްކަމަށް ފެބްރުއަރީ މަހު ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.
ޑޮކްޓަރުންގެ އިތުރުން އެއަރލައިން ސްޓާފުންނަށްވެސް ވަނީ މި މައްސަލަ ދިމާވެފައެވެ. އެކި އެއަރލައިން ތަކުގައި މަސައްކަތްކުރާ މީހުން ވަނީ އެމީހުންގެ މުޖުތަމައުތަކުން އެކަހެރިކޮށްފައެވެ.